ދައްކަން މިއުޅެނީ އާދަޔާ ޚިލާފު ވައްޓަފާޅިއެއްގެ ވާހަކައެވެ. މުޖުތަމައުގައި އޮޅުވާލައިގެން ކަންކަންކުރަނީ ސްކޭމަރުން އެކަންޏެއް ނޫނެވެ. ޤާނޫނުގެ ތެރެއިން ކުރާ ސްކޭމްގެ ވާހަަކަ ދެއްކިޔަސް އެކަމުން ކުރާނެ އަސަރެެއްނެތެވެ. އެވާހަކަ ދައްކާނެ މީޑިއާއެއްވެސް ނެތެވެ. ބޮޑެތި ޖަޔަންޓުން ކަމަށް ދައުވާކުރާ މީީޑިއާތައް ވަނީ ފައިސާގެ ދަންތުރައެއްގައި ނުވަތަ ސްޕޮންސަރެއްގެ މަޅީގައި ޖެހި ހަތަރެސްފައި ބަނދެވިފައެވެ.

ރާއްޖޭގެ މަޝްހޫރު ސައިކަލް ވިއްކާ ކުންފުނި ލިޓަސް އިން އާންމުންނަށް ކަންކަން އޮޅުވާލައިގެން ސައިކަލު ވިޔަފާރިކުރަމުންދާ ވާހަކަ ލިޔެލާނެހާ ހިތްވަރު ހުރި ނޫހެއް، ނޫސްވެރިއެއް ނެތެވެ. ލިޓަސްގެ އޮޅުވާލުންތަކަށް ހެކިދެނީ އެވެރިންގެ ފޭސްބުކް ޕޭޖަށް ކޮށްފައިހުރި ކަސްޓަމަރުންގެ ކޮމެންޓްތަކުންނެވެ.

ބައެއް ކަސްޓަމަރުންގެ ކޮމެންޓްތަކުން އެނގޭ ގޮތުގައި ސައިކަލު ރަޖިސްޓްރީ ހަވާލުނުކުރާތާ ތިން އަހަރުވެފައި ތިބި ކަސްޓަމަރުންވެސް އެބަތިއްބެވެ. އިންސްޓޯލްމަންޓަށް ނަގާ ސައިކަލުގެ ފައިސާ ދައްކާ ޚަލާސްކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި އެބަހުއްޓެވެ. ރަޖިސްޓްރީގެ އިތުރަށް އަޅުގަނޑުމެން ބެލިބެލުމުން ސައިކަލަށް ފައިސާ ދެއްކިތާ ތިން، ހަތަރު މަސް ވެފައި އެބަހުއްޓެވެ.

ރާއްޖޭގެ ގާނޫނުގައި ބުނާ ގަނެ ވިއްކާ އުސޫލުތަކާ ލިޓަސް އިން ހިލާފުވެފައިވާކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކޮމެންޓްތަކުން ފެންނަން އެބައޮތެވެ. ހައްޤަށް ބަލާއިރު ކަސްޓަމަރުގެ ހައްޤަށް ކުންފުނިން އަރައިގަނެފައިވާ ކަމަށް ބުނަމުންދަނީ ކަސްޓަމަރުންގެ ޝުއޫރުތަކުންނެވެ. މޮޅެތި އިސްތިހާރު ހަދާ އާންމުންގެ ސަމާލުކަން ހޯދާއިރު މިހާރު ޓަސްލާފައި ސައިކަލެއް ނުލިބެއެވެ. 
ދިވެހި ފުލުހުންގެ ފަރާތުން އާންމު ރައްޔިތުމީހާ އަށް މައުލޫމާތުދޭ ހޮޓްލައިނަށް ގުޅުމުން ވިދާޅުވީ ސިވިލް ކޯޓަށް ދިއުމަށެވެ. ވިޔަފާރި އާއި ގުޅޭ މައްސަލައެއްކަމުން ޕޮލިސް ސާވިސް އަށް މި މައްސަލަ ބެލެން ނެތްކަމަށެވެ. ސައިކަލު ރަޖިސްޓްރީތައް ދޫނުކުރި ލިޓަސް އިން މިފަހަރު ފެށީ ކަނބަލުންނަށް ހާއްސަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ. މިވަރުގެ ބޮޑު އޮޅުވާލުމެއް، އޮޅުވާލާފައިވާ ކުންފުންޏަކުން އަދިވެސް އެކި ނަންނަމުގައި ޕްރޮމޯޝަންތައް ކުރިއަށްގެންދާއިރުވެސް ކަމާ ބެހޭ އިދާރާތަކުން މި މައްސަލައެއް ނުބަލައެވެ.

އާންމު ނިކަމެތި މީހާ ސައިކަލު ފީ ގަޑިއަށް ނުދެއްކުމުން ޖޫރިމަނާވެ، ލިޓަސް އިން ވަންނަނީ ކޯޓަށް ގެއްލުމުގެ ބަދަލު ހޯދާށެވެ. ރައްޔިތު މީހާ ޖެހެނީ ދަރަނިވެރިވެގެންވެސް އެފައިސާ ދައްކާށެވެ. ނޫނީ އޮތީ ކޯޓު މަރުހަލާގައިި ލިޓަސް ބޭނުންވާ ގޮތަށް މައްސަލަ ނިމުމެވެ. އިސްތިހާރުން ސަތޭކަ ލިބުނަސް، ހިދުމަތުން ލިޓަސް އަށް ލިބެނީ ސުމެކެވެ. އެކަން ފެންނަން އޮތީ އާންމު ކަސްޓަމަރުންގެ ކޮމެންޓްތަކުންނެވެ. ބައެއް ކޮމެންޓްތައް ޑިލީޓްކޮށްފައި އެބަހުއްޓެވެ. މިހާރު ތީ ކުރިން ފެނުނު ލިޓަސް ނޫންކަން ހެކި ދެނީ މި ކޮމެންޓްތަކެވެ. މިހާރު ފޯމް ލީމާ ޓަސްލާފައި ސައިކަލާއި ރަޖިސްޓްރީ ނުލިބެއެވެ. ހިދުމަތުން ކަސްޓަމަރުން ލިޓަސް އަށް ދެނީ ސުމެކެވެ.