ދުނިޔޭގެ ގިނަ އަދަދެއްގެ މީހުންނަކީ އޮފީހުގައި މަސައްކަތް ކުރާ ބަޔެކެވެ. ކިޔެވުން ނިމި ސެޓްފިކެޓް އަތަށް ލިބުމާއިއެކު ވަޒީފާ ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ. އެހެންކަމުން ދިރިއުޅުމުގެ ގިނަ ވަގުތު ހޭދަވަމުން މި ގެންދަނީ އޮފީހުގައެވެ. ވަގުތަށް މަސައްކަތް ނިންމުމާއި މާދަމާ ވާނީ ކިހިނެއްކަމެއް ނޭނގުމުގެ ތެރެއިން ސްޓްރެސް ކުރިމަތިވެގެންދެއެވެ.
ސްޓްރެސްއަކީ ދުނިޔޭގައި ހިނގާދާ މަރުތަކުގެ ތެރެއިން ގިނަ މަރުތަކަކަށް މަގުފަހިވާ އެއް ކަމެއްކަމުގައި ދިރާސާތަކުން ފާހަގަކުރެވެއެވެ. އަދި، ސްޓްރެސް ލެވެލް މަތިވުމަށް މަސައްކަތުގެ މާހައުލުގެ ވަރަށް ބޮޑު ދައުރެއް އޮންނަކަންވެސް ދިރާސާތަކުން ދައްކައެވެ.
"އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން" އިން ހިންގި ސަރވޭއަކުން ދައްކާ ގޮތުގައި %31 މުވައްޒަފުންނަށް އޮފީހުގައި ސްޓްރެސްވާ ގިނަ ކަންކަން ދިމާވެއެވެ. އެހެންކަމުން އޮފީހުގެ ސްޓްރެސް، ދިރިއުޅުމުގެ ބޮޑުބައި ނަގާލުމުގެ ކުރިން، ސްޓްރެސް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް އަޅަން ހިނގާށެވެ.
- މަސައްކަތްކުރާ މޭޒުމަތި ސާފުކޮށްލާ ފައިލްތައް ތަރުތީބު ކުރުން
އެކި އެކި ގޮތްގޮތަށް މޭޒުމަތީގައި ލިޔުންތައް ބަހައްޓާ އެއްވެސް ތަރުތީބެއް ނެތި މަސައްކަތް ކުރަން ފެށުމުން އެ މީހެއްގެ ސްޓްރެސް ބޮޑުވެގެންދެއެވެ. އަދި ދިރާސާތައް ދައްކާ ގޮތުގައި އެ އެއްޗެއް ހުންނަ ތަނެއްގައި ބަހައްޓާފައި، ލިޔުންތައް ތަރުތީބު ގޮތެއްގައި އަތުރާލާ، މަސައްކަތްތައް ރާވާލުމުން ސްޓްރެސް ލެވެލް ދަށްކޮށްލަދެއެވެ.

- ވިސްނުމުގެ ބަދަލުގައި ފިޔަވަޅު އެޅުން
މަސައްކަތްކުރުމުގައި ދިމާވާ ނުވަތަ ދިމާވެދާނެ ކަންކަމުގައި ވިސްނާ ފިކުރުކުރުމުން މީހާގެ ސްޓްރެސް އިތުރުވެއެވެ. އެހެންކަމުން އެ ކަމަކާ ވިސްނާ ފިކުރުކުރުމުގެ ކުރިން އެކަމަށް ކުރަންޖެހޭ ނުވަތަ ހައްލުކުރަންޖެހޭ ފިޔަވަޅުތައް އެޅުމުން އެ ކަމަށް ވިސްނުމުގެ ވަގުތު ކުޑަވެ އަދި ސިކުޑިއަށް ލުއިކަމެއް ގެނެސްދެއެވެ.
- މަސައްކަތުން ދުރުވެލާ ހިނގާލާ
މަސައްކަތުން ދުރުވެ 5 މިނެޓުގެ ކުޑަ ހިނގާލުމަކަށް ދިއުމުންވެސް ސްޓްރެސް ފިލުވާލައެވެ. އޮފީސް ތެރޭގައިނަމަވެސް ނުވަތަ އޮފީހުން ބޭރުގައި ހިނގާލުމުންވެސް ފިކުރުތުކަށާއި ކަންބޮޑުވުން ކުޑަކޮށްދެއެވެ.

- ލަވައެއް އަޑުއަހާލުން
މާބޮޑަށް ސްޓްރެސް ވުމުން، ހިތްހަމަޖެހޭކަހަލަ ލަވައެއް ނުވަތަ މިއުޒިކެއް އަޑުއަހާލުމުންވެސް ސްޓްރެސް ލެވެލް ތިރިވާނެއެވެ. މީގެ ސަބަބުން މީހާގެ މަސައްކަތަށް ހުންނަ ޝައުގުވެރިކަންވެސް އިތުރުކޮށްލަދެއެވެ.

- އެހީ ހޯދުން
މަސައްކަތް ކުރުމުގައި މަސައްކަތް ބުރަވެ ނުވަތަ ހައްލެއް ހޯދަން ބޭނުންނަމަ އެހެން މުވައްޒަފުންގެ އެހީ ހޯދުމަކީ ވެސް ރަނގަޅުކަމެކެވެ. މަސައްކަތް ކުރާއިރު އެހެން މުވައްޒަފުންގެ އެހީ ހޯދާ ނޭނގޭ ކަންކަމުގައި ސުވާލު ކުރުމުން އެހެން މުވައްޒަފުންނާއިއެކު ރަޙްމަތްތެރިކަން އިތުރުވެ މަސައްކަތްކުރުމުގައި އެތައް ފަސޭހަތަކެއް ކުރިމަތިވާނެއެވެ. އަދި އެކި އެކި ހިޔާލުތައް ހޯދުމަށް މަގުފަހި ވެގެންދާނެއެވެ.
- ރަޙުމަތްތެރިންނާއި އެކު ބޭރަށް ގޮސް މުނިފޫހި ފިލުވުން
މަސައްކަތް ނިންމާލާފައި ރަޙްމަތްތެރިންނާއިއެކު މުނިފޫހިފިލުވާލަން ބޭރަށް ހިނގާލަން ނުވަތަ ކޮފީއަކަށް ދިއުމުންވެސް، އެދުވަހެއްގައި މަސައްކަތުގައި ދިމާވާ ފިކުރުތައް ދުރުކޮށްލައެވެ.

- ހީސަމާސާކޮށްލުން
އޮފީހުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއިއެކު ހީސަމާސާކޮށްލުމުން އެ މަސައްކަތުގެ ސްޓްރެސް ތިރިކޮށްލަދެއެވެ. މަދުވެގެން ދުވާލަކު 3 މިނެޓު މަޖާ ސަމާސާއެއްކޮށްލާ ހީ ސަކަރާތްޖަހާލަން ވަގުތުކޮޅެއް ނަގާށެވެ. އަދި މިގޮތަށް ކަންކުރުމުން މަސައްކަތްތައް އަދި މީހާގެ ނަފްސަށް އަންނަ ތަފާތު އަމިއްލަ ފެންނާން ފަށާނެއެވެ.
- އެކްސަސައިޒްކުރުން
ބުރަ ދުވަސްތައް ހޭދަކޮށްލާފައި ޖިމަށް ނުވަތަ ބޭރަށް ދުވަން ގޮސްލާ ހަދާށެވެ. މީހާ ފިޓްވުމަށް ވަގުތު ދިނުމުން އެދުވަހެއްގެ ސްޓްރެސްކަން ފިލުވާލަދީ އެދުވަހެއްގައި ކޮންމެވެސް ކަމެއް ހާސިލްވިކަން އިހުސާސްކޮށްދެއެވެ. މީހާގެ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި މީހާ ހުރުމަށް ބާރު ލިބޭ އަދި އޭގެ ސަބަބުން ސިކުނޑިއަށްވެސް ހަމަޖެހުން ގެނުވާނެ ކަމެކެވެ.

އެންމެ މުހިންމުކަމަކަށް ވިސްނުމުގައި ބަހައްޓަންވީ އޮފީސް މާހައުލަށް ދިރިއުޅުމުގެ ހުރިހާ ވަގުތެއް ހޭދަކޮށްނުލުމަށެވެ. އަދި ހިތްހަމަޖެހޭ އެކި އެކި ހަރާތްކާތްކުގައި ބައިވެރިވެ، އެމީހެއްގެ އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އިސްކަންދޭންވާނެއެވެ.
