އިންސާނާއަށް އެނގެނީ ކޮން އެއްޗެއް ހެއްޔެވެ؟ މާ އެނގޭކަމަށް ހެދިގެން މި ދުނިޔެމަތީގައި އުޅުމުގެ ބޭނުމެއް ނެތެވެ. އިންސާނާ އަބަދުވެސް ދުވަނީ އެމީހެއްގެ ހުވަފެންތަކުގެ ފަހަތުންނެވެ. އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމުގެ ޝައުގާއި އެކުގައެވެ. އެ ހުވަފެންތަކަކީ މި ދުނިޔޭގައި އިންސާނާ ކުރަން ބޭނުންވާ، އިންސާނާ ހިތް އެދޭ، ހިތް ރުހޭ ކަންކަމެވެ. ނަމަވެސް އެ އިންސާނާއަށް ނޭނގޭ ކަމަކީ އެ ކަމެއްގެ ސަބަބުން އެ އިންސާނަކަށް ލިބެން އޮތް ފޮނި މީރުކަމެވެ. ނުވަތަ ހިތި މާޔޫސްކަމެވެ. އެއީ މުސްތަގުބަލު އަހަރެމެންނަށް ނޭނގޭތީއެވެ.

އާދޭހެވެ! އިންސާނާ ކުރާ ހިތްވާ ކަންތަކަކީ ފަހަރުގައި އެ އިންސާނާއަށް އެއްމެ ފައިދާހުރި ކަންތައް ކަމުގައި ނުވެދާނެއެވެ. އަދި އެ އިންސާނާ ކުރާ ހިތްނުވާ ކަމަކީ އެ އިންސާނަކަށް އެއްމެ ފައިދާ ހުރި ކަން ކަމުގައި ވެދާނެއެވެ. އެހެންކަމުން ހިތާ ދެކޮޅު ކޮންމެ ކަމެއްގައި ގަދަ ފައި ވިއްދާފައި އެކަން ނުކުރަން ނޫޅޭށެވެ. ހިތް ނުރުހުނަސް އެފަދަ ކަމެއް ކުރަން ޖެހިއްޖެ ނަމަ އެކަމަކައިގެން ކުރިއަށް ދާށެވެ. މި ދަންނަވަނީ ހަރާމް ކަންތައްތަކުގެ ވާހަކައެއް ނޫނެވެ. ދުނިޔެވީ ހަލާލު ކަންތައްތަކުގެ ވާހަކައެވެ. އިސްވެ ދެންނެވި ކަންކަމަށް އިޝާރާތް ކުރައްވާފައިވާ މާތް ﷲ ގެ ވަޙީ ބަސްފުޅެއް ވެއެވެ. ބަޤަރާ ސޫރަތުގެ 216 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ 

މާނައީ: ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. އެއީ، (އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (އަލް ބަޤަރާ 216 ވަނަ އާޔަތް)

އާދޭހެވެ! އިންސާނުންނަކަށް ނޭނގެއެވެ! ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ ހާލިޤުވަންތަ މާތް ﷲ އެވެ. އިންސާނާ ކުރަން ހިތް އެދޭ ކޮންމެ ކަމަކީ އެކަމަކުން އެ އިންސާނަކަށް ފައިދާ ބޮޑު ކަމަކަށް ނުވެދާނެއެވެ. ކަމެއް ކުރާ ހިތްވުމާއި އެކަމެއް ކުރުމުގެ ޝައުގުވެރިކަން އޮތުމަކީ އަދި އެކަމަކުން އެމީހަކަށް އެއްމެ ފުރިހަމަ ފައިދާ ކުރާނޭ ކަމެއް ނޫނެވެ. ކަމެއް ކުރާ ހިތްވުމާއި އެކު އެކަމުގައި ހުރި ދުނިޔެވީ އަދި އުހުރަވީ ފައިދާތަކާއި ގެއްލުން ތަކަށް ބަލަންވާނެއެވެ. ހަގީގީ ކާމިޔާބުވެރިންނަކީ ދެ ދުނިޔެއާއި މެދު ވިސްނާ ބުއްދިވެރިންނެވެ.