އަހަރު ނިމެން ކައިރިކޮށްފައި ނަގާ ޗުއްޓީގައި ދަތުރުތައް ކުރުމާއި، އެކްސަސައިޒް ކުރުން މަދުވެފައި ރަހުމަތްތެރިންނާއިއެކު ކެއުމަށާއި ކޮފީތަކަށް ދިއުން ގިނަވުމުގެ ސަބަބުން ސިއްހަތަށް އިސްކަމެއް ނުދެވެއެވެ. "ކޮރްނެލް ޔުނިވާސިޓީ ފުޑް އެންޑް ބްރޭންޑް ލެބް" އިން ކުރި ދިރާސާތަކުން ދައްކާދޭ ގޮތުގައި ޗުއްޓީގެ މޫސުމްތަކުގައި މީހާއަށް އަންނަ ބަރުދަން ލުއިވުމަށް ފަސް މަސް ދުވަސް ނަގާކަން ދައްކައިދެއެވެ. އެހެންކަމުން އައު އަހަރަށް ދުޅަހެޔޮ އާދަތަކެއް ހަރުލަން މަސައްކަތްކުރުމަށް ތިރީގައިވާ ކަންކަން ކުރެވޭނެއެވެ.
އާދައެއް ދެމެހެއްޓުމަށް މަސައްކަތްކުރުން
އާދަތަކެއް ފެށުމުގެ ކުރިން ކޮންމެ ދުވަހެއްގައި އެ އާދައެއް ދަމަހައްޓަން ކުރާނެ ގޮތް ކުރިޔާލާ ރޭވުމުން އެ އާދައެއް ދެމިހުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. އާ އަހަރަށް ރާވާފައިވާ އާދަތަކުގެ ސަބަބުން ކުރިއަށްވުރެ ދުޅަހެޔޮ، އުފާވެރި އަދި ހަރަކާތްތެރިވުމަށް މަގުފަހިކޮށްދޭނެކަން ތަސައްވަރު ކޮށްލައްވާށެވެ. އަދި، ފޯނުގައި "ޕްލޭނަރ" ނުވަތަ "އެލަރމް" ކަނޑައަޅާފައިވާނަމަ އެކަމެއްކުރުމަށް އެހީތެރިވެދޭނެއެވެ.
ތަރުކާރި އަދި މޭވާ ކެއުން ގިނަކުރުން
ތަފާތު ވައްތަރުގެ ތަރުކާރީ އާއި މޭވާ ކެއުން އިތުރުކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ބިނާކުރަން އެންމެ ރަނގަޅު އެއް އާދައެކެވެ. މޭވާއާއި ތަރުކާރިން ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، މިނަރަލްސް، ފައިބަރ އަދި އެންޓިއޮކްސިޑެންޓްސް ފޯރުކޮށްދެއެވެ. ކެއުމަށް މޭވާއާއި ތަރުކާރީ އިތުރުކުރުމަށް ގޭގައި ތައްޔާރުކުރެވޭ ރިހަ، ބިސްގަނޑު، ސޫޕް، ބަތް، ފަދަ ކޮންމެ ދުވަހަކު ތައްޔާރުކުރެވޭ ކާނާއަށް ތަރުކާރި އަޅާށެވެ.

ގިނައިން ފެން ބުއިން
ފެނަކީ އަހަރެމެން ހަޖަމުކުރުމަށް އެހީތެރިވެދީ، ސެލްތަކަށް "ނިއުޓްރިއެންޓްސް" ގެންދިއުމާއި، ހަށިގަނޑުން ކުނި ނައްތާލުމަށް އެހީތެރިވެދީ، ހަށިގަނޑުގެ ފިނިހޫނުމިން "ރެގިއުލޭޓް" ކޮށްދޭ އެއްޗެކެވެ. ފެން ބުއިމަކީ ސަރުބީ ގިނައިން އަންދާ، މަދު ކާނާ ކެއުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 10 މިނެޓް ފެން ބުއިމަށްފަހު "މެޓަބޮލިޒަމް" %30 އިތުރުވެ، 40 މިނެޓާ ހަމައަށް ދެމިގެންދެއެވެ.
ދުވާލަކު ބަރުދަނުގެ ދެބައިކުޅަ އެއްބައި ލީޓަރުގެ ފެން ބުއިމަށް ސިއްހީ މާހިރުން މިހާރު ލަފާދެއެވެ. އެހެންކަމުން ބަރުދަނުގައި 68 ކިލޯ ހުންނަ ނަމަ ދުވާލަކު 2.2 ލީޓަރުގެ (9 ތަށި) ފެން ބުއިމަށް އަމާޒުކުރަންވާނެއެވެ. އަދި، މާބަނޑުނަމަ، ގާތުން ކިރުދޭނަމަ، ހޫނު މޫސުމެއްގައި އުޅޭނަމަ ނުވަތަ ވަރުގަދައަށް ކަސްރަތު ކުރާނަމަ ގިނައިން ފެން ބޯންވާނެއެވެ.

ހަންގަނޑު ފަރުވާތެރިކޮށް ގެންގުޅުން
ހަންގަނޑަކީ ތިމާވެށީގެ ސްޓްރެސްތަކާއި "މައިކްރޯބިއަލް އިންވޭޑަރުންނާ" ދެކޮޅަށް އެންމެ ފުރަތަމަ ނުކުންނަ ދިފާއީ ރޮނގެވެ. ހަންގަނޑަށް ފަރުވާތެރިވުމަށް ފަސޭހަ ދެ ގޮތަކީ ހަފްތާއަކު އެއްފަހަރު "އެކްސްފޯލިއޭޓް" ކުރުމާއި ކޮންމެ ދުވަހަކު "މޮއިސްޗަރައިޒް" ކުރުމެވެ. "އެކްސްފޯލިއޭޝަން" އިން ހަންގަނޑު އޮމާން ކުރުމަށްޓަކައި މަރުވެފައިވާ ހަންތައް ނައްތާލައެވެ. އަދި، ގަވާއިދުން "މޮއިސްޗަރައިޒް" ކުރުމަކީ ހަންގަނޑު "ހައިޑްރޭޓްކޮށް" ރައްކާތެރިކޮށްދޭ ކަމެކެވެ. މޮއިސްޗަރައިޒް ކުރުމަށް ބޭނުންކުރާ ތަކެތީގައި ޖޮޖޯބާ ތެލާއި، އަލްމަންޑް ތެލާއި، ކޮކޯ ބަޓަރާއި، ޝީ ބަޓަރ ހިމެނޭ ތަކެތި ބޭނުންކުރާށެވެ. އަދި، މޫނަށް އަބަދުވެސް ބޭނުން ކުރަންވާނީ ހަމުގެ ވައްތަރަށް އެކަށީގެންވާ "މޮއިސްޗަރައިޒް" އެކެވެ.

ކޮފީގެ ބަދަލުގައި "ގްރީން ޓީ" ބޭނުންކުރުން
ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ހެނދުނު ކޮފީތައްޓެއް ބޯން އާދަވެފައިވާ ބެއެކެވެ. ނަމަވެސް ކޮފީ އަކީ މީހާ "ޑީހައިޑްރޭޓް" ކޮށްދީ "ސްޓްރެސް ހޯރމޯން ކޮރޓިސޯލް" އިތުރުކޮށް، ވަރުބަލިކަން އިހުސާސް ކޮށްދޭ އެއްޗެކެވެ. "ކޮރޓިސޯލް" އިތުރުވުމުން މީހާގެ ބަރުދަން އަދި ބަނޑުގެ ސަރުބީ އިތުރުވުމަށް މެދުވެރިކޮށްދެއެވެ. ނަމަވެސް އެއްކޮށް ކޮފީ ބުއިން ހުއްޓާލާފިނަމަ ބޮލުގައި ރިއްސާ އަވަހަށް ވަރުބަލިވުން އިހުސާސްކޮށްދޭނެއެވެ. އެހެންކަމުން މީގެ ބަދަލުގައި ކޮފީ ބުއިން މަދުކުރަމުން ގޮސް ހުއްޓާލާށެވެ. އަދި ކޮފީ އިން ލިބިދޭ "ކެފެއިން" ހޯދުމަށް "ގްރީން ޓީ" ހިޔާރުކުރުކުރާށެވެ. އެހެނީ "ގްރީން ޓީ" އަކީ "އެންޓިއޮކްސިޑެންޓްސް" އިން ފުރިފައިވާ މީރު އަދި ސިއްހަތަށް ފައިދާހުރި ސަޔެކެވެ.

ކަސްރަތު ކުރުން
ގަވާއިދުން ކަސްރަތު ކުރުމުން މޫޑު ރަނގަޅުކޮށްދީ، ރަނގަޅަށް ނިދުމަށް އެހީތެރިވެދީ، ސްޓްރެސް ފިލުވައިދީ، އިތުރު ސަރުބީތައް އަންދާލުމަށް އެހީތެރިވެދެއެވެ. ސިއްހީ މާހިރުން ލަފާދެނީ ހަފްތާއަކު މަދުވެގެން 3 ނުވަތަ 5 ގަޑިއިރު ކަސްރަތުކުރުމަށެވެ. އަދި، ކަސްރަތުގެ ފައިދާ ހަމައެކަނި ހިނގާލުމުންވެސް ލިބޭނެއެވެ. 2008 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކުރިން ގިނަ ވަގުތު އިށީނދެގެން ހޭދަކުރި ދިރާސާގެ ބައިވެރިން ހިނގުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށްފަހު %20 ހަކަތަ އިތުރުކޮށްދީ ވަރުބަލިކަން %65 މަދުކޮށްދިންކަން އެ ބައިވެރިން ބުނެދީފައިވެއެވެ. ކަސްރަތު ކުރަން ފަށަން ބޭނުންނަމަ ފުރަތަމަ، ހަފްތާއެއްގެ 5 ދުވަހު، 20 ނުވަތަ 30 މިނަޓުގެ ހިނަގުމަކުން ފަށައިގަންނާށެވެ. އަދި މަޑުމަޑުން އެ ވަގުތުތައް ގިނަކޮށްލާށެވެ.
