ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުގައި ލެންސް އަތުން ރަށުން ބޭރުގައި 3-1 އިން ބަލިވެއްޖެއެވެ.
މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ މިދިޔަ އަހަރުގެ މާރިޗް މަހުގެ ފަހުން ލީގުގައި ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރު ވެސް މެއެވެ.
ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 17 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި ލެންސް އޮތްއިރު، ތިންވަނައިގައި އޮތް އޮލިމްޕިކް މާސޭ އަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ހަތަރުވަނައިގައި އޮތީ މޮނާކޯ އެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު، ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ އަށް ނުކުޅެވުނުއިރު، ވޯލްޑް ކަޕަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދިވެސް ހުރީ ޗުއްޓީގައެވެ. ނަމަވެސް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ މި މެޗުގައި ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވެއެވެ.
ލެންސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ލެންސް އަށް މި ލަނޑުޖަހައިދިނީ ޒެމީސްލާވް ފްރެންކޯސްކީ އެވެ. މިއީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަތުގައި ޖެހިފައި ނިކުތް ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ފްރެންކޯސްކީ ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ތިން މިނެޓުފަހުން، ހޫގޯ އެކިޓީކޭގެ ލަނޑުން ޕީއެސްޖީ އެއްވަރުކޮށްފައިވަނިކޮށް، މެޗުގެ 28 ވަނަ މިނެޓުގައި ލެންސްގެ ލޮއިސް އޮޕެންޑާ ވަނީ އެ ޓީމަށް އަލުން ލީޑްނަގައިދީފައެވެ. ލެންސްގެ ދެވަނަ ލަނޑު، އޮޕެންޑާ ޖެހީ ޕީއެސްޖީގެ ކެޕްޓަން މާކީނޯސް ކައިރިން ވަރަށް ފަސޭހައިން ނައްޓާލުމަށްފަހު އެ ޓީމުގެ ގޯލްކީޕަރު ޑޮންނަރުއްމާގެ އަށް ދަށުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މެޗުގައި ލެންސް އިން ޖެހި ތިންވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލެކްސިސް ކްލައުޑް-މައުރީސް އެވެ.
