އެވެރެޖެއެއްގެ ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުމަށް ދުވާލަކު 147 މިނަޓު ނުވަތަ 2.45 ގަޑިއިރުގެ ވަގުތު ހޭދަކުރާކަން ދިރާސާތަކުން ދައްކާދެއެވެ. މި ދިރާސާތަކުން ދައްކާ ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުން ގިނަވުމުގެ ސަބަބުން އަމިއްލަ ނަފްސަށް އިތުބާރުކުރުން ދަށްވުމާއި، ޑިޕްރެޝަން، ހާސްކަމާއި، އެކަހެރިވުން އިހުސާސްކޮށްދޭނެއެވެ.  ނަމަވެސް ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލުމުން ތިރީގައި ދެންނެވިފައިވާ ފައިދަތައް ލިބިގެންދާނެއެވެ.

 

އުފާވެރިކަން ލިބުން.

ސޯޝަލް މީޑިއަ ޕްލެޓްފޯމުގެ ފީޑްތަކުން ފެންނަން ހުންނަ ކަންތައްތަކަކީ އެއްވެސް މީހަކަށް ކޮންޓްރޯލް ކުރެވޭނެ ކަންކަމެއް ނޫނެވެ. އަދި ފީޑަށް އަންނަ ބައެއް ޙަބަރުތަކަކީ ތިމާއަށް އުދަގޫވެ، ހާސްވެ ނުވަތަ ތިމާއާ އެއްބަސް ނުވެވޭ ކަހަލަ ހަބަރުތަކެއް ނުވަތަ ޕޯސްޓްތަކަކަށް ވެގެންދާނެއެވެ. 

ނަމަވެސް ދެނަހުރެ އަމިއްލަ ނަފްސު އެ ހާލަތަށް ވައްދަނީ ކީއްވެތޯއެވެ. މިކަހަލަ ހަބަރުތަކާއި ޕޯސްޓުތަކުން އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރިޔަ ނުދޭށެވެ.

 

އިތުރު ވަގުތު ލިބުން.

އަޕްޑޭޓްތަކާއި ސްޓޭޓަސްތައް ޗެކްކުރުމަށް މެދުނުކެނޑި ހޭދަކުރާ ވަގުތަށް ދެވޭ ސަމާލުކަން މަދުވިވަރަކަށް ދިއިރުޅުމުގައި މާނަހުރި ކަންތައްތަ ކުރުމާއި ދިރިއުޅުމުގެ ތަޖުރިބާތައް ކުރުމަށް ގިނަ ވަގުތު ލިބިގެންދާނެއެވެ. ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކުރުމާއި، މަސައްކަތް ނިންމާލުން ނުވަތަ ކަމުދާ ހޮބީއެއް ހޯދުމެވެ. މިއީ އޮންލައިންކޮށް އެއްވެސް ކަމެއް ނުކުރުމަށް ވުރެއް ވަގުތުގެ ހެޔޮގޮތުގައި ބޭނުންކުރުމަށް ރަނގަޅު ގޮތެކެވެ.

 

ޝަހުސިއްޔަތު ރަނގަޅުވުން.

މީގެ ކުރިން އިންޓަނެޓް ނެތްއިރު، މީހުން ކަންކަން ދަސްކޮށް، ޝަހުސިއްޔަތު ރަނގަޅު ކުރުމަށް ފޮތް ކިޔާ، އެކި ތަންތަނަށް ދަތުރުފަތުރުކޮށް، ސީދާ މީހުންނާ ވާހަކަ ދައްކާ ހެދިއެވެ. މި ހުރިހާ ތަޖުރިބާތަކަކީވެސް މުއްސަނދި ތަޖުރިބާތަކެކެވެ.

ސޯޝަލް މީޑިއާގައި ހިނގާ ގިނަ ވާހަކަތަކަކީ މާނައެއް ނެތް އަދި ފޫހި ވާހަކަތަކެކެވެ .ގިނަ ވާހަކަތަކަކީ ކުރު އަދި ތަކުރާރު ވާހަކަތަކެކެވެ. އަދި، އާ ކަމެއް ދިރާސާ ކުރަން ނުވަތަ ދަސްކުރަން މަސައްކަތް ކުރާއިރު ތިމާގެ ސަމާލުކަން ގެއްލިގެން ދާނެއެވެ. މިހުރިހާ ކަމަކުން ދުރުހެލިވުމުން ސިކުނޑި "ސްޓިމިއުލޭޓް" ވެގެން އިންސާނާ ތަރައްޤީވުމަށް އެހީތެރިވެދޭނެއެވެ.

 

ތިމާގެ ލޮލުން ކަންކަން ހެކިވުން

ތިމާގެ ލޮލުން ހެކިވާ، ނުވަތަ އަމިއްލަ ކަންފަތުން އަޑުއަހާ އެއްޗަކަށްވުރެ ރަނގަޅު ޙަޤީޤަތެއް ނެތެވެ. ސޯޝަލް މީޑިއާގައި ފެންނަހާ އެއްޗަކީ ތެދަކަށް ނުވެދާނެއެވެ. އެކި އެކި ޕޯސްޓުތަކުން އެއް ހާދިސާއެއް ކިޔާލިޔަސް އެ  ޕޯސްޓުތަކުގައި ކޮންމެވެސް ވަރެއްގެ ބަޔާސްކަމެއް ނުވަތަ ހަގީގަތް ފޮރުވިފައިވާނެއެވެ. ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލައިފިނަމަ، ތިބާގެ ޚިޔާލުތައް ދެން ބިނާވެފައި އޮންނާނީ އެހެން މީހުން ދައްކާ އެއްޗަކާއި ފާޅުކުރާ އެއްޗެއްގެ ބަދަލުގައި ތިބާގެ އަމިއްލަ ޚިޔާލުގެ މައްޗަށެވެ.

 

ދިރިއުޅުމުގައި ހިނގާ ކުދިކުދި ކަންތައްތަކުގެ އަގުވަޒަން ކުރުން.

ފޯނު ޗެކްކުރުމަކީ ދިގުދެމިގެންދާނެ އާދައަކެވެ. ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލުމުން ކުދިކުދި ކަންތައްތަކުން އުފާ ލިބި، ފުރިހަމައަށް އަގުވަޒަން ކުރެވޭނެއެވެ. 

 

އެހެން މީހުންގެ ރުހުން ހޯދާކަށް ނުޖެހޭނެ.

ސޯޝަލް މީޑިއާގެ އެންމެ ބޮޑު ގެއްލުމަކީ އެހެން މީހުން ސަމާލުކަމާއި އިއުތިރާޒް ހޯދަން ބޭނުންވުމެވެ. ޕޯސްޓުކުރާ  ސްޓޭޓަސްތަކާއި، ފޮޓޯ، ޚިޔާލާއި ކޮމެންޓްތައް މީހުން ލައިކް ކުރާވަރު ގިނަވުމަށް ބޭނުންވުމެވެ. އަމިއްލަ ވިސްނުމާއި އިޙްސާސްތަކަށް އިސްކަން ދިނުމަށްވުރެ ބޮޑަށް އެހެން މީހުންގެ ސަމާލުކަން ހޯދުމަށް ކަންކަން ޕޯސްޓް ކުރާތަން ފެނެއެވެ. ސޯޝަލް މީޑިއާތަކުން ދުރުހެލިވުމުން އެހެން މީހުންގެ ޙިޔާލުތަކަށް ސަމާލުކަން ނުދީ ތިމާގެ ފަރުދީ ވަންތަކަމާ އަލުން ގުޅުވާލާނެ ކަންކަމެވެ.

 

ތިބާގެ އިތުބާރު އަލުން ލިބޭނެ.

ސޯޝަލް މީޑިއާގައި ގިނަ ފަހަރަށް އެހެން މީހުންގެ ފަރާތުން ނޭދެވޭ ބަސްތަކާއި ރިއެކްޝަންތަކާއި، އަދި "ސައިބަރ ބުލީންގް" ވެސް ކުރިމަތިވެދާނެއެވެ. އެންމެން ރުއްސުމަކީ ކުރެވޭނެ ކަމެއް ނޫން، އަދި ދުވަހަކުވެސް އެއްވެސް މީހަކު ތިބާއާ ފުރިހަމައަށް އެއްބަސް ނުވާނެއެވެ. މި ހަރުކަށި ބަސްތަކާއި ތަޖުރިބާތަކުގެ ސަބަބުން އަހަރެމެންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިދާނެއެވެ.

 

ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލުމުން އިތުބާރު އަނބުރާ ލިބި، އެހެން މީހުން ތިމާއާ މެދު ވިސްނާނެ ގޮތަކާ މެދު ކަންބޮޑުވުން ނުވަތަ ބިރުގަތުން ހުއްޓާލައެވެ. މިކަންކަން އަލުން ހޯދުމަކީ މިނިވަންކަމުގެ ތަޖުރިބާއަކަށް ވެގެންދާނެއެވެ.