ކުރިއަށް މިއޮތް 2 އަހަރުގެ ތެރޭގައި ޝާހުރުކް ޚާންގެ 3 ފިލްމެއް ބެލުންތެރިންނާއި ހަމައަށް އަންނާނެކަމަށް ބެލެވެއެވެ. އެއީ ސިއްދާތު އާނަންދުގެ "ޕަޓާން"ގެ އިތުރުން ރާޖްކުމާރު ހިރާނީގެ ފިލްމަކާއި އަތުލީގެ ހެއްވާމަޖާ ފިލްމެކެވެ. އަތުލީގެ ފިލްމަކީ އޭގެ މަސައްކަތް ވަރަށް ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ ފިލްމެކެވެ. މި ފިލްމުގައި ބައްޕަ އާއި ދަރިފުޅުގެ ޑަބަލްރޯލުން ޝާހު ފެނިގެންދާނެއެވެ. މި ފިލްމުގައި ފެނިގެންދާނީ ބައްޕައަކާއި ފިރިހެން ދަރިފުޅުގެ ހުރި އެއްގޮތްކަންކަމާއި، އެމީހުން ދިރިއުޅުމާއި މެދު ދެކެމުން އަންނަ ތަފާތު ނަޒަރިއްޔާތެވެ.

ފިމްލުގެ މައުލޫމާތު މީޑިޔާތަކާ ހިއްސާކުރި މަސްދަރަކުން ހާމަކުރި ގޮތުގައި، އުމުރުގެ ބޮޑުތަފާތެއް ހުރި ބައްޕައާއި ދަރިފުޅުގެ ގުޅުން ވަރަށް ފުރިހަމައަށް މި ފިލްމުގައި ދައްކައިދޭނެއެވެ. ފިލްމުގައި ބައްޕަ އަކީ ޖާސޫސީ އިދާރާ (ރޯ) ގެ ސީނިއަރ އޭޖެންޓެކެވެ. އޭޖެންޓްގެ މަޤްސަދަކީ އޭނާގެ ގޭންގްސްޓަރ ދަރިފުޅު ހައްޔަރުކުރުމެވެ. 1982 ވަނަ އަހަރު ރަމޭޝް ސިއްޕީ ނެރުނު "ޝަކްތީ" އާއި އެއްގޮތްކަމެއް ހުރި ނަމަވެސް މި ވާހަކަ ވަރަށް ތަފާތު ވާނެއެވެ.

މީގެ ކުރިންވެސް ޝާހުވަނީ ޑުޕްލިކޭޓް (1998) އަދި ޑޮން (2006) ގައި ޑަބަލް ރޯލުން ފެނިފައެވެ. ބެލެވޭ ގޮތުގައި މި ފަހަރުގެ ފިލްމުން ފެނިގެންދާނީ ވަރަށް ތަފާތު މޭކަޕަކާއި އެކުގައެވެ. މި ފިލްމުގެ މަސައްކަތް ފެށުމަށް ހަމަ ޖެހިފައިވަނީ 2021 ވަނަ އަހަރުގެ މެދު ތެރޭގައެވެ. އޭގެ ކުރިއަށް "ޕަޓާން" ގެ މަސައްކަތް ނިންމާލެވޭނެއެވެ.

2018 ވަނަ އަހަރު ނެރުނު "ޒީރޯ" ގެ ނާކާމިޔާބަށް ފަހު ޝާހު ވަނީ ދިގު ޗުއްޓީއެއް ނަގާފައެވެ. އޭނާ ހާމަކުރި ގޮތުގައި މިއީ އާއިލާއާއި އެކުގައި ވަގުތު ހޭދަކުރުމަށް ނެގި ޗުއްޓީއެކެވެ. ނަމަވެސް މިދިޔަ 8 ވަރަކަށް މަސްތެރޭގައި އާ ފިލްމުތަކެއްގެ ކަރުދާސް މައްސައްކަތްތައް ކުރެވި، ބައްދަލު ވުންތައް ދަނީ ބޭއްވެމުންނެވެ. ޝާހުގެ ސަޕޯޓަރުން ތިބީ "ޒީރޯ" ނާކާމިޔާބު ހަނދާން ނައްތާލެވޭ ވަރުގެ ފުރިހަމަ ފިލްމުތަކެއްގެ އިންތިޒާރުގައެވެ.