ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 71 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ނިމި، ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައި ވެއެވެ. އަދި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ރޭމްޕެއް ހެދުމާއި، 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
