ފާހާނާ ފްލަޝް ކުރާއިރު، ފާހާނާ ތަށީގެ މަތި ޖަހަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ އަހަރެމެންގެ ގިނަ މީހުންނަށް ވާ ގޮތަކީ ފާހާނާ ކުރުމަށްފަހު ތާހިރުވެލުމަށްފަހު ތަށީގެ މަތި ނުޖަހާ ފްލަޝް ކޮށްލެވެނީއެވެ. އަފި ފަހުން ނަމަވެސް ފާހާނާ ތަށީގެ މަތި ޖަހާކަށް ހަނދާނެއް ނުހުރެއެވެ. ނަމަވެސް މިއީ ހަގީގަތުގައި ނުރައްކާތެރި ކަމެކެވެ. އާދައިގެ، އާންމު ނަމަވެސް ނުރައްކާތެރި ކަމެކެވެ.
މިކަން ދިރާސާކޮށް ފަހުގެ ދިރާސާވެރިން މިކަން ފުރިހަމައަށް ހޯދާފައި ވަނީ ހޮސްޕިޓަލު ތަކުން ޖެހޭ ނުވަތަ އުފެދޭ އިންފެކްޝަންތަކުގެ ސަބަބުތައް ހޯދަން ކުރި ދިރާސާތަކުގެ ތެރެއިންނެވެ. އެ ދިރާސާއިން ހާމަވާ ގޮތުގައި ފާހާނާ ފްލަޝް ކުރުމަކީ ކިނބިހި އެޅުން ހަފަދަ ކެމެކެވެ. ކިނބިހި އަޅާއިރު އަނގަ ނިވައި ނުކުރާނަމަ އަނގައިގެ ތެރެއިން ވައިގެ ތެރެއަށް ކުދި ފެން ތިކިތަކެއް ނުވަތަ ކުޅު ތިކިތަކެއް ބުރައިގެން ދެއެވެ. ހަމަ އެގޮތަށް ފާހާނާ ފްލަޝް ކުރާއިރުގައިވެސް، ތަށީގެ މަތި ނުޖަހާނަމަ ފްލަޝް ވެގެން ދާ ވަގުތު ވައިގެ ތެރެއަށް ފެން ތިކިތަކެއް ބުރައިގެން ދެއެވެ. މި ފެންތިކިތައް ވައިގެ ތެރޭގައި ގިނަ އިރު ހަރުލާފާ ހުރެއެވެ.
ފާހާނާ ތައްޓަށް ކުޑަކަމު ނުވަތަ ބޮޑުކަމު ގޮސްފައިވާނަމަ، މަތި ނުޖަހާ ފްލަޝް ކުރުމުން ވައިގެތެރެއަށް ބުރާ މި ތިކިތަކުގައި ޖަރާސީމުގެ އަސަރު އެކުލެވޭނެއެވެ. އެހެން ކަމުން މި ތިކިތައް ވައިގެ ތެރޭގައި ހުންނަ ނަމަ ފާހާނާގައި ހުންނަ މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވަންނާނެއެވެ. މިގޮތަށް ޖަރާސީމު އެކުލެވޭ ތިކިތަކެއް ގިނައިން އިންސާނާގެ ފުއްޕާމެއަށް ވަންނަ ކަމުގައި ވަނީނަމަ މިއީ ފުއްޕާމޭގައި އިންފެކްޝަން އުފެދެން މެދުވެރިވާ ސަބެބެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި ހޮސްޕިޓަލް ތަކުން ޖެހޭ އިންފެކްޝަން ތަކުގެ ބޮޑު ބައެއް އަދާކުރަނީ ފުއްޕާމެއަށް ޖެހޭ އިންފެކްޝަން ތަކެވެ. މީގެތެރެއިން ވެންޓިލޭޓަރުގައި ނޯންނަ ބަލި މީހުންނަށް ފުއްޕާމޭގެ އިންފެކްޝަންތައް ގިނައިން ޖެހޭ ސަބަބަކީ ހޮސްޕިޓަލުތަކުގައި ހުންނަ އާންމު ފާހާނާ ތައް ކަމުގައި ވެސް ދިރާސާވެރިން ފާހަގަ ކުރެއެވެ. މި ފާހާނާތައް ގިނަ ފަހަރަށް ގިނަ މީހުން ބޭނުން ކުރާއިރު، މަތި ޖަހާ ނުހަދައެވެ. ފްލަޝް ކުރާ އިރުވެސް މަތި ޖަހާ ނުހަދައެވެ. އެކަކަށްފަހު އަނެކަކު އަވަސް އަވަހަށް މި ފާހާނާތަކަށް ވަންނަ އިރު، މި ފާހާނާ ތަކުގެ ވައި ސާފުކުރާ ނިޒާމުތައް ރަނގަޅު ނޫން ކަމަށްވެސް ފާހަގަ ވެއެވެ.
ބެދިފައި ހުންނަ ވައި ދައުރުކުރުން ކުޑަ ފާހާނާ ތަކުގައި ފްލަޝް ކުރާއިރު، ފާހާނާ ތަށީގެ މަތި ޖަހަން ހާއްސަކޮށް ހަނދާން ކުރަން ވާނެއެވެ. ނޭނގި ނަމަވެސް އެފަދަ ފާހާނާ ތަކުގައި މިގޮތަށް ބުރައިގެންދާ ފެންތިކިތައް ގިނަ އިރުތަކެއް ވަންދެން ފާހާނާތެރޭގައި ހުންނާނެއެވެ. ނަތީޖާ އަކަށްވާނީ ފާހާނާގައި އުޅޭ މީހާގެ ނޭވާލާ ނިޒާމުގެ ތެރެއަށް މި ތިކިތައް ވަދެގެން ދިއުމެވެ. އާންމުގޮތެއްގައި ގިނަ މީހުން ފާހާނާކުރަނީ ފެންވެރުމުގެ ކުރިންނެވެ. އެހެންކަމުގައި ވަނީނަމަ އެއްމެ ފުރަތަމަ ފާހާނާކޮށް ފްލަޝް ކުރުމުން އެ ބޭރުވާ ތިކިތަކުގެ ތެރޭގައި ގިނަ އިރުތަކެއްވަންދެން އިންސާނާއަށް ހުރެވޭ ގޮތް ވެއެވެ.
މިއީ ވަރަށް އާދައިގެ ކަމެއް ނަމަވެސް، ސަމާލުކަން ދިނުން މުހިއްމު ކަމެކެވެ. ތާހިރުކަމުގެ ގޮތުންވެސް މިއީ ކުުރުން ރަނގަޅު ކަމެކެވެ. އަހުލާގީ ގޮތުންވިޔަސް މެއެވެ. ތިމާ އާއި އަނެކުންގެ ސިއްހަތަށްޓަކައިވެސް ފާހާނާ ފްލަޝް ކުރުމުގެ ކުރިން ފާހާނާ ތަށީގެ މަތި ޖަހަން އާދަކުރާށެވެ. އަދި އާދަވެގެން ފާހާނާ ތަށީގެ މަތި ޖަހާފައި އަބަދުވެސް (ބޭނުން ނުކުރާ އިރު) ބަހައްޓަން އާދަކުރާށެވެ.
