ޗުއިންގަމަކީ އަހަރެމެންގެ ބައެއް މީހުން އެމީހުންގެ އާންމު ދިރިއުޅުމުގައި އާންމުކޮށް އާދަވެ ހަފާ އެއްޗެކެވެ. ވީ އިރު މި ޗުއިންގަމަކީ އަހަރެމެން އިންސާނުންގެ ހަށިގަނޑަށް ކޮންކޮން ފައިދާ ތަކަކާއި ގެއްލުންތަކެއް ކުރިމަތި ކުރުވާ އެއްޗެއްތޯ ބަލައިލުން މުހިއްމެވެ. މި ލިޔުމުގައި މިކަމުގެ މައްޗަށް ކުރު ގޮތަކަށް ބަލައިލާނަމެވެ.

ބުނެވޭ ގޮތުގައި އިންސާނުން ޗުއިންގަމް ހަފާތާ އެތައް ހާސް އަހަރެއް ވެދާނެއެވެ. ނަމަވެސް ގަދީމީ ޒަމާންތަކުގައި ޗުއިންގަމުގެ ގޮތުގައި ހަފާ އުޅުނީ ބައެއްކަހަލަ ގަސްގަހުން ނުކުންނަ ކިރެވެ. މިއަދު މިޒަމާނުގައި މި ގެންގުޅޭ ޗުއިންގަމް ތަކަކީ ސިންތެޓިކް ރަބަރުން ހަދާފައި ހުންނަ ޗުއިންގަމް ތަކެކެވެ. އެކި ޗުއިންގަމް ތަކަކީ އެކި ގޮތްގޮތަށް ހަދާފާ ހުންނަ އެއްޗެއްސެވެ. ނަމަވެސް ކޮންމެ ޗުއިންގަމެއްގައިވެސް ހުންނަ ބައެއް އަސާސީ މާއްދާތައް ކޮންމެ ޗުއިންގަމެއްގައިވެސް ހުރެއެވެ. މީގެ އިތުރަށް އެ ޗުއިންގަމަކަށް ގެންނަ ހަރުކަމަކާއި މަޑު ކަމަކާއި ހުންނަ ކުލައަކާއި އޭގާ ލާ ރަހަ ދިނުމަށް އެކި އެކި ތަފާތު މާއްދާތައް ބޭނުން ކުރެވެއެވެ.

ދިރާސާވެރިން ދެކިލައްވާ ގޮތުގައި ޗުއިންގަމުގައި ހުންނަ މާއްދާތަކީ އޭގެ ސަބަބުން ސިއްހަތަށް ގެއްލުން ދެނިވި މާއްދާތަކެއް ނޫނެވެ. ނަމަވެސް ބައެއް މާދާތަކާއި މެދު، ދެގޮތަކަށް ވާހަކަ ދެކެވިފާ އެބަ ހުއްޓެވެ. އެ ހާލަތްތަކުގައިވެސް ބުނެވެނީ އެ މާއްދާތައް ގިނައިން ބޭނުން ކުރެވިއްޖެ ނަމަ ގެއްލުން ލިބިދާނޭ ކަމަށެވެ. އެގޮތުން ޗުއިންގަމުގައި ހުންނަ ބީ.އެޗް.ޓީ ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން ހަޖަމުގެ ނިޒާމަށް އުނދަގޫތަކެއް ކުރުވައެވެ. އަދި ޓައިޓޭނިއަމް ޑިއޮކްސައިޑް ކިޔާ މާއްދާއަކުން ނާރުތަކުގެ ދުޅަހެޔޮކަން ކުޑަކޮށްދޭ ކަމަށްވެސް ބައެއް ދިރާސާތަކުން ދައްކާކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އެސްޕާޓަމް އަކީ ޗުއިންގަމުގައި ފޮނިރަހަ ލައްޗަން ބޭނުން ކުރާ މާއްދާއެކެ. މި މާއްދާގެ ސަބަބުން ބަރުދަން އިތުރުކޮށްދިނުމާއި ބޮލުގައި ރިހުމާއި ހަކުރު ބަލީގެ އެކި އެކި އުނދަގޫތައް އިތުރުކޮށްދޭ ކަމަށްވެސް ވެއެވެ. ނަމަވެސް މިއީ މި މާއްދާތައް ގިނައިން ބޭނުން ކުރެވޭ ނަމައެވެ.

ދެން އޮތީ ޗުއިންގަމް ހެފުމުން ލިބޭ ފައިދާތަކުގެ ވާހަކައެވެ. ޗުއިންގަމް ހެފުމުން ވިސްނުން ރަނގަޅުވެ ފަހުމްވުން ފަސޭހަވެ ކަންކަން ހަނދާންކޮށް ދަސްކުރަން ފަސޭހަވެގެން ދާކަމަށް ދިރާސާތަކުން ދައްކައެވެ. އެހެނީ ޗުއިންގަމް ހެފުމުން މޫނުގެ މަސަތަކަށް ލޭ ދަތުރުކުރާ މިންވަރު ރަނގަޅުވެމެވެ. އޭގެ ނަތީޖާއަކަށް ވަނީ ސިކުނޑިއަށްވެސް ތާޒާކަން ލިބިގެން ދިއުމެވެ. އެއާއި އެކު ހާސްކަމާއި ނުތަނަވަސްކަން ފިލައިގެންވެސް ދިއުމެވެ. ޗުއިންގަމަކީ ބަރުދަން ލުއިކޮށްދިނުމަށްވެސް އެހީތެރިވެދޭ އެއްޗެއް ކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އެއީ އޭގާ ހުންނަ މާއްދާ އަކުންނެއް ނޫނެވެ. ނަމަވެސް އަނގައިގައި އެ ގިނަ އިރު ގެންގުޅުމުން ހައިހޫނުކަން އިހުސާސް ކުރަން ނުޖެހި ހިނައިރު ހުރެވޭނެތީއެވެ. އަދި ހައިހޫނުކަން އިހުސާސް ނުވާނަމަ ކެވޭ މިންވަރު މަދުވާނެތީއެވެ.

ޗުއިންގަމަކީ އެ ހެފުމުން އަނގައިގެ ތެރޭގައި ހުންނަ ބައެއްކަހަލަ ޖަރާސީމު މަރުވެގެންދާ ކަމެކެވެ. އަދި އަނގައި އެތެރެ ސާފުކޮށްދީ ރީތިކޮށްދޭ ކަމެކެވެ. ހަމަ އެއާއި އެކު އަނގައިގެ ތެރޭގައި ހުންނަ ނުބައި ވަސްވެސް ޗުއިންގަމު ހަފާނަމަ ކުޑަވެގެން ހިނގައިދާނެއެވެ.

ޗުއިންގަމާއި ބެހޭގޮތުން މި ބަލާލެވުނީ ބައެއް ދިރާސާވެރިން ފާހަގަ ކުރާ ބައެއް އާންމު ކަންކަމަށެވެ. މިކަންކަމުން އެނގެނީ ޗުއިންގަމަކީ އޭގެ ޒާތުގައި ގެއްލުން ހުރި އެއްޗެއް ނޫންކަމެވެ. ނަމަވެސް މާ ގިނައިން ބޭނުން ކުރެވޭނަމަ، ނުވަތަ ގިނައިރު ހެފޭނަމަ އޭގެ ސަބަބުން ގެއްލުންތަކެއް ލިބުމަކީ ދުރުގައިވާ ކަމެއް ނޫން ކަމެވެ.