އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އަތުން 3-0 އިން ނިއުކާސަލް ޔުނައިޓެޑް ހޯދީ މޮޅާއެކު ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު ނިއުކާސަލް ވަނީ ކުޅުނު 16 މެޗުން 33 ޕޮއިންޓް ހަމަކޮށް، އެންމެ ކުރީގައި އުޅޭ އާސެނަލާ ހަތަރު ޕޮއިންޓާ ގާތަށް ޖެހިލާފައެވެ. އާސެނަލަށް 14 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ 14 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 16 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.
ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ނިއުކާސަލް އިން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ކްރިސް ވުޑް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ނިއުކާސަލްގެ ޖޮއެލިންޓަން އަށް ލެސްޓާގެ ޑެނިއަލް އަމާޓޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެފަހުން، މެޗުގެ ހަތްވަނަ މިނެޓުގައި ނިއުކާސަލްގެ ދެވަނަ ލަނޑުޖަހައިދިނީ މިގުއެލް އަލްމިރޯން އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ގިމަރޭޝް އެވެ. މިއީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އަލްމިރޯން މި ފަހަރުގެ ސީޒަނުގައި އެ ޓީމަށް ކުޅެދިން 16 މެޗުގައި ޖެހި ނުވަވަނަ ގޯލެވެ. އޭގެކުރީން، އެ ޓީމަށް ކުޅުނު ފުރަތަމަ 110 މެޗުގައި އޭނާ އަށް ޖެހުނީ ނުވަ ގޯލެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން، ނިއުކާސަލްގެ ތިންވަނަ ލަނޑުޖަހައިދިނީ ޖޮއެލިންޓަން އެވެ. މެޗުގެ 32 ވަނަ މިނެޓުގައި ކިއެރަން ޓްރިޕިއާ ނެގި ކޯނަރަކުން ޖޮއެލިންޓަން މި ލަނޑުޖެހީ ބޮލުންނެވެ.
މި މެޗުގައި ލެސްޓާގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ޖޭމްސް މެޑިސަން އަށް އަނިޔާގެ ސަބަބުން ނުކުޅެވުނުއިރު، އެ ޓީމުން ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. މެޗުގެ 82 ވަނަ މިނެޓުގައި ލެސްޓާގެ ކިއެނަން ޑޫސްބެރީ-ހޯލް ފޮނުވާލި މި ބޯޅަ ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް ވަނީ ފަސޭހަކަމާއެކު މަތަކޮށްފައެވެ.
ލީގުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފޯޑްގެ ދަނޑުގައި އެ ޓީމަށް ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިއީ މިދިޔަ ނޮވެންބަރު މަހުގެ 20 އިން މި ޑިސެންބަރު މަހުގެ 18 ގެ ނިޔަލަށް ކުޅެވުނު ފީފާ ވޯލްޑް ކަޕް މުބާރާތަށް ލީގު މެދުކަނޑާލުމަށްފަހު، އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗެވެ.
ބްރެންޓްފޯޑްގެ ދަނޑު، ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މިއީ ބްރެންޓްފޯޑްގެ މަތިއަސް ޔެންސަން ވޮލީ އަކުން ފޮނުވާލި ބޯޅައެއް ޓޮޓެންހަމްގެ ކީޕަރު ފްރޭޒާ ފޯސްޓާ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ވައިޓާލީ ޔަނެލްޓް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ބްރެންޓްފޯޑްގެ ލީޑް ފުޅާކޮށްދިނީ އައިވާން ޓޯނޭ އެވެ. މިއީ ކްރިސްޓިއަން ނޯގާޑް ދިން ބޯޅައަކުން ޓޯނޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ. މި މެޗުގައި ޓޮޓެންހަމަށް އުއްމީދެއް ހޯދައިދިނީ 65 ވަނަ މިނެޓުގައި ހެރީ ކޭން ވައްދާލި ލަނޑުންނެވެ.
ޓޮޓެންހަމުން އެއްވަރުކުރި ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕިއޭ-އެމީލް ހޮއިބިއޭ އެވެ. އޭގެފަހުން، މެޗު ނިމެން ދަނިކޮށް ޓޮޓެންހަމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދޭން އެ ޓީމުގެ ފޯވާޑް ކޭން އަށް ލިބުނު ފުރުޞަތުގެ ބޭނުމެއްނުހިފުނެވެ. ކޭން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވުލްވްސް އިން ވަނީ ފަހުވަގުތު ވައްދާލި ގޯލާއެކު ސްޕެއިނުގެ ކޯޗު ހުލެން ލޮޕެޓީގެ އާއެކު ފުރަތަމަ މޮޅު ހޯދައިފައެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުން ވުލްވްސް މޮޅުވީ 2-1 އިންނެވެ. ފުލަމް އަތުން އަމިއްލަ ދަނޑުގައި 3-0 އިން ކްރިސްޓަލް ޕެލަސް ބަލިވިއިރު، ރަށުން ބޭރުގައި ސައުތެމްޓަން އަތުން ބްރައިޓަން މޮޅުވީ 3-1 އިންނެވެ.
