ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅުނު ޑާބީގައި އެސްޕަންޔޯލްއާ 1-1 އިން ބާސެލޯނާ އެއްވަރުވި ނަމަވެސް އެ ޓީމުން އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މިއީ ލީގުގައި މި ދެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވަރުވެގެން ނިމުނު ތިންވަނަ މެޗެވެ. އަނެއް ދެ މެޗުން މޮޅުވީ ބާސެލޯނާ އެވެ.
މި ނަތީޖާއާއެކު ބާސެލޯނާ ވަނީ 15 މެޗުން ލިބުނު 38 ޕޮއިންޓާއެކު އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފައެވެ. ކުރިން އެ މަގާމުގައި އޮތީ ރޭ ވަޔަޑޮލިޑް އަތުން 2-0 އިން މޮޅުވި ރެއާލް މެޑްރިޑެވެ. ރެއާލަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވެސް 27 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ބާސެލޯނާގެ ދަނޑުގައި މިރޭ ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ މާކަސް އަލޮންސޯ އެވެ. އަލޮންސޯ މި ލަނޑުޖެހީ އެ ޓީމުގެ ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސަން ދިން ބޯޅައަކުންނެވެ.
އޭގެފަހުން، ފުރަތަމަ ހާފުގައި ބާސެލޯނާގެ ލީޑް ފުޅާކޮށްދޭން އަލޮންސޯ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު އެ ޓީމުގެ ބްރެޒިލް ވިންގް، ރަފީނިއާ ފޮނުވާލި ބާރު ހަމަލާ އެސްޕަންޔޯލްގެ ގޯލްކީޕަރު އަލްވާރޯ ފެނާންޑޭޒް ހުއްޓުވިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާގެ ޕޮލެންޑް ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، އޭގެފަހުން މެޗުގެ 73 ވަނަ މިނެޓުގައި އެސްޕަންޔޯލް އިން އެއްވަރުކުރި ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ހޮސެލޫ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ހޮސެލޫ އަށް ބާސެލޯނާގެ ފުލްބެކް އަލޮންސޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ބާސެލޯނާގެ ފުލްބެކް ޖޯޑީ އަލްބާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ފަހުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ. އޭގެ ދެ މިނެޓުފަހުން، ރެފްރީ ވަނީ އެސްޕަންޔޯލްގެ ވިނިޝިއަސް ސުއާޒާ އަށް ވެސް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އަދި ހަމަ އެ ދަނޑިވަޅުގައި އެސްޕަންޔޯލްގެ ޑިފެންޑަރު ލެއަންޑްރޮ ކަބްރޭރާ އަށް ވަނީ ސީދާ ރަތެއް ދައްކާފައެވެ. އެކަމަކު، ފަހުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
އޭގެފަހުން، ބާސެލޯނާ މޮޅުކޮށްދޭން ކްރިސްޓެންސަން އާއި ލެވަންޑޯސްކީ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް އެސްޕަންޔޯލްގެ ކީޕަރު ފެނާންޑޭޒް މަތަކުރިއިރު، އިތުރުވަގުތުގައި ލެވަންޑޯސްކީ ފޮނުވާލި ބޯޅަ އެސްޕަންޔޯލްގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފައެވެ.
ރެކޯޑް އަދަދަކަށް ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގެ ރެފްރީ މަޓެއޫ ލަހޯޒް އަކީ އެންމެ ފަހުގެ ވޯލްޑް ކަޕްގައި މައްސަލަ ބޮޑުވި ސެމީ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު އިންސާފުކުރި ރެފްރީ އެވެ. އެ މެޗުގައި 17 ވަރަކަށް ކާޑު ފެނިގެންގޮސްފައިވާއިރު، މި މެޗުގައި ވެސް ރެފްރީ ލަހޯޒް ވަނީ 16 ރީނދޫ ކާޑާއި، 2 ރަތް ކާޑު ދައްކައިފައެވެ.
