މިފަހަރުގެ އެފްއޭއެމް 19 އަހަރުން ދަށުން އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ފަސޭހަކަމާއެކު ވ. ކެޔޮދޫ ސްކޫލް 4-1 އިން ބަލިކޮށް، ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ފަސް ޓީމެއް ވާދަކުރިއިރު، ކެޔޮދޫ ސްކޫލުން ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެހެންކަމުން ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ކެޔޮދޫ ސްކޫލުން ފައިނަލުގެ ސީދާ ޖާގައެއް ކަށަވަރުކުރިއެވެ. ސީއެޗްއެސްއީ އަށް ޖެހުނީ ސެމީގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްއާ ވާދަކުރާށެވެ. އެ މެޗުގައި ސީއެޗްއެސްއީ އިން ވަނީ ފޯރިގަދަ ކުޅުމަކަށްފަހު ޕެނަލްޓީޝޫޓްއައުޓްގައި 13-12 އިން ވިލާ ބަލިކޮށްފައެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ސީއެޗްއެސްއީ އިން ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ 14 ވަނަ މިނެޓުގައި ސީއެޗްއެސްއީ އިން ލީޑްނެގީ މުހައްމަދު ފައިޒާން ފަޒީން ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 21 ވަނަ މިނެޓުގައި އަހުމަދު ޔަޒީން މަހްދީ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ކެޔޮދޫ ސްކޫލާ ދެކޮޅަށް ސީއެޗްއެސްއީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ސީއެޗްއެސްއީ އިން ދެވަނަ ލަނޑުޖެހިތާ ތިން މިނެޓުގެ ތެރޭގައި އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ފައިޒާން ފަޒީން އެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ސީއެޗްއެސްއީ އިން މި މެޗުގައި ޖެހި ފަހު ލަނޑުޖަހައިދިނީ އަބްދުﷲ ޝަޔާން އެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ކެޔޮދޫ ސްކޫލުން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޝާއިޤް އާދަމް މުހައްމަދު އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިންއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ކެޔޮދޫ ސްކޫލެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މުހައްމަދު އައިހަމް ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ސީއެޗްއެސްއީގެ ދައްޔާން އަހުމަދު އެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ސީއެޗްއެސްއީ އަށް އިރުޝާދު ދިން އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ.