ފުޓްބޯޅަ ކުޅުންތެރިއަކަށް މިހާތަނަށް ދޭ އެންމެ ބޮޑު މުސާރައިގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއާގެ އަލް ނަސްރަށް ސޮއިކޮށްފިއެވެ.

ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މަހުގެ ތެރޭގައި އުވާލުމާއެކު ރޮނާލްޑޯ ހުރީ ކްލަބެއް ނެތިއެވެ.

ރޮނާލްޑޯ، 37، އަލް ނަސްރަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މިއާއެކު، އެ ޓީމާއެކު 2025 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ އަށް މުސާރައިގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު މުސާރައެއް ލިބޭނެ އެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއަކަށް މިހާތަނަށް ލިބޭނެ އެންމެ ބޮޑު މުސާރަ އެވެ.

މީގެކުރީން، ޔޫރަޕްގެ ހަތަރު ގައުމެއްގައި ތަފާތު ހަތަރު ކްލަބަކަށް ރޮނާލްޑޯ ކުޅެފައިވާއިރު، މިއީ ޔޫރަޕުން ބޭރުގެ ކްލަބަކަށް އޭނާ ކުޅޭ ފުރަތަމަ ފަހަރެވެ. އެގޮތުން، ރޮނާލްޑޯ ވަނީ ސްޕޯޓިން ލިޒްބަން، ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ކުޅެފައެވެ.

ސައުދީ އަރަބިއާގެ ލީގުގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރުން ރޮނާލްޑޯގެ ސޮއި ހޯދުން ސިފަކުރީ "މިއީ ތާރީޚު ބަދަލުކޮށްލެވުނު ވަގުތުކޮޅެއް" ގެ ގޮތުގައެވެ.

ރޮނާލްޑޯ ބުނީ ޔޫރަޕްގެ ފުޓްބޯޅައިގައި ކާމިޔާބުކުރުމަށް އަޒުމް ކަނޑައެޅި ހުރިހާ ކާމިޔާބީއެއް ހާސިކުރެވުމުގެ ނަސީބު ލިބިފައިވާކަމަށާއި، މިއީ އޭޝިއާގައި އޭނާގެ ތަޖުރިބާ ހިއްސާކުރަން އެންމެ އެކަށޭނަ ދަނޑިވަޅުކަމުގައެވެ.