ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަންވޭ ބޮޑުކޮށް، އަޕްގްރޭޑްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްފި އެވެ.

އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ފޯރުކޮށްދޭ މާލީ އެހީއެއްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތި ބާއްވާފައިވަނީ ޕްލޭނިންގ މިނިސްޓްރީގަ އެވެ.

މި ރަސްމިއްޔާތެއްގައި "ޑިވެލޮޕްމަންޓް އެންޑް އެކްސްޕެންޝަން އޮފް މާފަރު އެއަރޕޯޓް ފޭސް 2" ގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ބޭނުންކުރާ ރަންވޭއަށް 650 މީޓަރު އިތުރުކޮށް، ސްޓްރިޕް ފުޅާކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮަށް ހިމާޔަތްކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކޮށް، ޓެކްސީވޭ ފުޅާޮށް، އޭޖީއެލް އަޕްގްރޭޑްކޮށް ޕަވަރ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މި މަޝްރޫޢަށް އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ޖުމްލަ 27.1 މިލިއަން ޑޮލަރު ފަންޑުކުރާނެ އެވެ. އަދި ޖީ.އެސް.ޓީގެ ގޮތުގައި 25.1 މިލިއަން ރުފިޔާ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާނެ އެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ އެހީގައި ތަރައްޤީކުރި އެއަރޕޯޓެކެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.