ރިޕޯޓްތައް ބުނާގޮތުންނަމަ މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ވޯލްޑްކަޕް 2022 ގެ ފައިނަލް މެޗުގެ ކުރިން ޓްރޮފީ ދައްކާލުން އޮންނާނެއިރު، މި ފަހަރު ޓްރޮފީ 'އަންވެއިލް' ކުރާނީ ބޮލީވުޑް އެކްޓްރެސް ދީޕިކާ ޕަދުކޯންއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ދީޕިކާ ވަރަށް އަވަހަށް ގަތަރަށް ފުރާނެ ކަމަށް ބެލެވެ އެވެ. މި ރިޕޯޓްތައް ސައްހަނަމަ، އުމުރުން 36 އަހަރުގެ ދިޕިކާ ވެގެންދާނީ، ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު އިވެންޓުގައި، މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ބޮލީވުޑް އެކްޓަރަށެވެ.

މިފަހަރުގެ ވޯލްޑްކަޕް ފައިނަލް މެޗު ކުޅޭނީ ޤަތަރުގެ އައިކޯނިކް ލުސެއިލް ސްޓޭޑިއަމްގައެވެ.

ދިޕިކާގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޕަތާން" އިން ޝާހްރުކް ހާނާއި ޖޯން އަބްރަހަމް އާއި އެކު އޭނާ ވަރަށް އަވަހަށް ސްކްރީނުން ފެނިގެންދާނެ އެވެ.

'ޕަތާން' އަށް ފަހު ދީޕިކާ ދެން ފެނިގެންދާނީ އަމީތާބް ބައްޗަން އާއި ޕްރަބާސްއާ އެކު 'ޕްރޮޖެކްޓް ކޭ' އިންނެވެ. އަދި އޭނާގެ ފިރިމީހާ ރަންވީރު ސިންގްގެ ފިލްމު "ސާކަސް" ގައި ވެސް ހާއްސަ ކެމިއޯ ރޯލަކުން ފެނިގެން ދާނެއެވެ.