އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް ކުޅުނު މެޗުގައި ބްރެންޓްފޯޑް އަތުން ރަށުން ބޭރުގައި 3-1 އިން ބަލިވެ، ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށްދިއުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
މިއީ 1938 ވަނަ އަހަރުގެ ފަހުން ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ ލީގުގައި މެޗަކުން ބަލިނުވެ ބްރެންޓްފޯޑުން ފުރިހަމަކުރި ހަވަނަ މެޗެވެ. އޭގެތެރެއިން، ތިން މެޗުން މޮޅުވިއިރު އަނެއް ތިން މެޗުން ވީ އެއްވަރެވެ. މީގެތެރޭގައި ލިވަޕޫލްގެ އިތުރުން މެންޗެސްޓާ ސިޓީ އަތުން މޮޅުވި މެޗު ހިމެނެއެވެ.
މި ނަތީޖާއާއެކު ލިވަޕޫލަށް ތާވަލްގެ ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ޔުނައިޓެޑަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް މިހާތަނަށް ކުޅުނު 17 މެޗުން ލިބުނު 28 ޕޮއިންޓާއެކު އޮތީ ހަވަނައިގައެވެ. ބްރެންޓްފޯޑް އޮތީ އެއް މެޗު އިތުރަށް ކުޅެގެން އޭގެ ދެ ޕޮއިންޓް ފަހަތުން ހަތްވަނައިގައެވެ. ތާވަލްގެ އެންމެ ކުރީގައި 16 މެޗުން ލިބުނު 43 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، ދެވަނައިގައި ސިޓީ އޮތީ 36 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އުޅޭ ނިއުކާސަލް ޔުނައިޓެޑަށް 17 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.
ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން 19 ވަނަ މިނެޓުގައި ބްރެންޓްފޯޑުން ލީޑްނެގީ ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އޭގެފަހުން، ބްރެންޓްފޯޑްގެ ފޯވާޑް ޔޮއާން ވިއްސަ ދެ ގޯލްޖެހިއިރު، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި، އެ ދެ ލަނޑުވެސް ރެފްރީ ގަބޫލެއްނުކުރިއެވެ.
އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރީން، ވިއްސަ ވަނީ ބްރެންޓްފޯޑަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި ވިއްސަ މި ލަނޑުޖެހީ އެ ޓީމުގެ މަތިއަސް ޔެންސަން ނެގި ހުރަހަކުން ލިބުނު ބޯޅައެއް މެއިން ކޮންޓްރޯލްކުރުމަށްފަހު އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ހާފުގައި ލިވަޕޫލަށް ލަނޑެއްޖަހައިދޭން އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ބްރެންޓްފޯޑްގެ އިނގިރޭސި ޑިފެންޑަރު، ބެން މީ ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
ލިވަޕޫލުން ދެވަނަ ހާފު ފެށިއިރު ގެނައި ބަދަލުތަކާއެކު ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަރަކަށް މިނެޓުގެ ތެރޭގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ އަލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އެވެ. އެ ޓީމުގެ އިނގިރޭސި ފުލްބެކް، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނެގި ހުރަހަކުން ޗެމްބަލެއިން މި ލަނޑުޖެހީ ބޮލުންނެވެ.
މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ބްރެންޓްފޯޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ކެމަރޫންގެ ވިންގް، ބްރަޔާން އެމްބުއޭމޯ އެވެ. މިއީ ލިވަޕޫލްގެ ޑިފެންޑަރު ކޮނާޓޭ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އޭނާ ވިއްދާފައިވަނިކޮށް ކައިރިން ދެމިގަތުމަށްފަހު އެމްބުއޭމޯ ކާމިޔާބުކުރި ގޯލެކެވެ.
ލިވަޕޫލަށް ދެން އޮތީ އެފްއޭކަޕްގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު މި މަހުގެ 14 ވާ ހޮނިހިރު ދުވަހު ލީގުގައި އެ ޓީމު ކުޅޭ މެޗުގައި ރަށުން ބޭރުގައި ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.
