ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފަހުވަގުތު ކިލިއަން އެމްބާޕޭ ވައްދާލި ލަނޑާއެކު ޕީއެސްޖީން 2-1 އިން ސްޓްރަސްބޯގް ބަލިކުރިއިރު، އެ މެޗުގައި ބްރެޒިލްގެ ތަރި ނޭމާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލެންސް އަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ރެނެސް ތިންވަނައިގައި އޮތީ 15 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެވެ. އޮލިމްޕިކް މާސޭ އޮތީ 15 މެޗުން ލިބުނު 30 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ރޭގެ މެޗަށް ޕީއެސްޖީ ނިކުތްއިރު ވޯލްޑް ކަޕްގެ ކާމިޔާބީގެ އުފާފާޅުކުރުންތަކާއި ޗުއްޓީގައި ހުރުމާއެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅެއެވެ. މީގެއިތުރުން، މޮރޮކޯ އާއެކު ސެމީގައި ކުޅުނު އަޝްރަފް ހަކީމީ ވެސް ކުޅެން ނިކުތީ ފަހު ހާފުގައެވެ. އަދި އަނިޔާގެ ސަބަބުން ޕްރެސްނެލް ކިމްޕެމްބޭ އާއި ނޫނޯ މެންޑޭޒް އަދި ރެނާޓޯ ސަންޗޭސް އަށް ރޭގެ މެޗުގައި ނުކުޅެވުނެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 14 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ކެޕްޓަން މާކީނޯސް ކާމިޔާބުކުރި ގޯލުންނެވެ. މި ހާފުގައި ސްޓްރަސްބޯގްގެ ފޯވާޑް ކެވިން ގަމެއިރޯ ފޮނުވާލި ނުރައްކާތެރި ހަމަލާ ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މަތަކުރިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ސްޓްރަސްބޯގް އިން އެއްވަރުކުރި ލަނޑަކީ ޕީއެސްޖީގެ ޑިފެންޑަރު، މާކީނޯސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލުމާއެކު އެ ޓީމަށް އުނދަގޫތައް ކުރިމަތިވިއެވެ. ނޭމާ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީއޭރިޔާ ތެރެއަށް ވެއްޓިގަތުމުންނެވެ.

މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް ޕީއެސްޖީ މޮޅުކޮށްދިނީ އިތުރުވަގުތުގެ ހަވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެމްބާޕޭ އަށް ސްޓްރަސްބޯގްގެ ޖާޒީނިއޯ ނިޔަމްސީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.