އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ތާރީޚުގައި މިހާތަނަށް އެންމެ ބޮޑު އަގުގައި ޓީމު ބަދަލުކުރި ކުޅުންތެރިޔާގެ ގޮތުގައި އިންގްލެންޑްގެ އޯލްރައުންޑަރު ސޭމް ކުރަން، ޕަންޖާބް ކިންގްސް އަށް ބަދަލުވެއްޖެއެވެ.
އިއްޔެ ބޭއްވި އައިޕީއެލްގެ އޮކްޝަންގައި ކުރަން، 24، ގަތުމަށް ޕަންޖާބް ކިންގްސް އިން 2.25 މިލިއަން އެމެރިކާ ޑޮލަރު (18.50 ކްރޯޑް ރުޕީސް)ގެ ބިޑް ކާމިޔާބުކުރީ، އިތުރު ފަސް ޓީމަކާ ވާދަކޮށްގެންނެވެ.
މީގެކުރީން، އައިޕީއެލްގެ އެންމެ އަގުބޮޑު ކުޅުންތެރިއަކީ 2021 ވަނަ އަހަރު ރާޖަސްތާން ރޯޔަލްސް އިން 1.98 މިލިއަން އެމެރިކާ ޑޮލަރު (16.25 ކްރޯޑް ރުޕީސް) އަށް ގަތް ދެކުނު އެފްރިކާގެ އޯލްރައުންޑަރު ކްރިސް މޮރިސް އެވެ.
ކުރަންގެ އައިޕީއެލް ކެރިއަރު 2019 ވަނަ އަހަރުގައި ފެށި ޕަންޖާބް ކިންގްސް އަށް ބަދަލުވުމަށްފަހު އޭނާ ބުނީ "މިއީ ހުރިހާ ކަމެއް ފެށިގެން ދިޔަ ތަނަށް އެނބުރިއައީ" ކަމަށެވެ. އެންމެ ފަހުގެ މުބާރާތުގައި އޭނާ ފެނިގެންދިޔައީ ޗެންނާއީ ސުޕަ ކިންގްސް އިންނެވެ.
އެންމެ ފަހުގެ ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންގްލެންޑަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުރަން ވަނީ އެ މުބާރާތުގައި ނެގި 13 ވިކެޓާއެކު މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފައެވެ.
މީގެއިތުރުން، މި ފަހަރުގެ އައިޕީއެލް އޮކްޝަންގައި ބޮޑު އަގުގައި ޓީމު ބަދަލުކުރި އެހެން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އިންގްލެންޑްގެ ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަން ބެން ސްޓޯކްސް އާއި އޮސްޓްރޭލިއާގެ އޯލްރައުންޑަރު، ކެމަރަން ގްރީން ހިމެނެއެވެ. ސްޓޯކްސް، 31، ގަތުމަށް ޗެންނާއީ ސުޕަ ކިންގްސް އިން ވަނީ 1.98 މިލިއަން އެމެރިކާ ޑޮލަރު ބިޑްކޮށްފައެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، މުމްބާއީ އިންޑިއަންސް އިން ޒުވާން އޯލްރައުންޑަރު، ގްރީން ގެނައުމަށް 2.1 މިލިއަން އެމެރިކާ ޑޮލަރުގެ ބިޑެއްކުރިއެވެ.
