ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ކްލަބުތަކަށް ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް، 32 ޓީމު ހިމެނޭ އާ ފޯމެޓާއެކު 2025 ވަނަ އަހަރުން ފެށިގެން ތަޢާރަފްކުރާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. 

“ކޮންމެ ހަތަރު އަހަރަކުން 32 ޓީމު ބާއްވާ ކްލަބް ވޯލްޑް ކަޕެއް އޮންނާނެ. އަދި ފުރަތަމަ އެޑިޝަން ބާއްވާނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައި، އެއީ ކޮންފެޑެރޭޝަންސް ކަޕްގެ ސްލޮޓުގައި،” އިންފަންޓީނޯ ބުންޏެވެ.

މި އިވެންޓް އެތައް ފަހަރަކު ފަސްކޮށްފައި ވާއިރު، ފުރަތަމަ ކޮވިޑް-19 އާއި ގުޅިގެން ދެން 2021 ވަނަ އަހަރު ކޮޕާ އާއި ޔޫރޯ އަށް ޖާގަ ދިނުމަށް ވަނީ ނިންމާފައެވެ. 

ކްލަބް ވޯލްޑް ކަޕް ވެގެންދާނީ ފީފާގެ ޓީމުތަކުގެ އަދަދު އިތުރުކުރާ ދެވަނަ މުބާރާތަށެވެ. ޔޫއެސްއޭ، މެކްސިކޯ އަދި ކެނެޑާއިން ބާއްވަން ނިންމާފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް މިހާރު އޮތް 32 ޓީމުގެ ފޯމެޓުން 48 ޓީމަށް އިތުރުކުރިއެވެ.

މިހާރު އެ މުބާރާތް ކުޅެމުންދާ ފޯމެޓުގައި ބައްރުތަކުގެ ޗެމްޕިއަނުން ހިމެނޭ ގޮތަށް 10 ދުވަހުގެ ތެރޭގައި ހަތް ޓީމެއް ކުޅެއެވެ. އެގޮތުން، އުތުރު އެމެރިކާ، އޭޝިއާ، އޯޝޭނިއާ އަދި އެފްރިކާގެ ޗެމްޕިއަނުން މެދުގައި ދެ ބުރުގެ މެޗުތަކެއް ކުޅެވިގެންދާނެ އެވެ. އެއަށްފަހު، މި މެޗުތަކުން މޮޅުވާ ދެ ޓީމް ސެމީ ފައިނަލުގައި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ނުކުންނާނެ އެވެ. ފައިނަލަށް ދަތުރުކުރާނީ މޮޅުވާ ދެ ޓީމެކެވެ.

އެމެރިކާގެ ސީއެޓްއެލް ސައުންޑާސް (އުތުރު އެމެރިކާ)، ސްޕެއިންގެ ރެއާލް މެޑްރިޑް (ޔޫރަޕް)، މޮރޮކޯގެ ވައިދާދް ކަސަބްލަންކާ (އެފްރިކާ) އަދި ނިއުޒީލެންޑްގެ އޯކްލެންޑް ސިޓީ (އޮޝެނިއާ) އަކީ ފެބްރުއަރީ 1-11 އަށް މޮރޮކޯގައި ކުޅޭ 2022 ވަނަ އަހަރުގެ އެޑިޝަންގައި ޖާގަ ކަށަވަރުކޮށްފައިވާ ޓީމުތަކެކެވެ .

އަދި އެ ތަފްސީލުތަކާ މެދު މަޝްވަރާކޮށް، އެއްބަސްވެ، ފީފާއިން ގޮތެއް ނިންމަން އަދިވެސް ޖެހެ އެވެ. އިންފަންޓީނޯ އިތުރަށް ބުނީ އަންހެން ކްލަބް ވޯލްޑް ކަޕެއް ވެސް ބާއްވަން ރާވާފައިވާ ކަމަށެވެ. ފުޓްބޯޅައިގެ ގަވަނިން ބޮޑީން ވަނީ ފީފާ ވިމެންސް ފުޓްސަލް ވޯލްޑް ކަޕް ވެސް ތައާރަފްކޮށްފަ އެވެ. ފީފާގެ ކްލަބް މުބާރާތުގެ އިތުރުން 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ވެސް އަހަރަކު އެއްފަހަރު ބާއްވާ ފޯމެޓަކަށް ބަދަލު ކުރާނެ އެވެ.

އިންފަންޓީނޯ އިތުރަށް ބުނީ ކްލަބް ވޯލްޑް ކަޕް ނުހިމަނައި 2022 އާއި 2026 އާ ދެމެދުގެ ހަތަރު އަހަރުގެ ސައިކަލަށް ފީފާއަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.