އެކި ޒަމާންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުގައި ރީތިކަމާއި ޒީނަތްތެރިކަން ބިނާވެފައިވަނީ އެކި ގޮތްގޮތަށެވެ. އެގޮތުން ރީތިކަން ރަމްޒުކޮށްދިނުމަށް ފައި ބައިންޑުކުރުމަކީ ޗައިނާގައި ގެންގުޅުނު އާދަކާދައެކެވެ. ފައި ބައިންޑުކުރުމަކީ އަންހެން ކުދިންގެ ފައި ވަރުގަނދައަށް ބަނދެ، ފައިގެ ސައިޒު ބަދަލުކުރުމުގެ ގޮތުން ކުރި ކަމެކެވެ. މި އާދަކާދައަށް 'ލޮޓަސް ފީޓް'ގެ ނަމުން ނަންދެވިފައިވަނީ، މިގޮތަށް ފައިތަކަށް ހަދާފައިވާ ބޫޓުތަކަށް ލޮޓަސް ފައިވާނުގެ ނަމުން މަޝްހޫރުވެފައިވާތީއެވެ.

މިގޮތަށް ޤަދީމީ ޒަމާނުގައި ޗައިނާގައި ފައި ބަންނަނީ އަންހެން ކުދިންގެ ރީތިކަން ރަމްޒުކޮށްދިނުމަށާއި އެންމެ ކުޑަ ފައި ހުންނަ އަންހެން ކުދިންނަށް މަތީ ދަރަޖައެއް ލިބިފައި، ޝަރަފުވެރި އާއިލާއެއްގެ ފިރިހެނަކާ ކައިވެނި ކުރުމުގެ ފުރުޞަތު ބޮޑުވެފައިވާތީއެވެ. ނަމަވެސް މީގެ ސަބަބުން ދުރު ރާސްތާތަކަށް ހިނގުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. އެ އަންހެނުންނަށް ސިއްޚީ ގޮތުން އެކި މައްސަލަތައް ޖެހި، ފައިގެ ފަންކްޝަނަލް ސްޓްރަކްޗަރ ހަލާކުވެ ބަދަލުވަމުން ދިޔަ ވަރަކަށް ހިނގަން އުނދަގޫވެގެންދިއެވެ. ނަމަވެސް ރީތިކަމަށްޓަކައި މިހުރިހާ ވޭނަކަށް އެ އަންހެނުން ތަހައްމަލު ކުރިއެވެ.
1912 ވަނަ އަހަރު ފައި ބަނނުން ޤާނޫނީ ގޮތުން މަނާކޮށްފައިވާތީ، ޗައިނާ ރައްޔިތުންގެ ވިސްނުންވެސް ބަދަލުވެގެންދިއައެވެ. ނަމަވެސް ބައެއް ފަގީރު ރަށްފުށު ރައްޔިތުން އަދިވެސް ސިއްރުން މި އާދަކާދަ ދަމަހައްޓަމުން ގެންދެއެވެ.
