އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެވަޓަންއާ 1-1 އިން މެންޗެސްޓާ ސިޓީ އެއްވަރުވިއިރު، ރަށުން ބޭރުގައި ވުލްވްސް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ހޯދީ މޮޅާއެކު އަހަރު ނިންމާލީ ތާވަލްގެ ހަތަރެއްގައި އޮވެގެންނެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 16 މެޗުން ލިބުނު 36 ޕޮއިންޓާއެކު ދެވަނައިގައެވެ. އެންމެ ކުރީގައި އުޅޭ އާސެނަލަށް 15 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 17 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑުން ވަނީ 16 މެޗުން 32 ޕޮއިންޓް ހަމަކޮށް ތާވަލްގެ ހަތަރަކަށް ޖެހިލާފައެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ އަލްޖީރިއާގެ ވިންގް، ރިޔާދް މާރޭޒް ދިން ޕާހަކުން އާލިން ބްރައުޓް ހާލަންޑް ކާމިޔާބުކުރި ގޯލުންނެވެ.

އޭގެފަހުން، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ހިލޭޖެހުމަކުން ނަގައިދިން ބޯޅަ ޖޯން ސްޓޯންސް ފޮނުވާލުމުން އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

އެވަޓަން އިން އެއްވަރުކުރި ލަނޑު، 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެމާރޭ ގްރޭ އެވެ. މިއީ އެވަޓަންގެ ހާފް ތެރެއިން ސިޓީގެ ރޮޑްރީ އަތުން ގެއްލުނު ބޯޅައެއް ހޯދައި އިދްރިސާ ގާނާ ގޭއީ ދިން ޕާހަކުން ގްރޭ އެ ބޯޅަ ހިފައިގެންގޮސް އޭރިޔާތެރެއަށް ވަދެ ކާމިޔާބުކުރި ރީތި ގޯލެކެވެ. 

ސިޓީން ލަނޑެއްޖަހަން ކުރި މަސައްކަތުގެ ތެރެއިން މެޗުގެ 82 ވަނަ މިނެޓުގައި ޑި ބްރޭނާ ފޮނުވާލި ބޯޅަ އެވަޓަންގެ ޑިފެންޑަރު ބެން ގޮޑްފްރޭ ބްލޮކްކުރިއިރު، ދެވަނަ ފަހަރަށް އެ ބޯޅަ މާރޭޒް އަށް ލިބުމުން ފޮނުވާލި ހަމަލާ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއެވެ. އޭގެފަހުން، ސިޓީގެ ހޫލިއަން އަލްވަރޭޒް އާއި އިލްކާއި ގުންޑޮގާން އަދި މާރޭޒަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއްނުހިފުނެވެ.

ޔުނައިޓެޑުން މި މެޗަށް ނިކުތްއިރު ޑިސިޕްލިނަރީ މައްސަލައެއްގެ ސަބަބުން އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ފެށީ ބެންޗުންނެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑްނަގައިދޭން ލިބުނު ފުރުޞަތުގައި އާޖެންޓީނާގެ ޒުވާން ވިންގް، އަލެހަންދްރޯ ގާނާޗޯ ފޮނުވާލި ބޯޅަ ވުލްވްސްގެ ގޯލްކީޕަރު ހޯސޭ ސާ މަތަކުރިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިއިރު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ގާނާޗޯގެ ބަދަލުގައި ރަޝްފޯޑް ކުޅެން ނެރެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރަޝްފޯޑް އެވެ. ރަޝްފޯޑް މި ލަނޑުޖެހީ އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ދިން ތުރޫ ޕާހަކުންނެވެ. އޭގެފަހުން، މެޗުގެ 84 ވަނަ މިނެޓުގައި ރަޝްފޯޑް އިތުރު ގޯލެއް ކާމިޔާބުކުރިއިރު ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. 

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަނގަޅު ފޯމެއްގައި އޮތް ނިއުކާސަލް ވަނީ އަމިއްލަ ދަނޑުގައި ލަނޑެއްނުޖެހި ލީޑްސް ޔުނައިޓެޑާ އެއްވަރުވެފައެވެ. ސައުތެމްޓަން އަތުން 2-1 އިން ފުލަމް މޮޅުވިއިރު، ކްރިސްޓަލް ޕެލަސް އިން ވަނީ ރަށުން ބޭރުގައި 2-0 އިން ބޯންމައުތު ބަލިކޮށްފައެވެ.