ރަންވީރު ސިންގްގެ އާ ފިލްމު "ސާކަސް" އިން ބޮލީވުޑް ފިލްމު ބެލުންތެރިންގެ މެދުގައި ސިނަމާއަށް އޮތް ލޯބި އާލާވެގެންދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ރޯހިތު ޝެޓީ ޑައިރެކްޓްކުރި މި ފިލްމަށް އެކަމުގައި ކާމިޔާބެއް ނުލިބުނެވެ.
މި ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ 6.25 ކްރޯޑް ރުޕީސް އެވެ. ދެވަނަ ދުވަހު 6.40 ކްރޯޑް ރުޕީސް ލިބުނުއިރު ތިން ވަނަ ދުވަހު ފިލްމަށް ލިބުނީ އެންމެ 7.40 ކްރޯޑް ރުޕީސް އެވެ.
ބޮލީވުޑް ހަންގާމާގައި ނެރުނު ރިޕޯޓެއްގައިވާ ގޮތުން އާދީއްތަ ދުވަހު ސަރކަސް ގެ ބޮކްސްއޮފީސް ވިޔަފާރިއަށް ގާތްގަނޑަކަށް 15 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ. އެއީ ކްރިސްމަސް ދުވަސް ކަމަށް ވުމުން އެ ދުވަހު ފިލްމުގެ ވިޔަފާރި މިއަށްވުރެ ރަނގަޅުވާނެކަމަށް ކުރިން އޮތީ ހީކުރެވިފައެވެ. އަދި މި ފިލްމަކީ ރޯހިތު ޝެޓީ އާއި ރަންވީރު ސިންގް އެކީގައި މަސައްކަތްކުރި ދެވަނަ ފިލްމަށްވުމުން، ކުރީގެ ފިލްމު 'ސިމްބާ' އަށް ލިބުނުވަރުގެ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބޭނެކަމަށްވެސް ގިނަ ބަޔަކު އުއްމީދުކުރިއެވެ.
ރޯހިތު ޝެޓީގެ ފިލްމުތަކަށް އަބަދުވެސް މުމްބާއީ އާއި ގުޖުރާތުގެ ބެލުންތެރިންގެ ތަރުހީބު ލިބޭއިރު، ކްރިސްމަސް ޗުއްޓީގައި މި ސަރަހައްދުތަކުގައި ވެސް ސަރކަސް އަށް މާބޮޑު ކުރިއެރުމެއް ނުލިބޭކަން ފާހަގަކޮށްލަންޖެހެއެވެ.
ބޮކްސްއޮފީހުގައި ފިލްމަށް ތަރުހީބެއް ނުލިބުނުއިރު ފިލްމް-ކްރިޓިކްސްގެ ފަރާތުންވެސް ފިލްމަށް ތަރުހީބެއް ނުލިބުނެވެ. ގިނަ ރިވިއުތަކުގައި ބުނެފައިވަނީ މިއީ ކޮމެޑީ ފިލްމަކާ އަޅާ ބަލާއިރު ފޫހި ފިލްމެއް ކަމަށެވެ. އަދި ފިލމުގެ ލީޑް އެކްޓަރ ރަންވީރްގެ ހުނަރެއްވެސް މި ފިލްމަކުން މާ ބޮދަކަށް ފެނިގެން ނުދާކަމަށް ބުނެފައިވެއެވެ.
ރަންވީރް ސިންގްގެ އިތުރުން މި ފިލްމުން ވަރުން ޝަރްމާ، ޖެކުއެލިން ފަރނެންޑޭޒް އަދި ޕޫޖާ ހެޖް މައި ރޯލުތަކުން ފެނިގެންދެއެވެ.
