ގިނަ ބަޔަަކު އިންތިޒާރުކުރަމުން އައި ދިވެހި ފިލްމް 'ބީވީމާ' ގެ ޕޯސްޓަރާއި ޓްރެއިލަރ ދައްކާލައިފި އެވެ.
"އެސްއެމްއީ ހަބް" ގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ފިލްމުގެ ޕޯސްޓަރ ނެރެދެއްވީ އެސްޓީއޯގެ ފަރާތުން ފާތިމަތު ފަޒާތު އާއި ޚަދީޖާ މޫސާ އެވެ.
މި ފިލްމުގެ މަސައްކަތް ޑާކްރެއިން އެންޓަޓެއިންމެންޓްސް އިން ފަށާފައިވަނީ މީގެ ދެ އަހަރު ކުރިން ނެވެ.
ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަޝްފާ ލީޑު ރޯލުން ފެންނަ މި ފިލްމަކީ އަޝްފާގެ ފުރަތަމަ ފިލްމުވެސް މެއެވެ. ލޯބީގެ މި ފިލްމުގައި ބެލުންތެރިން ނޭވާ ހިފަހައްޓާލަންޖެހޭނެ ކިތަންމެ މަންޒަރެއް ހިމެނޭކަން ހާމަކޮށްދިނީ އެ ފިލްމުގެ ފުރަތަމަ ޓްރެއިލަރ އިން ނެވެ.
އަޝްފާއަކީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުތް ފަންނާނެއް ނަމަވެސް، އޭނާ މި ފިލްމަށް ވެފައިވާ ތައްޔާރީ އާއި އޭނާގެ ހުނަރު ޓްރެއިލަރ އިން ވެސް ވަރަށްބޮޑަށް ހާމަވެއެވެ.
މި ފިލްމުގެ ލީޑުން ފެނިގެންދާ އަޝްފާ އާއި އެވޯޑު ވިނަރ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ ސުކޫލު ދުވަސްވަރާއި އޭގެ ފަހުގެ ދުވަސްތައް ދައްކުވައުދޭއިރު، ސުކޫލު ދުވަސްތައް ގެނެސްދޭ ބައިތަކުން ދެ މީހުންގެ ޅައިރުގެ ކެރެކްޓަރ ސްކްރީނަށް ގެނެސްދެނީ އައިމިނަތު ރަޝްފާ (އާޝާ) އާއި އާދަމް ޒިދާން (ނާނަ) އެވެ.
ފިލްމްގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމު އޮތީ ވަރަށް ފުރިހަމަކޮށް ކަމަށާއި އެއީ ޔަގީންކަމެއް ކަމަށެވެ. އަދި އެ ކުންފުނިން ކުރިން ގެނެސްދީފައިވާ ފިލްމުތަކާއި ސީރީޒްތަކަށް ވުރެ، "ބީވީމާ" އެތައް ގޮތަކުން ތަފާތުވާނެ ކަމަށް ވެސް މޮގާ ވިދާޅުވި އެވެ.
"ބީވީމާ" ގެ ސްކްރިޕްޓް ލިޔެ، ޑަައިރެކްޓް ކޮށްފައިވަނީ އަހްމަދް ޒަރީރެވެ. މިއީ އޭނާގެ މިފަދަ ފުރަތަމަ މަސައްކަތެވެ.
ކޮވިޑް-19 ގެ ސަަބަބުންނާއި އޮލިމްޕަސް މަރާމާތަށް ބަންދުކުރުމުގެ ސަބަބުން ބެލުންތެރިންނާ ހަމަައަށް ފިލްމު ނައިސް ލަސްވެފައި އޮތުމަށްފަހު، އަންނަ އަހަރުގެ ފެބްރުއަރީ 6 ގައި ފިލްމު ދެއްކުމަށް މިހާރުވަނީ ނިންމާފަ އެވެ. އަދި ޕްރީއޯޑަރަށް ޓިކެޓް ބުކިންގްސް ހެދުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
ޕޯސްޓަރާއި ތްރެއިލަރ ދައްކަލުމަށް ރޭ ބޭއްވި ހަފްލާގައި ފިލްމުގެ ތަރީންނާއި ޑާކްރެއިންގެ ޓީމް މެމްބަރުންނާއި ނޫސްވެރިން އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.
