ކަރަބާއޯ ކަޕްގެ ދެވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީ 3-2 އިން ބަލިވެ، އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަން ލިވަޕޫލް ކަޓައިފިއެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި ސިޓީ އިން ލީޑްނެގީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކާމިޔާބުކުރި ގޯލުންނެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ހާލަންޑް ޖެހި 24 ވަނަ ގޯލެވެ.
އޭގެ 10 މިނެޓުގެ ތެރޭގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ފަބިއޯ ކަވާލިއޯ އެވެ. މިއީ ޖޭމްސް މިލްނާ ދިން ބޯޅައަކުން ކަވާލިއޯ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލިވަޕޫލަށް އޭނާ ޖަހައިދިން ތިންވަނަ ގޯލެވެ. މި ހާފުގައި ލިވަޕޫލަށް ލީޑްނަގައިދޭން އެ ޓީމުގެ އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒް އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ސިޓީ އަށް އަލުން ލީޑްނަގައިދިނީ އަލްޖީރިއާގެ ވިންގް، ރިޔާދް މާރޭޒް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ދިން ޕާހަކުންނެވެ.
ސިޓީން ލަނޑުޖެހިތާ މިނެޓެއްވެސް ނުވަނީސް ލިވަޕޫލަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ނޫނޭޒް ދިން ބޯޅައަކުން ސަލާހު ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ސިޓީން ތިންވަނަ ފަހަރަށް ލީޑްނެގީ އެ ޓީމުގެ ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭ ވައްދާލި ލަނޑުންނެވެ. މިއީ އަރިމަތިން ޑި ބްރޭނާ ނެގި ހުރަހަކުން ލިބުނު ބޯޅައެއް އަކޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ސަލާމަތްކުރަން މި މެޗުގައި ލިވަޕޫލްގެ ގޯލްބެލެހެއްޓި ދެވަނަ ކީޕަރު ކޮއިމްހިން ކެލަހާ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
ރޭގެ މެޗާއެކު މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ކުޅެ ނިމުނުއިރު، ކުއާޓާ ފައިނަލްގައި ކުޅޭނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ކުއާޓާގައި ސިޓީން ނިކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ. މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޗާލްޓަން އެތުލެޓިކާ ދެކޮޅަށް ނިކުންނައިރު، ނިއުކާސަލް ޔުނައިޓެޑް ވާދަކުރާނީ ލެސްޓާ ސިޓީއާ އެވެ. ނޮޓިންހަމް ފޮރެސްޓް ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.
