އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށް ޖެހިލިއިރު، ބޯންމައުތުގެ މައްޗަށް 2-0 އިން ޗެލްސީން ކުރިހޯދައިފިއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ މިހާތަނަށް ކުޅުނު 15 މެޗުން ލިބުނު 29 ޕޮއިންޓާއެކު ފަސްވަނަ އަށް ޖެހިލާފައެވެ. މިއާއެކު، މިވަގުތު ތާވަލްގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ އެ ޓީމާ ދެމެދު އޮތީ އެއް ޕޮއިންޓްގެ ފަރަގަކެވެ. ޗެލްސީ އަށް 15 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު އޮތީ 8 ވަނައިގައެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު، 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑެވެ. ރަޝްފޯޑް މި ލަނޑުޖެހީ އެ ޓީމުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ނެގި ކޯނަރަކުންނެވެ. މި ލަނޑުޖެހިތާ ތިން މިނެޓުގެ ތެރޭގައި، ރަޝްފޯޑް ދިން ޕާހަކުން އެންތަނީ މާޝިއަލް ވަނީ ޔުނައިޓެޑަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުން ލީޑް ފުޅާކުރެވޭތޯ ކުރި މަސައްކަތްތައް ކާމިޔާބުވީ، 87 ވަނަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑަރު، ފްރެޑް ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ކަސެމީރޯ ހުސްކޮށްލާފައި ދިން ހިތްގައިމު ތުރޫ ޕާހަކުން ފްރެޑް ކާމިޔާބުކުރި ގޯލެކެވެ.

ބޯންމައުތުއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ސްޓެމްފޯޑް ބްރިޖްގައި ރޭ ޗެލްސީން ކުޅުނު މެޗުގައި އެ ޓީމުން ޖެހި ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. ރޭގެ މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު، 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ މިޑްފީލްޑަރު، ކައީ ހަވާޓްޒް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ އިނގިރޭސި ވިންގް، ރަހީމް ސްޓާލިން ނެގި ހުރަހަކުންނެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޗެލްސީން މި މެޗުގައި ޖެހި ފަހު ލަނޑު، ހަވާޓްޒް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު، މޭސަން މައުންޓް އެވެ. ރޭގެ މެޗަކީ ޗެލްސީ އަށް އޭނާ ކުޅެދިން 150 ވަނަ މެޗެވެ.

ޗެލްސީން ރޭގެ މެޗު ކާމިޔާބުކޮށް، ގަދަ ހަތަރެއްގެ ރޭހުގައި އުއްމީދެއް ހޯދިއިރު އެ ޓީމުގެ އިތުބާރު ފުލްބެކް ރީސް ޖޭމްސް އަށް އަނިޔާވެގެން ދެވަނަ ހާފުގެ ކުރީކޮޅު ބަދަލުކުރަންޖެހުމަކީ ކޯޗު ގްރަހަމް ޕޮޓާ އަށް އޮތް ބޮލުގެ ރިހުމެކެވެ.

ރޭގެ މެޗަކީ ޗެލްސީން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ލަނޑެއްނުޖެހި ނިންމާލަންޖެހުނު ފަހުން ގޯލެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ރޭގެ މެޗާ ކުރިމަތިލިއިރު ޗެލްސީން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އޭގެކުރީން، އެ ޓީމަށް ލީގުގައި އެންމެ ފަހުން މޮޅެއް ހޯދުނީ މިދިޔަ އޮކްޓޫބަރު މަހުގައި އެސްޓަން ވިލާ އަތުންނެވެ.