އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް އާސެނަލުން ލީގު ތާވަލްގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މި ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު 15 މެޗުން ލިބުނު 40 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 33 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ޓޮޓެންހަމް ހޮޓްސްޕާ އޮތީ 16 މެޗުން ލިބުނު 30 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު އެ ޓީމުގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ ގޯލެއް ކާމިޔާބުކުރިއިރު ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ވެސްޓް ހޭމަށް ލިބުނު ޕެނަލްޓީއަކުން ލީޑްނަގައިދިނީ ސައީދު ބެންރާމާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ވެސްޓް ހޭމްގެ ޖަރޮޑް ބޮވެން އަށް އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އާސެނަލަށް ޕެނަލްޓީއެއް ދޭން ރެފްރީ މައިކަލް އޮލިވާ ނިންމުމަށްފަހު، ވީއޭއާރް އިން ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގެ ފަސް މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ ދެލަނޑު ކާމިޔާބުކޮށް، ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. އެގޮތުން، މެޗުގެ 53 ވަނަ މިނެޓުގައި އާސެނަލުން އެއްވަރުކުރި ލަނޑު، އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ސަކާ އެވެ. އޭގެ ފަސް މިނެޓުފަހުން، އާސެނަލަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ބްރެޒިލްގެ ވިންގް، ގެބްރިއެލް މާޓިނެއްލީ އެވެ. މާޓިނެއްލީ މި ލަނޑުޖެހީ ގްރޭނިޓް ޒާކާ ދިން ޕާހަކުންނެވެ.

އާސެނަލަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ 69 ވަނަ މިނެޓުގައި އެޑީ އެންކެޓިއޭ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އެ ޓީމުގެ ކެޕްޓަން އޮޑެގާޑް އެވެ. މިއީ އާސެނަލްގެ އެއްވަނަ ފޯވާޑް ގެބްރިއެލް ޖެސޫސް އަނިޔާގައި ހުރުމުން، ލީގުގައި ފުރަތަމަ އެގާރައިގައި ހިމެނި އެންކެޓިއޭ ކުޅެން ނިކުތް ފުރަތަމަ ފަހަރެވެ.

ލީގުގައި މިރޭ އެސްޓަން ވިލާގެ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 އިން އެ ޓީމު ބަލިކޮށްފައެވެ. މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިން އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް އެންޑީ ރޮބަޓްސަން ވަނީ 54 އެސިސްޓާއެކު ޕްރިމިއާ ލީގުގެ އެސިސްޓް ރެކޯޑް މުގުރާލައިފައެވެ. ކުރިން މި ރެކޯޑް އޮތީ އެވަޓަންގެ ލެއިޓަން ބެއިންސް އަތުގައެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު، 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަލާހު ދިން ބޯޅައަކުން ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. މި އެސިސްޓާއެކު ސަލާހު ވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލަށް 50 ލަނޑާއި 50 އެސިސްޓް ހަމަކުރި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރިން މި ރެކޯޑް އޮތީ އެ ޓީމުގެ ކެޕްޓަން ސްޓީވެން ޖެރާޑް އަތުގައެވެ. މިހާތަނަށްއައިއިރު ސަލާހު ވަނީ 125 ލަނޑުޖަހައި، 50 އެސިސްޓް ހަދައިފައެވެ.

އެސްޓަން ވިލާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން 14 ވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސް އެވެ. މިއީ އެ ޓީމުގެ ޑަގްލަސް ލުއީޒް ނެގި ހުރަހަކުން ވަޓްކިންސް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 81 ވަނަ މިނެޓުގައި ލިވަޕޫލްގެ ފަހު ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް 18 އަހަރުގެ ސްޕެއިން މިޑްފީލްޑަރު، ސްޓެފަން ބަޖެޓިޗް އެވެ.