މިހާރު ޤަޠަރުގައި ކުރިއަށް ދާ ފީފާ ވާރލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗުތައް ބަލަން ބޮލީވުޑްގެ އެކްޓްރެސް އަނަންޔާ ޕާންޑޭ ޤަޠަރަށް ހިނގައްޖެއެވެ.
އިންޑިއާގެ "އީޓައިމްސް"އިން ރިޕޯޓުކޮށްފައިވަނީ ސެމީ ފައިނަލުގެ ދެ މެޗު ބަލައިލަން ދިޔުމަށް އަނަންޔާއަށް ޤަޠަރު ސަރުކާރުން ދަޢުވަތު ދިން ކަމަށެވެ. އަދި މިއަދު ހެނދުނުގެ ވަޤުތެއްގައި އޭނާ ވަނީ 'ޤަޠަރު އެއަރވޭސް'ގެ ފްލައިޓަކުން ޤަޠަރަށް ގޮސްފައި ކަމަށެވެ.
ބޮލީވުޑްގެ އެތައް އެކްޓަރުންނެއް މިއަހަރުގެ ވާރލްޑް ކަޕުގެ މެޗުތައް ބެލުމަށްޓަކައި ޤަޠަރަށް ވަނީ ގޮސްފައެވެ. އަދި ހަމަމިއާއެކު ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ވެސް މިފަހަރު ވާރލްޑް ކަޕުގެ ލަވައެއްގައި ވަނީ އޭނާގެ ފަރި ޙަރަކާތްތައް ދައްކާލައިފައެވެ. އެގޮތުން ނޯރާ ވެގެންދިޔައީ ފީފާގެ އިވެންޓެއްގައި އިންޑިއާ ތަމްޞީލުކުރި ފުރަތަމަ ފަންނާނަށެވެ.
އެތައް ބަޔަކު ބަލަމުންދާ ފީފާ ވާރލްޑް ކަޕް ޤަޠަރުގައި ކުރިއަށް ދާއިރު މިފަހަރުގެ މުބާރާތުގައި ވެސް 32 އެއް ބައިވެރިވިއެވެ. ކޮންމެ 04 އަހަރަކުން 01 އަހަރު ބާއްވަމުންދާ ވާރލްޑް ކަޕްގެ މެޗުތައް ބަލައިލުމަށްޓަކައި ޤަޠަރަށް ދިޔަ ބައެއް އިންޑިއާ ފަންނާނުންގެ ތެރޭގައި ޢާމިރު ޚާނާއި މޫނީ ރޯއީގެ އިތުރުން މަނޫޝީ ޗިލާރު ހިމެނެއެވެ.
ވާރލްޑް ކަޕުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ކްރޮއޭޝިއާއާއި އާޖެންޓީނާއެވެ. މާދަމާރޭ އޮންނާނީ ސެމީފައިނަލްގެ ދެވަނަ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި ފުރަތަމަ ފަހަރަށް ވާރލްޑް ކަޕެއްގެ ސެމީ ފައިނަލާ ހަމަޔަށް ދަތުރުކުރި މޮރޮކޯއެވެ.
