އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑް އަތުން 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، އެ މެޗުގައި ޖެހި ގޯލްތަކާއެކު ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ރެކޯޑެއް ޤާއިމްކޮށްފިއެވެ.
މި ނަތީޖާއާއެކު ސިޓީ ވަނީ ތާވަލްގެ ކުރީގައި އުޅޭ އާސެނަލާ ފަސް ޕޮއިންޓާ ގާތަށް ޖެހިލައިފައެވެ. އާސެނަލް އެއްވަނައިގައި އޮތީ 15 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ސިޓީ އޮތީ 15 މެޗުން ލިބުނު 35 ޕޮއިންޓާއެކު އެވެ. ނިއުކާސަލް ޔުނައިޓެޑަށް 16 މެޗުން ލިބުނު 33 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ.
ލީޑްސްގެ އެލަން ރޯޑްގައި ރޭ ކުޅުނު މެޗުގައި ސިޓީން ލީޑްނެގީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސްޕެއިނުގެ މިޑްފީލްޑަރު، ރޮޑްރީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެކުރީން، ސިޓީގެ ފޯވާޑް ހާލަންޑަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ލީޑްސްގެ ގޯލްކީޕަރު އިލަން މެލިއާ ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ސިޓީގެ ލީޑް ފުޅާކޮށްދިނީ ހާލަންޑް އެވެ. މެޗުގެ 51 ވަނަ މިނެޓުގައި ހާލަންޑް މި ލަނޑުޖެހީ އެ ޓީމުގެ އިނގިރޭސި ވިންގް، ޖެކް ގްރީލިޝް ދިން ބޯޅައަކުންނެވެ. އަދި އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ގޯލެއްޖަހައި ސިޓީ އަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ގްރީލިޝް އެވެ.
މި ލަނޑުތަކާއެކު ސިޓީގެ ފޯވާޑް ހާލަންޑް ވަނީ ލީގުގައި އެންމެ އަވަހަށް 20 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގައި 20 ލަނޑުޖަހައިފައެވެ.
މި މެޗުގައި ލީޑްސް އިން ޖެހި ހަމައެކަނި ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕަސްކަލް ސްޓްރުއިކް އެވެ. ސޭމް ގްރީންވުޑް ނެގި ކޯނަރަކުން ސްޓްރުއިކް މި ލަނޑުޖެހީ ބޮލުންނެވެ.
ލީގުގައި ސިޓީ އަށް ދެން އޮތީ މި މަހުގެ 31 ވާ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ތާވަލްގެ އެއްވަނައިގައި އުޅޭ އާސެނަލް ރަށުން ބޭރުގައި ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.
