ވޯލްޑް ކަޕްގެ ދެވަނަ ބުރުން ކެޓި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް، ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

"ގާތްގަނޑަކަށް 15 އަހަރުގެ ތެރޭގައި ކުޅުނު 143 މެޗަށްފަހު، މިއީ ގައުމީ ޓީމަށް އަލްވަދާއު ކިޔަންޖެހޭ ވަގުތު ކަމަށް ދެކެނީ؛" ސޯޝަލް މީޑިއާގައި ބުސްކެޓްސް ކުރި ޕޯސްޓެއްގައިވެއެވެ.

ސްޕެއިނުގެ އިތުރުން ބާސެލޯނާ ޓީމުގެ ވެސް ކެޕްޓަންކަން ކުރަމުން އަންނަ ބުސްކެޓްސް، 34، އަކީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން އެންމެ ފަހުން ރިޓަޔާމަންޓް އިޢުލާންކުރި ކުޅުންތެރިޔާއެވެ.

2009 ވަނަ އަހަރުން ފެށިގެން ސްޕެއިން ގައުމީ ޓީމަށް ކުޅެމުންދާ ބުސްކެޓްސް ވަނީ އެ ޓީމަށް ކުޅެދިން 143 މެޗުގައި ދެ ލަނޑުޖަހައިދީފައެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ އޭރުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕް ކޮލިފައިންގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ގައުމީ ޓީމާއެކު އޭނާގެ އެންމެ ފަހުގެ ފެނިލުމަކީ މިއަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުން ސްޕެއިން ބަލިވި މެޗެވެ.

މިހާތަނަށްއައިއިރު، ސްޕެއިން ގައުމީ ޓީމަށް ބުސްކެޓްސް އަށް ވުރެ އިތުރަށް މެޗު ކުޅެދީފައިވަނީ އިކާ ކަސިއާސް އާއި ސާޖިއޯ ރާމޯސް އެވެ. ކަސިޔާސް 167 މެޗު ކުޅެދީފައިވާއިރު، އެންމެ ގިނަ ކުޅުމުގެ ރެކޯޑް އޮތް ރާމޯސް ކުޅެފައިވާ މެޗުގެ އަދަދަކީ 180 އެވެ.

ބުސްކެޓްސްގެ ކްލަބް ކެރިއަރު އެއްކޮށް ބާސެލޯނާގައި ހޭދަކޮށްފައިވާއިރު އެ ޓީމަށް މިހާތަނަށް 700 އެއްހާ މެޗު ކުޅެދީފައިވެއެވެ. ބާސެލޯނާ އާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު އެއްބަސްވުން އިތުރުކުރުމަށް އެ ކްލަބުން މަސައްކަތްކުރަމުންދާއިރު ބުސްކެޓްސް އަދި ވަކި ގޮތަކަށް ނިންމާފައެއްނުވެއެވެ.