އެކްޓަރު ސިދާތު މަލްހޯތުރާގެ ފިލްމަކަށް އިންތިޒާރުކުރާ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. އެއީ ސިދާތުގެ ކުރިއަށް އޮތް ފިލްމު "ޔޯދާ" ރިލީޒްކުރާ ތާރީޚް މިހާރު މިވަނީ އިޢުލާންކޮށްފައެވެ. އެގޮތުން، ސިދާތުގެ އިތުރުން ދިޝާ ޕާތުނީއާއި ރާޝީ ޚަންނާ މައިގަނޑު ރޯލުތަކުން ފެނިގެންދާ ފިލްމު "ޔޯދާ" ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި 07ގައެވެ. 

ސަގަރު އަމްބްރޭއާއި ޕުޝްކާރް އޯޖާ ޑައިރެކްޓްކޮށް ގެނެސްދޭ މިފިލްމަކީ އެކްޝަން ފިލްމެކެވެ. އަދި މުޅިން ތަފާތު އެވެޓާއެއްގައި ސިދާތު ފެނިގެންދާއިރު މި ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ. ފިލްމުގެ ޕޯސްޓަރުތަކެއް މިއަހަރުގެ ކުރީކޮޅު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދޫކޮށްލައިފައެވެ. 

އެންމެ ފުރަތަމަ މި ފިލްމަކީ ނިމިދިޔަ ނޮވެންބަރު މަހުގެ 11ގައި ރިލީޒްކުރަން ނިންމި ފިލްމެކެވެ. ނަމަވެސް ފިލްމުގެ ޝޫޓިންގތައް ލަސްވެގެން ދިޔުމުގެ ސަބަބުން ރިލީޒްކުރުން ވެސް ލަސްވީކަމަށް މަޢުލޫމާތު ލިބެއެވެ. 

ސިދާތު މަލްހޯތުރާ އެންމެ ފަހުން ފެނިގެންދިޔައީ އަޖޭ ދޭވްގަންގެ "ތޭންކް ގޯޑް"އިންނެވެ. އަދި ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޔޯދާ"ގެ އިތުރުން "މިޝަން މަޖްނޫ"ހިމެނެއެވެ.