އެވަކާޑޯއަކީ ފާއިތުވި އަހަރުތަކުގައި ގިނަ ބަޔަކު ގަޔާވާ ކާނާއަކަށްވެފައިވާ އިރު، މީހުން "ސްމޫތީ"އަށް ނުވަތަ ޓޯސްޓުގެ މައްޗަށް އަޅައިގެން ބޭނުންކުރެއެވެ. މި މޭވާއަކީ ސިއްހީ ގޮތުން ތަފާތު ފައިދާތަކެއް ލިބޭ އެއްޗެކެވެ. އޭގެ ތެރެއިން ސިއްހަތަށް ފައިދާހުރި ގޮތްތައް ތިރީގައި މިވަނީއެވެ.
"ޕޮޓޭޝިއަމް"ގެ ބޮޑު މަސްދަރެއް އެކުލެވިގެންވޭ
"އެމެރިކާގެ އެގްރިކަލްޗަރ" ޑިޕާޓްމަންޓުން ބުނާ ގޮތުގައި 100 ގްރާމްގެ އެވަކާޑޯއެއްގައި 485 މިލިގްރާމް ޕޮޓޭޝިއަމް ހިމެނެއެވެ. 100 ގްރާމްގެ ދޮންކޭލެއްގައި 358 މިލިގްރާމް ޕޮޓޭޝިއަމް ހުރެއެވެ. "އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން" އިން ބުނާ ގޮތުގައި މި މައުދަނަކީ ނާރުތަކުގެ މަސައްކަތް "ރެގިއުލޭޓް" ކޮށް ސެލްތަކަށް "ނިއުޓްރިއެންޓްސް" ގެންދިއުމަށް އެހީތެރިވެދޭ އެއްޗެކެވެ.
"ޕޮޓޭޝިއަމް" އަކީ ލޭ މައްޗަށް ދިއުމާ ދެކޮޅަށް މަސައްކަތް ކުރާ އެއްޗެއްކަމަށް "އެމެރިކަން ހާޓް އެސޯސިއޭޝަން" އިން ބުނެއެވެ. ސޯޑިއަމްގެ މިންވަރު މަތިވުމަކީ ލޭގެ ޕްރެޝަރު އިތުރުކޮށްދޭ ކަމެއް ކަމަށް "ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ)" އިން ބުނެފައިވެއެވެ. އަދި، ޕޮޓޭޝިއަމްގެ ސަބަބުން އަހަރުމެންގެ ކުޑަކަމުދާތަކެތި މެދެވެރިކޮށް އިތުރު ސޯޑިއަމް ހަށިގަނޑުން ބޭރުކޮށްދިނުމަށް އެހީތެރިވެދީ ލޭގެ ޕްރެޝަރު ދަށްކޮދެއެވެ.
"މޮނޯއަންސެޗުރޭޓެޑް ފެޓްސް" އިން ފުރިފައިވޭ
"މޮނޯއަންސެޗުރޭޓެޑް ފެޓްސް" އަކީ "އަންސެޗުރޭޓެޑް ކާބަން ބޮންޑެއް" ހުންނަ "ފެޓް މޮލިކިއުލް" ތަކެކެވެ. އެއީ "އެޗް.ޑީއެލް" ކޮލެސްޓްރޯލަށް އަސަރު ނުކޮށް "އެލް.ޑީ.އެލް" ކޮލެސްޓްރޯލް ދަށްކުރުމަށް މަސައްކަތްކުރާ "އަންސެޗުރޭޓެޑް ފެޓްސް" އެވެ. މާގިނައިން "އެލް.ޑީ.އެލް" ކޮލެސްޓްރޯލް ހުރުމުން ލޭހޮޅިތައް ހަރުވެ ހަނިކޮށްދެއެވެ. މިކަމުގެ ސަބަބުން ލޭހޮޅިތަކުގެ ތެރެއިން ލޭ ދައުރުވުން މަދުވެ، ލޭ "ކްލޮޓް" ވުމާއި އެހެނިހެން "މެޑިކަލް ކޮމްޕްލިކޭޝަންތައް" ކުރިމަތިވެދާނެއެވެ.
ގިނަ ފައިބަރު ހުރޭ
100 ގްރާމުގެ އެވަކާޑޯގައި 07 ގްރާމުގެ ފައިބަރު ހުންނަ ކަމަށް "ޔޫ.އެސް.ޑީ.އޭ" އިން ބުނެއެވެ. ފައިބަރު މަދުން ހުންނަ ކާނާއަށްވުރެއް ފައިބަރު ގިނައިން ހުންނަ ކާނާ ގިނަ ވަގުތުތަކަށް ބަޑު ފުރުވައިދެއެވެ. އެހެންކަމުން ބަރުދަނަށް ފަރުވާ ބަހައްޓާ މީހުންނަށް އެވަކާޑޯ އަކީ އެންމެ ރަނގަޅު މޭވާއެވެ.
އެވޮކާޑޯގައި ގިނަ އަދަދަކަށް "ފޮލެޓް" އެކުލެވޭ
100 ގްރާމުގެ އެވަކާޑޯގައި 81 މައިކްރޮގްރާމުގެ "ފޮލޭޓް" ހިމެނޭ ކަމަށް "ޔޫ.އެސް.ޑީ.އޭ" އިން ބުނެއެވެ. ފޮލޭޓަކީ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށާއި މާބަނޑު އަންހެނުންނަށް މުހިއްމު ބީ ވިޓަމިނެކެވެ. "ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު އޮފީސް އޮފް ޑައިޓޭރިއަން ސަޕްލިމެންޓްސް" އިން ލަފާދެނީ މާބަނޑު އަންހެނުން ދުވާލަކު 600 މައިކްރޯގްރާމް ފޮލޭޓް ހިމެނޭ ކެއުން އިތުރުކުރުމަށެވެ. ފޮލޭޓް އަކީ މާބަނޑު ދުވަސްވަރުގެ ކުރީކޮޅު ތުއްތު ކުއްޖާގެ ސިކުނޑިއާއި "ސްޕައިން"ގެ އުނިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ.
އެވަކާޑޯ އަކީ "ނިއުޓްރިއެންޓްސް" ހިމެނޭ އަދި "އެލް.ޑީ.އެލް" ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ގިނަ ވަގުތުތަކަށް ބަނޑު ފުރުވައިދޭ އެއްޗެކެވެ. ސަރުބީ ގިނަ އެހެން ކާނާތަކެކޭ އެއްފަދައިން އެވޮކާޑޯ އަކީ ގްރާމެއްގައި ގިނަ އަދަދަކަށް ކެލޮރީ ހުންނަ އެއްޗެކެވެ. 100 ގްރާމްގެ އެވޮކާޑޯގައި 160 ކެލޮރީ އެކުލެވިގެންވެއެވެ.
