ބ. ހިތާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށާްދާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 88 ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 19،030 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ރޭމްޕެއް ހެދުމާއި، 1،750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓްހެދުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މިއީ 17.70 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
