އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި 4-2 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށް އާސެނަލުން ތާވަލްގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މިރޭގެ ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 16 މެޗުން ލިބުނު 43 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 16 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތްއިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ 16 މެޗުން ލިބުނު 32 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އާސެނަލުން މިރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކިއެރަން ޓިއާނީގެ ބަދަލުގައި އޮލެގްޒެންޑަ ޒިންޗެންކޯ އަށް ފުރުޞަތުދީގެންނެވެ. ބްރައިޓަން އިން މިރޭގެ މެޗަށް ނިކުތްއިރު މޮއިސެސް ސައިސޭޑޯ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނުއިރު، ވޯލްޑް ކަޕަށް ފަހު އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު، އެލެކްސިސް މެކަލިސްޓާ އަދިވެސް ހުރީ ޗުއްޓީގައެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން 70 ވަރަކަށް ސިކުންތުގެ ތެރޭގައި އާސެނަލުން ލީޑްނެގީ ބުކާޔޯ ސަކާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އަރިމަތިން އެ ޓީމުގެ ބްރެޒިލް ވިންގް، ގެބްރިއެލް މާޓިނެލީ ނެގި ހުރަހަކުން ބްރައިޓަންގެ ކުޅުންތެރިންގެ ގައިގަ ޖެހިފައި އެ ބޯޅަ ސަކާ އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 39 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ލަނޑުޖަހައިިދިނީ އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މިއީ ބްރައިޓަންގެ ކުޅުންތެރިއަކު ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕެނަލްޓީއޭރިޔާ ތެރެއިން އޮޑެގާޑަށް ލިބުމުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓުގެ ތެރޭގައި އެޑީ އެންކެޓިއޭ ވަނީ އާސެނަލަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ އެ ޓީމުގެ ހަލުވި ވިންގް، މާޓިނެލީ ޖެހި ބާރު ޝޮޓެއް ބްރައިޓަންގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ފައިގައި ޖެހިފައި ނިކުތް ވަގުތު އެ ބޯޅަ އެންކެޓިއޭ އަށް ލިބުމުން ޖެހި ގޯލެކެވެ.

ބްރައިޓަން އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަޕާނުގެ ވިންގް، ކައޯރޫ މިޓޯމާ އެވެ. އެކަމަކު، އޭގެ ހަ މިނެޓުފަހުން އެ ޓީމުގެ ކެޕްޓަން އޮޑެގާޑް އިސްވެހުރެ އުފެއްދި ކައުންޓަ އެޓޭކެއްގައި މާޓިނެލީ ވަނީ އަލުން ތިން ލަނޑުގެ ލީޑް ދަމަހައްޓާފައެވެ.

އޭގެފަހުން، މެޗުގެ 77 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބްރައިޓަންގެ ޒުވާން ވިންގް، އިވާން ފާގަސަން ވަނީ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ބްރައިޓަން އަށް މިޓޯމާ އިތުރު ގޯލެއް ޖަހައިދިން ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.