ދިވެހިން ލެޖެންޑަރީ ލަވަ އެއް ގެ ގޮތުގައި ގަބޫލު ކުރާ މެޒޯ މޯޑް ގެ "ޖިސްމު ނެތިގެން" ގެ ހުވަދޫ ވާރޝަން އަށް ގިނަ ބަޔެއް ގެ ތަރުހީބު ލިބެމުން އެބަދެއެވެ. ބުންނަރު ސްޓޫޑިއޯ އިން ހަދާފައިވާ މި ލަވަ ކިޔާފައިވަނީ މާލެއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ވިޔަސް އެލަވަ ކިޔާފައިވަނީ ހުވަދޫ ބަހުންނެވެ. ބުންނަރު ސްޓޫޑިއޯ ގެ ވެރިޔާ އަބްދުލް ބާތިން މުހައްމަދު ފާހަގަ ކުރެއްވިގޮތުގައި ލަވަ ކިޔުންތެރިޔާއަށް ހުވަދޫބަސް ރަނގަޅަށް ނޭނގުނަސް އޭނާ ވަނީ އެ ލަވަ ވަރަށް ފަސޭހަ ކަމާއިއެކު ކިޔާފައިއެވެ.
"އަސްލު އަޅުގަނޑުމެންނަށް މި ލަވަ ހަދަން ހިޔާލު ލިބުނީ ޖިސްމު ނެތިގެން ލަވަޔަށް 25 އަހަރު ވެމުން މެޒޯ މޯޑު ލިޔުއްވި ސްޓޭޓަސް އެއްގެ ސަބަބުން. އޭގައި އެބޭފުޅާ ލިޔުއްވާފައިވަނީ "ޖިސްމު" ގެ އާ ވާރޝަން އަޑު އަހަން ބޭނުންވާ ވާހަކަ. އޭރު އަޅުގަނޑާއި މަޝްރޫފް (ލަވަކިޔުންތެރިޔާ) ހުރީ ޗައިނާ ގެ ވޫހާން ސްޓޭޓްގައި. ދެން އަޅުގަނޑު މިލަވަ ހުވަދޫ ބަހަށް ބަދަލު ކުރަން ވެގެން އަބްދުﷲ އަފީފްގެ އަރިހުން އެދުނީ. އަސްލު މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އަޅުގަނޑު ހިޔެއްވެސް ނުކުރަން. އަޅުގަނޑު ވަރަށް ޚާއްސަކޮށް ޝުކުރެއް އަދާކުރަން ބޭނުން ލަވަކިޔުންތެރިޔާ މަޝްރޫފަށް. ޕީއެޗްޑީ އަށް ކިޔަވަން އެހާ ބުރަކޮށް އުޅެމުންވެސް މިކަމުގައި އަޅުގަނޑަށް އެހީތެރި ވެދިނީތީ." ބާތިން އިތުރަށް ވިދާޅުވިއެވެ.
ބާތިން އިތުރަށް ވިދާޅުވިގޮތުގައި އޭނާގެ ބުންނަރު ސްޓޫޑިޔޯ ހިންގަމުން ދަނީ ރަޖިސްޓާރޑް ސްޓޫޑިއޯ އެއްގެ ގޮތުގައި އޭނާގެ ރަށް ކަމުގައި ގދ. ތިނަދޫ ގައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ރަށްރަށުގެ މީހުން ގަބޫލުކުރާ ގޮތުގައި ރަށްރަށުގައި ކުރާ މަސައްކަތް މާލޭން ކުރާ މަސައްކަތަށް ވުރެ އަގުހެޔޮވާންޖެހޭނެ ކަމަށެވެ. އޭނާ ބުނާ ގޮތުގައި އޭނާ ބޭނުންކުރާ ސާމާނަކީ ހަމަ މާލެއާއި އެއްފެންވަރެއްގެ އެއްޗެހި ކަމަށެވެ. މިއުޒިކް ހެދުމުގެ އިތުރުން އައިލެންޑް އޭވިއޭސަންގައި މަސައްކަތްކުރާ ބާތިން ވިދާޅުވީ މިއުޒިކް ހެދުމުން އޭނާ އަށް ރަނގަޅު އާމްދަނީއެއް ލިބިގެން ދިޔަޔަސް ކޮވިޑްގެ ސަބަބުން އާމްދަނީ ވަނީ ކުޑަވެފައިކަމަށެވެ. މި ލަވަ ހަދާފައިވަނީ 2017 ސެޕްޓެމްބަރ ކަމަށް ބާތިން އިތުރަށް ވިދާޅުވިއެވެ. ހަމަ އެކަނި އަކަޕެލާ އަދި ބޭސް ބޭނުން ކޮށްގެން ހަދާފައިވާ މިލަވައަށް ގިނަބަޔެއްގެ ސަމާލުކަން ލިބިގެންގޮސްފައިވެއެވެ.
