އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި އާސެނަލް ކުޅުނު މެޗު ލަނޑެއްނުޖެހި އެއްވަރުވިއިރު، މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން ބޯންމައުތު ބަލިކޮށްފިއެވެ.

ރޭގެ މެޗުތަކަށްފަހު އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު 17 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެވެ. އޭގެ 8 ޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ތިންވަނައިގައި އޮތް ނިއުކާސަލް އާއި ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. ޔުނައިޓެޑަށް މިއަދަދަށް ޕޮއިންޓް ލިބުނީ އެއް މެޗު މަދުން ކުޅެގެންނެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ނިއުކާސަލްގެ މިޑްފީލްޑަރު، ޖޮއެލިންޓަން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. 

އާސެނަލްގެ ގެބްރިއެލް މަގަލޭޝް އާއި ގެބްރިއެލް މާޓިނެލީ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ދެ ހަމަލާ ވެސް ދަނޑިކައިރިން ބޭރަށް ދިޔައިރު، އެ ޓީމުގެ ފޯވާޑް އެޑީ އެންކެޓިއޭ ފޮނުވާލި ބޯޅަ ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް މަތަކުރިއެވެ.

ރޭގެ މެޗުގައި ބޯންމައުތު ކޮޅަށް ލަނޑުޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުނައިޓެޑްގެ ދަނޑުގައި ރޭ ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ތިން ގޯލްގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މި މެޗު ފެށިގެން 23 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު، ކަސެމީރޯ އެވެ. މިއީ އެ ޓީމުގެ ޑެންމާކް މިޑްފީލްޑަރު، ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހިލޭޖެހުމަކުން ކަސެމީރޯ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑުޖަހައިދިނީ އިނގިރޭސި ފުލްބެކް، ލޫކް ޝޯ އެވެ. މިދިޔަ ދެ މެޗުގައި ސެންޓްރަލް ޑިފެންސްގައި ކުޅުނު ޝޯ، ރޭ ކުޅުނީ އޭނާގެ ރަސްމީ މަގާމު ކަމަށްވާ ވާތު ފުލްބެކަށެވެ. އޭގެފަހުން، ޔުނައިޓެޑްގެ ފަހު ލަނޑު، 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑް އެވެ. މިއީ އޯލްޑް ޓްރެފޯޑްގައި ޖެހިޖެހިގެން ތިން މެޗުގައި އޭނާ ލަނޑުޖެހި ފުރަތަމަ ފަހަރެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އަމިއްލަ ދަނޑުގައި 1-0 އިން ލެސްޓާ ސިޓީ ބަލިކޮށް ފުލަމް އިން ވަނީ ތާވަލްގެ ހަތްވަނަ އަށް ޖެހިލާފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް އަލެކްސެންޑަ މިޓްރޮވިޗް އެވެ.

ބަދަލުތަކާއެކު ކުޅެން ނިކުތް ބްރައިޓަން އިން ރަށުން ބޭރުގައި 4-1 ގެ ނަތީޖާއަކުން ވަނީ އެވަޓަން ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކައޯރޫ މިޓޯމާ، އިވާން ފާގަސަން، ސޮލީ މާޗް، ޕަސްކަލް ގްރޮސް އެވެ. އެވަޓަންގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑެމާރޭ ގްރޭ އެވެ.