މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން އެމެރިކާގައި ކުރިއަށްދިޔަ ޔޫއެސްޓީއޯއޭ އެނުއަލް ކޮންފަރެންސް އެންޑް މާކެޓްޕްލޭސް 2022 ގައި ބައިވެރިވެ، ދިވެހިރާއްޖެ ތަމްސީލުކޮށްފި އެވެ.
މި އިވެންޓް ކުރިއަށް ދިޔައީ ނޮވެމްބަރު 28 - ޑިސެމްބަރު 2 ގެ ނިޔަލަށް ޖޭޑަބްލިއު މެރިޔޮޓް އޯސްޓިން، ޓެކްސަސް، ގައެވެ. އެމެރިކާ މާކެޓުގެ އެންމެ މަގުބޫލު ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުންނާ ބައްދަލުކުރުމުގެ ފުރުސަތު މި ކޮންފެރެންސްގައި އެމްއެމްޕީއާރުސީއަށް ލިބިގެންދިޔަ އެވެ.
ޔޫއެސްޓީއޯއޭ އެނުއަލް ކޮންފަރެންސް އެންޑް މާކެޓްޕްލޭސް އަކީ 1972 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއީ އުތުރު އެމެރިކާގެ އެންމެ ބޮޑެތި ޓްރެވަލް ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްދޭ ފަރާތްތަކާއި މަންޒިލްތައް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި ރީޖަން ގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.
މި އަހަރުގެ ޔޫއެސްޓީއޯއޭގައި އެމްއެމްޕީއާރުސީގެ ފަރާތުން ރާއްޖެ ތަމްސީލްކުރީ އެމެރިކާއަށް ކަނޑައަޅާފައިވާ ޕީއާރު އެޖެންސީއިން ނެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ބޭނުމަކީ ރާއްޖެއަކީ އެމެރިކާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް, ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓްތަކާއި ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރު ކުރުމެވެ.
މި ކޮންފެރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 700 އަށް ވުރެ ގިނަ ފަރާތައް އެއް ތަނަކުން ބައްދަލުކޮށް، ނެޓްވޯކްކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. މިއީ ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ހިދުމަތްދޭ ފަރާތްތަކާއި، މި ހިދުމަތްތައް އިޝްތިހާރުކުރުމާއި ވިއްކުމުގައި ހަރަކާތްތެރިވާ މީހުންނާ ބައްދަލުކުރުމަށް ފުރުސަތު ފަހިކޮށްދޭ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި ކުރިއަށްދިޔަ ސެމިނާތަކާއި، ސިމްޕޯޒިއަމްތަކާއި، ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން، އުތުރު އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާ އާއި މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ އެންމެ ފަހުގެ ޓްރެންޑްތަކާ ބެހޭ މައުލޫމާތާއި އަގުހުރި ވިސްނުންތައް އަޅުގަނޑުމެންނަށް ލިބިގެންދިޔަ އެވެ.
އެމެރިކާ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑްގެ މަގުބޫލުކަން ދަމަހައްޓާ ހަރުދަނާ ކުރުމުގެ ސަބަބުން އެމެރިކާ އަކީ ދިވެހިރާއްޖެއާ ދުރު ޤައުމެއް ކަމުގައި ވިޔަސް، އެއީ އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ މުހިންމު މާކެޓެކެވެ. މި އަހަރުގެ މިހާތަނަށް އުތުރު އެމެރިކާއިން 71,757 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެމެރިކާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރުގެ މިހާތަނަށް 6 ވަނަ އެންމެ ބޮޑު މާކެޓެވެ. މި އަހަރުގެ އެއް މިލިޔަންވަނަ ފަތުރުވެރިޔާ އޮގަސްޓް 13 ވަނަ ދުވަހު ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
އެމެރިކާ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުން ނެވެ. މީގެ ތެރޭގައި އެމެރިކާ އަދި ކެނެޑާގެ އެކި ސިޓީތަކުގާ ބޭއްވުނު މޯލްޑިވްސް ރޯޑްޝޯތައް ހިމެނެ އެވެ.
މީގެ އިތުރުން އާޓާ އެޑްވެންޗަރ އެލެވޭޓް 2022 ގައި ބައިވެރިވުމާއި މީޑިޔާ އަދި އިންފްލުއެންސަރުންނާއެކު ފެމިލިއަރައިޒޭޝަން ދަތުރުތައް ކުރިއަށްގެންދިޔުމާއި އެ ސަރަހައްދަށް އަމާޒުކޮށްގެން ބޭއްވުނު ޓްރެވަލް ޓްރޭޑް ވެބިނަރ ހިމެނެ އެވެ. އަދި ވޯތް މެގަޒިނާއި ގޯވޭ އަދި އެސްްކިޔޫއާ ގުޅިގެން ކުރިއަށްގެންދިޔަ ކެމްޕެއިންތައްވެސް ފާހަގަކޮށްލެވެއެވެ. މި މާކެޓަށް ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓީވީ ކެމްޕެއިނަކާއި ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ޕްރިންޓް މެގަޒިން އިޝްތިހާރުތައް ހިމެނެ އެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފަ އެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފަ އެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފަ އެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2022ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ. މިގޮތުން ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް މިއަހަރު އެމްއެމްޕީއާރުސީއިން ވަނީ 'ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު'ގެ ލަޤަބުވެސް ހާސިލްކޮށްފަ އެވެ.
