މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރޭ ގަދަ 16 ގެ ބުރުގައި ކުޅުނު މެޗުތަކަށްފަހު ބްރެޒިލުން ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ އާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.
ދެވަނަ ބުރުގައި ރޭ ދެކުނު ކޮރެއާ އަތުން 4-1 އިން ބްރެޒިލް މޮޅުވިއިރު، ޖަޕާން އަތުން ޕެނަލްޓީޖަހައިގެން ކްރޮއޭޝިއާ މޮޅުވީ 3-1 އިންނެވެ.
މިއީ 1998 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ބްރެޒިލުން ހަތަރު ލަނޑުޖެހި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ރޭގެ މެޗަކީ ދެކުނު އެމެރިކާގެ ގައުމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އިން ކުޅުނު ހަތްވަނަ މެޗެވެ. އޭގެތެރެއިން ފަސް މެޗުން އެ ޓީމު ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ.
ސްޓޭޑިއަމް 974 ގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި ބްރެޒިލުން ވަނީ ތިން ލަނޑުގެ ލީޑެއްނަގައިފައެވެ. މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ބްރެޒިލްގެ ފުރަތަމަ ލަނޑުޖަހައިދިނީ ވިނީޝަސް ޖޫނިއާ އެވެ. މިއީ އެ ޓީމުގެ ކަނާތް ފަރާތު ވިންގަށް ކުޅެމުންދިޔަ ރަފީނިއާ ދިން ބޯޅައަކުން ވިނީޝަސް ކާމިޔާބުކުރި ގޯލެކެވެ. ބްރެޒިލްގެ ދެވަނަ ލަނޑު، 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ދެކުނު ކޮރެއާގެ ކުޅުންތެރިއަކު ރިޗާލިސަން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާއަށްފަހު ނޭމާ އެނބުރިއައިސް ކުޅުނު ފުރަތަމަ މެޗެވެ.
![](https://theeru.s3.ap-south-1.amazonaws.com/tinymce/iIBEc5s_vBwDI076b0iw1.jpg)
މެޗަށް ފަހު ބްރެޒިލްގެ ލެޖެންޑް ޕެލޭ އަށް ހާއްސަ މެސެޖް އެ ޓީމުގެ ކުޅުންތެރިން ދައްކާލަނީ. --ފޮޓޯ: ފީފާ
ބްރެޒިލުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ. މިއީ ތިއާގޯ ސިލްވާ ދިން ޕާހަކުން ރިޗާލިސަން ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން ލޫކާސް ޕަކޭޓާ ވަނީ ބްރެޒިލްގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. 36 ވަނަ މިނެޓުގައި ޕަކޭޓާ އަށް މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވިނީޝަސް އެވެ. މި ހާފުގައި ދެކުނު ކޮރެއާ އަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތު ވެސް ލިބުނީ ހުވާން ހީޗާން އަށެވެ. އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ކުރީކޮޅު ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހެއުން-މިން ވަނީ ބްރެޒިލްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލައިފައެވެ. މި ބޯޅަ ބްރެޒިލްގެ ކީޕަރު އެލިސަން މަތަކުރިއެވެ. މި ހާފުގައި ބްރެޒިލުން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އެ ޓީމުގެ ވިންގް ރަފީނިއާ ފޮނުވާލި ހަމަލާތައް ދެކުނު ކޮރެއާގެ ގޯލްކީޕަރު ކިމް ސެއުން ޔޫ ވަނީ ހުއްޓުވައިފައެވެ.
ދެކުނު ކޮރެއާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕައި ސެއުން-ހޯ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
![](https://theeru.s3.ap-south-1.amazonaws.com/tinymce/MOqgtuVbfqGkF6mgG5gb9.jpg)
މެޗަށް ފަހު ބްރެޒިލްގެ ކުޅުންތެރިން ވަނީ މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ އަށް ހާއްސަ މެސެޖެއް ލިޔެފައިވާ ބެނާއެއް ދައްކާލައިފައެވެ. އަދި މެޗުގެ ކުރިން ބްރެޒިލް ސަޕޯޓަރުން ވެސް ވަނީ ޕެލޭ އަށް އަވަސް ޝިފާއަކަށް އެދޭ މެސެޖްތަކެއް ހިމެނޭ ބެނާތަކެއް ސްޓޭޑިއަމްގެ އެކި ހިސާބުތަކުގައި ވިހުރުވާލައިފައެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ރޭ ޖަޕާނާ ދެކޮޅަށް އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވެ، އިތުރުވަގުތުގެ 30 މިނެޓު ކުޅެ ނިމުނުއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. މި މެޗުގެ 43 ވަނަ މިނެޓުގައި ޖަޕާންގެ ރިޓްސޫ ޑޯއާން ނެގި ހުރަހަކުން އެ ޓީމުގެ ކެޕްޓަން މާޔާ ޔޮޝީޑާ އަށް ލިބުނު ބޯޅަ އޭނާ ޖައްސާލުމުން ޑައިޒެން މައީޑާ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.
ކްރޮޮއޭޝިއާ އިން އެއްވަރުކުރި ލަނޑު، 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އެ ޓީމުގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އެވެ. އެއަށްފަހު މެޗުގެ ފުރިހަމަވަގުތާއި އިތުރުވަގުތުގެ ދެ ހާފު ނިމުނުއިރު ނަތީޖާއަށް ބަދަލެއްނައުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާ އިން ކުރިހޯދީ 3-1 އިންނެވެ.
ޕެނަލްޓީޝޫޓްއައުޓްގައި ޖަޕާންގެ ޓަކޫމީ މިނަމީނޯ އާއި ޔޮޝީޑާ އަދި ކައުރޫ މިޓޯމާ ފޮނުވާލި ޕެނަލްޓީތައް ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް މަތަކުރިއެވެ. ޖަޕާންގެ ހަމައެކަނި ޕެނަލްޓީ ކާމިޔާބުކުރީ ޓަކޫމާ އަސާނޯ އެވެ. ކްރޮއޭޝިއާ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ މާކޯ ލިވާޔާ ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ނިކޮލާ ވްލާސިޗް އާއި މާސެލޯ ބްރޮޒޮވިޗް އަދި މާރިއޯ ޕަސާލިޗް އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން