ސިކުނޑިއަކީ އިންސާނާގެ ހަށިގަނޑުގެ އެންމެ ކޮމްޕްލެކްސް ބައެވެ. މި ގުނަވަނަކީ އިންސާނާގެ ވިސްނުމާއި، ހަނދާނާއި، ޖަޒުބާތާއި، ފެނުމާއި، ނޭވާލުމާއި، ހަށިގަނޑުގެ ފިނިހޫނުމިނާއި، ބަނޑުހައިހޫނުކަމާއި، ހުނަރާއި، އަދި އެ ނޫން ވެސް އަހަރެމެންގެ ހަށިގަނޑުގައިވާ ކޮންމެ ނިޒާމެއް ކޮންޓްރޯލްކުރާ ގުނަވަނެވެ. ނޭވާލުމާއި، ލޮލުގެ ޙަރަކާތާއި، ހިތުގެ ވިންދު ފަދަ މުހިންމު މަސައްކަތްތައް ވެސް ކޮންޓްރޯލް ކުރަނީ ސިކުނޑިންނެވެ. އެހެން ކަމުން ސިކުނޑިއާއި ނުލާ ދިރިއެއް ނުހުރެވޭނެއެވެ. މިއީ އެހެނިހެން މަޚުލޫޤުންނާއި އިންސާނުން ތަފާތުކޮށްދޭ ގުނަވަން ވެސްމެއެވެ. މާނައަކީ، ސިކުނޑި އެއީ އިންސާނިއްޔަތުކަމުގެ ހުރިހާ ސިފަތަކެއްގެ މަސްދަރެވެ.
އިންސާނާގެ ސިކުނޑިއާ ގުޅޭ ވަރަށް ޝަޢުޤުވެރި ކަންތައްތަކެއް:
- ސިކުނޑީގެ ބަރުދަނުގައި ގާތްގަނޑަކަށް ތިން ޕައުންޑް ހުރޭ.
ސިކުނޑި ހަމަ އެހާ ބަރުތަ؟: ހެދިބޮޑުވެފައި ހުރި އިންސާނެއްގެ ސިކުނޑީގެ ބަރުދަނުގައި ގާތްގަނޑަކަށް 3 ޕައުންޑް ނުވަތަ 1.36 ކިލޯ ހުންނާނެއެވެ. ސިކުނޑީގެ ބަރުދަން އިޙުސާސް ނުކުރެވެނީ ސެރީބްރޯސްޕައިނަލް ފްލުއިޑްގެ ސަބަބުންނެވެ. މި ފްލުއިޑް ހުންނަނީ ބޮލުގެ ނާށިގަނޑާއި ސިކުނޑިއާ ދެމެދުގައިވާ ހުސްތަނުގައެވެ. މި ފްލުއިޑަކީ ސިކުނޑި ރައްކާތެރިކޮށްދޭ ފްލުއިޑެކެވެ.
- ސިކުނޑީގެ ފަސްދޮޅަސް އިންސައްތަ އުފެދިފައިވަނީ ސަރުބީ، ނުވަތަ ފެޓްސް އިން.
ސިކުނޑީގެ ބާކީ ބައި އުފެދިފައިވަނީ ކޮން އެއްޗަކުން؟: ސިކުނޑީގެ ބަރުދަނުގައި ގާތްގަނޑަކަށް 3 ޕައުންޑް ހުންނަ ނަމަ، އޭގެ ގާތްގަނޑަކަށް %60 އަކީ ސަރުބީއެވެ. ބާކީ %40 އަކީ ފެނާއި، ޕްރޮޓީން، ކާބޯހައިޑްރޭޓްސް އަދި ލޮނުން އުފެދިފައިވާ ބައިބައެވެ. ސިކުނޑިއަކީ މަސްގަނޑެއް ނޫނެވެ. އެއީ ލޭހޮޅިތަކާއި ނާރުތަކާއި، ނިއުރޯންތަކާއި ގްލިއަލް ސެލްތައް ވެސް އޭގައި ހިމެނޭ ގުނަވަނެކެވެ.
- އުމުރުން 25 އަހަރުގެ ކުރިން ސިކުނޑި ފުރިހަމައަށް ތަރައްޤީ ނުވާނެ.
އެހާ ގިނަ ދުވަސް ނަގަނީ ކީއްވެ؟: ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނުންގެ ސިކުނޑި ތަރައްގީވާން ގާތްގަނޑަކަށް 25 އަހަރު ނަގައެވެ. އެހެން ނަމަވެސް މި ރޭޓްތައް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުވެދާނެ އެވެ. ސިކުނޑިއަކީ އުމުރުން 20ގެ އަހަރުތަކުގެ މެދުތެރެއިން ނޫނީ ތަރައްޤީވެ ފުރިހަމަވާ އެއްޗެއް ނޫނެވެ. ސިކުނޑީގެ ކުރިމަތީ ބައި ކަމަށްވާ ޕްރީފްރޮންޓަލް ކޯޓެކްސްއަކީ ސިކުނޑީގެ އެންމެ ފަހުން ފުރިހަމަވާ އެއް ސަރަހައްދެވެ.
- ހައްދެއް ނެތް މިންވަރަށް ސިކުނޑީގައި 'އަންލިމިޓެޑް' މައުލޫމާތު ރައްކާ ކުރެވޭ.
ސިކުނޑީގައި މައުލޫމާތު ރައްކާ ކުރުމަށް އޮތް ޖާގަ ހުސްވެދާނެ؟: ދިގު މުއްދަތުގައި ހަނދާންތައް ރައްކާ ކުރެވެނީ ސިކުނޑިން އުފައްދާ ނިއުރަލް ޕެޓަރންސް ނުވަތަ ނިއުރޯންތައް ގުޅިގެން އުފެދިފައިވާ ސާކިޓްތަކުގައެވެ. . މި ފަދަ އައު ޕެޓަރންތައް ހައްދެއް ނެތް މިންވަރަށް ނުވަތަ 'އަންލިމިޓެޑް'ކޮށް އުފެއްދުމުގެ ޤާބިލުކަން ސިކުނޑިއަށް ލިބިގެންވެއެވެ. އެހެން ކަމުން ސިކުނޑީގައި މައުލޫމާތު ރައްކާ ކުރެވޭ 'މެކްސިމަމް ކެޕޭސިޓީއެއް' ކަނޑައެޅިފައެއް ނުވެއެވެ. ހައްދެއް ނެތް މިންވަރަށް ސިކުނޑީގައި ހަނދާންތައް ރައްކާ ކުރެވޭނެއެވެ.
- ސިކުނޑީގެ މައުލޫމާތު ގަޑިއަކު 268 މޭލުގެ ބާރުމިނުގައި ދަތުރުކުރޭ.
ސިކުނޑީގައި މައުލޫމާތު ދަތުރުކުރާ ބާރުމިން: ސިކުނޑިއަށް ތަސްވީރެއް ޕްރޮސެސް ކުރުމަށް ނަގަނީ އެންމެ 13 މިލިސިކުންތެވެ. ލިޔެފައިވާ ލިޔުމަކަށްވުރެ 60،000 ގުނަ އަވަހަށް ސިކުނޑިން ތަސްވީރުތައް ޕްރޮސެސް ކުރެއެވެ.
- 'ސްޕައިނަލް ކޯރޑް' ހެދިބޮޑުވުން އުމުރުން 4 އަހަރުގައި ހުއްޓޭނެ.
ސްޕައިނަލް ކޯރޑް: މިއީ ބޮލުގެ ނާށިގަނޑުގެ ބުޑުން ފެށިގެން ބުރަކަށީގެ މެދުން ތިރިއަށް ދާ ނަރވް ޓިޝޫއެކެވެ. މި ގުނަވަން ރައްކާތެރިކޮށް ނިވާކޮށްފައިވަނީ ތުނި ތިން ފަށަލައަކުން އެކުލެވިގެންވާ "މެނިންޖީސް" ނަމަކަށް ކިޔާ 'ޓިޝޫ މެމްބްރޭން'އަކުންނެވެ. ސްޕައިނަލް ކޯރޑްގެ އަސާސީ ތިން ދައުރަކީ ސިކުނޑިން ހަށިގަނޑަށް 'މޯޓަރ ކޮމާންޑް' ފޮނުވުމާއި، ހަށިގަނޑުން ސިކުނޑިއަށް ޙިއްސީ މައުލޫމާތު ފޮނުވުމާއި، ހަށިގަނޑުގެ ޙަރަކާތްތައް ކޯޑިނޭޓް ކުރުމެވެ. މި ގުނަވަނަކީ ސިކުނޑިއާއި ހަށިގަނޑުގެ އެހެން ގުނަވަންތަކާ ދެމެދު މުޢާމަލާތް ކުރުމުގެ މައިގަނޑު މަސްދަރެވެ.
- ވެލިފުކެއްހާ މިންވަރުގެ ސިކުނޑީގެ ޓިޝޫއެއްގައި ވެސް ގާތްގަނޑަކަށް އެއްލައްކަ 'ނިއުރޯންސް' ހުންނާނެ.
ނިއުރޯންސް: މިއީ 'އިލެކްޓްރިކަލް އިމްޕަލްސް'ތަކާއި 'ކެމިކަލް ސިގްނަލް'ތައް ބޭނުންކޮށްގެން ސިކުނޑީގެ އެކި ސަރަހައްދުތަކުގެ މެދުގައި، އަދި ސިކުނޑިއާއި ނާރުތަކުގެ އެހެން ބައިތަކުގެ މެދުގައި މައުލޫމާތު ފޯރުކޮށްދޭ ސެލްތަކެވެ.
- ސިކުނޑީގައި ގާތްގަނޑަކަށް 23 ވޮޓްގެ ބާރު ނުވަތަ 'ޕަވަރަ' ހުންނާނެ (އެއީ ގާތްގަނޑަކަށް އާދައިގެ ބޮތްކެއް ދިއްލާލެވޭ ވަރުގެ ކަރަންޓު).
ކަރަންޓު އުފައްދަނީ ނިއުރޯންތަކުން: މުޅި ދުނިޔޭގައި ހުރި ހުރިހާ ފޯނަކަށްވުރެ ގިނަ މެސެޖު، ސިކުނޑީގެ ނިއުރޯންތަކުން އުފައްދާ ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޮނުވައެވެ. އަދި އެންމެ ނިއުރޯނަކަށް ކުޑަކުޑަ މިންވަރަކަށް ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ލިބުނު ނަމަވެސް، ހުރިހާ ނިއުރޯންތަކެއް އެއްކޮށްލައިގެން ލޯ ވޮޓޭޖް ބޮތްކެއް ދިއްލޭ ވަރަށް ކަރަންޓް އުފެއްދިދާނެއެވެ.
- އިންސާނާ ބޭނުން ކުރަނީ ސިކުނޑީގެ އެންމެ ދިހަ އިންސައްތަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް.
އިންސާނާ ބޭނުން ކުރަނީ ސިކުނޑީގެ ކިހާ މިންވަރެއް؟: ޙަޤީޤަތުގައި ކޮންމެ އިންސާނަކު ވެސް އެ މީހެއްގެ ސިކުނޑީގެ ހުރިހާ ބައެއް ވެސް ބޭނުން ކުރާނެއެވެ. ނިދާއިރު ވެސްމެއެވެ. ނިއުރޯލޮޖިސްޓުން ކަށަވަރުކޮށްދޭ ގޮތުގައި ސިކުނޑި އަބަދުވެސް ހަރަކާތްތެރިވެއެވެ.