ރަހިމުގައި ފެން ކޮތަޅު އުފައްދާ ބަލި ނުވަތަ ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޮމް (ޕީ.ސީ.އޯ.އެސް) އަކީ ގިނަ އަންހެނުން ތަހައްމަލު ކުރަމުން އަންނަ ބައްޔެކެވެ. ނުވަތަ ހާލަތެކެވެ. މިއީ އޭގެ ސަބަބުން އެތަކެއް ތަކުލީފުތަކެއް އެ އަންހެނުން އުފުލަން ޖެހޭ ކަމެކެވެ. އެހެންކަމުގައި މިކަމުގައި ލުއިގޮތެއް ނުވަތަ ލުއި ހައްލެއް ހޯދުމަށް، މިކަން ތަހައްމަލު ކުރާ ކޮންމެ މީހަކުވެސް ބޭނުން ވެއެވެ.
ޕީ.ސީ.އޯ.އެސް ގެ އުނދަގޫތަކާއި ތަކުލީފުތަކަށް ތަސައްލީއެއް ހޯދުމަށް އެކި މީހުން އެކި ކަންކަން ކުރާތީ ފެނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ޕީ.ސީ.އޯ.އެސް ހުންނަ މީހުންނަށް ފަސޭހަކަމާއެކު މިކަމުގެ އުނދަގޫތައް ލުއިކޮށްލެވިދާނޭ ބައެއް ކަންތައްތަކަށެވެ. މިއީވެސް އެއްވެސް ހާލެއްގައި 100 އިންސައްތަ ކާމިޔާބު ކަންކަމެކޭ ނުދެއްނެވޭނެއެވެ. ނަމަވެސް މިކަންކަމުގެ ސަބަބުން މި ހާލަތު ތަހައްމަލު ކުރަމުންދާ އަންހެނުންނަށް އެކި ގޮތްގޮތުން ފައިދާ ތަކާއި ފަސޭހަތަކާއި ލުއިތައް ލިބިދެއެވެ.
މި ހާލަތު ހުންނަ ބައެއް މީހުން އާދަވެ ކޮންމެވެސް ކަހަލަ ޑައިޓެއް ކުރާތީ ފެނެއެވެ. ނަމަވެސް ކަމުގެ މާހިރުން ވިދާޅުވާގޮތުގައި ޕީ.ސީ.އޯ.އެސް އަށް ހާއްސަ ވަކި ޑައިޓެއް ނޯވެއެވެ. އެހެންކަމުން މިކަމަށް ލުޔެއް އެދިގެން އެއްވެސް ޑައިޓެއް ކުރުމަކީ މާ އެދެވޭނޭ ކަމެއް ނޫނެވެ. އަދި އެފަދަ ޑައިޓެއްގައި ދެމިހުރުންވެސް މިކަން ތަހައްމަލު ކުރާމީހުންނަށް ވާނީ އުނދަގޫ ކަމަކަށެވެ. މާހިރުން ވިދާޅުވާގޮތުވައި ޕީ.ސީ.އޯ.އެސް ހުންނަ މީހުން ގަދަ ކުލަ ކުލައިގެ މޭވާ އާއި ތަރުކާރީ ކުއުން ބުއްދިވެރިއެވެ. އަދި ފެހިކުލަ ގަދަ ފަތް ކެއުމާއި އެކު ބިމުއަޑިއަށް ފައިބާ ފަލަމަޑީގެ ބާވަތްތައް ކެއުންވެސް ގިނަ ކުރުން މުހިއްމެވެ.
މީގެ އިތުރުން، ކޮންމެ ދުވަހަކުވެސް އަވީގައި ޖެހި، އަވީގައި އުޅެލަން ވާނެއެވެ. ހާއްސަކޮށް އިރު އަރައިގެން އަންނަ ވަގުތުގައްޔާއި އޮށްސިގެން ދާ ވަގުތުގައެވެ. މި ވަގުތުތަކުގައި ދޭ އަވީގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި ވިޓަމިން ޑީ އުފައްދައިދޭ މިންވަރު އިތުރުކޮށްދޭނެއެވެ.
ގޮވާމާއި ގޮދަނުގެ ބާވަތްތަކަކީ އާންމުކޮށް ކެއުމުގައި ބޭނުން ކުރެވޭ ތަކެއްޗެވެ. ޕީ.ސީ.އޯ.އެސް ހުންނަ މީހެއްނަމަ މިފަދަ ކެއުންތަކުން ދުރުވާން ޖެހެއެވެ. ދިވެހިންގެ ތެރޭގައި މައިގަނޑުކޮށް ބޭނުން ކުރެވޭ ބަތާއި ރޮށްޓާއި ޕާން އަދި ބަނަސްފަދަ ތަކެތި ކާ މިންވަރު މަދުކުރުން ބުއްދިވެރިއެވެ. އަދި ހަމައެއާއި އެކު ކެއުމުގައި ހަކުރު ބޭނުން ކުރެވޭ މިންވަރު ބޮޑުތަނުން މަދު ކުރަން ޖެހޭނެއެވެ. ޕީ.ސީ.އޯ.އެސް ހުންނަކަން އެނގުމާއި އެކު އެކަމުގެ އަލާމާތްތައް ފެންނަ ނަމަ، ކެއުމުގައި ހަކުރު ބޭނުން ކުރެވޭ މިންވަރު ބޮޑުތަނުން މަދުކުރަން ވިސްނަން ވާނެއެވެ. މިއީ އަދާ މާދަމާގެ ދުޅަހެޔޮކަމަށް މުހިއްމު ކަމެކެވެ.
ކެއުމުގައު ކޮންމެ ފަހަރަކުހެއްމެ ޕްރޮޓީންގެ މިންވަރެއް ބޭނުން ކުރުންވެސް ވަރަށް މިހިއްމެވެ. މަދުވެގެން ދުވާލަކު ބިހެއް ކެއުމާއި މަހުގެ ބާވަތްތަކާއި ކިރު ގިނައިން ބޭނުން ކުރުމަކީވެސް އެހާމެ މުހިއްމު ކަމެކެވެ. ގަވައިދުން ކުރެވޭ ކަސްރަތުތަކަކީ މިކަމުގައި އެއްމެ މުހިއްމު ދައުރެއް އަދާ ކުރާ އެއް ކަމެވެ. މިއީ ގިނަ މީހުންނަށް ނުކުރެވޭވެސް ކަމެކެވެ. ކަންމިހެން ހުރި ނަމަވެސް ގަވައިދުން ކަސްރަތު ކުރަން އެބަ ޖެހެއެވެ. ގަވައިދުން ކޮންމެ ދުވަހަކު ނުކުރެވުނު ނަމަވެސް ގަވައިދުން ކޮންމެ ހަފްތާއަކު ނަމަވެސް ކުރެވޭތޯ ބަލާށެވެ. މަދުވެގެން ހަފްތާއަކު އެއް ދުވަހު ނަމަވެސް ހިތްވަރެއް ލައިގެން ކަސްރަތެއް ކުރެވޭތޯ ބަލާށެވެ.
ހާސްކަމާއި ނުތަނަވަސްކަމަކީ މުޅި މީހާ ބަލިކޮށްލުވާފަދަ ކަންކަމެވެ. ވީއިރު ހާސްކަމާއި ނުތަނަވަސްކަން ފިލުވުމަށް ހާއްސަކަމެއް ދޭންވާނެއެވެ. ހާސްވާފަދަ ކަންކަމުން ދުރުވެ ބުރަ ވިސްނުން ތަކުން ސިކުނޑި މިނިވަން ކުރަންވާނެއެވެ. ހުސްވަގުތުތަކުގައި އެއްޗެއް ހަފާލާނަމަ ރަނގަޅީ ކޮންމެވެސް ކަހަލަ ބަދަނެއް ހަފާލުމެވެ. ހަވާދުލީ އެއްވެސް އެއްޗެއް ނަވަތަ ތެތުލި އެއްވެސް އެއްޗެއް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.
މިއީ ޕީ.ސީ.އޯ.އެސް ހުންނަ މީހުންނަށް ގޭގައި ކުރެވިދާނޭ ބައެއް ކަންކަމެވެ. މިކަންކަމުގެ ސަބަބުން ބަލީގެ ހާލަތު ރަނގަޅުކޮށްދިނުމަށް އެހީތެެރިވެދެއެވެ. މާބޮޑު ކުރިއެރުމެއް މާ އަވަހަށް ނުފެނުނު ނަމަވެސް ދިގު މުއްދަތުގައި މިއީ ފައިދާކުރާނެ ކަންކަމެވެ. ބޭނުން ވަނީ ހިތްވަރަކާއި އެކު މިކަންކަމުގައި ދެމިހުރުމެވެ.
