"ލާވް އާޖްކަލް"، "ޕިޔާރް ކާ ޕަންޗްނާމާ" އަދި " ޕަތީ ޕަތުތީ އައުރު ވޯ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ސަމާލުކަން ހޯދި ޒުވާން އެކްޓަރު ކާރްތިކް އާރިޔަންވެސް ފިލްމީ މަސައްކަތްތަކަށް އެނބުރި ދިއުމަށް ތައްޔާރު ވެއްޖެއެވެ. ލޮކްޑައުންގެ ތެރޭގައި ސޯޝަލް މީޑިޔާގައި ބެލުންތެރިންނާއި ވަރަށް ގާތްގުޅުމެއް ބޭއްވީ ކާރްތިކް މިހާރު ހުރީ ބޮޑު ކެމެރާގެ ކުރިމައްޗަށް އަރަން ކެތްމަދުވެފައެވެ.
ކާރްތިކްގެ ދެން އަންނަ ފިލްމުގެ ޑިރެކްޓަރަކީ 2016 ވަނަ އަހަރު ނިކުތް "ނީރްޖާ" ފިލްމުގެ ޑިރެކްޓަރ ރާމް މާދަވާނީއެވެ. ރާމްގެ ދެން އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ ސުޝްމިތާ ލީޑްރޯލުން ފެނިގެންދާ ވެބް ސީރީސް "އާރްޔާ"އެވެ.
ކާރްތިކްގެ އާ ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. މިދިޔަ އެއް އަހަރުގެ ތެރޭގައި ރާމް ވަނީ އެތައް ފިލްމެއްގެ ސްކްރިޕްޓެއް ކާރްތިކް އަށް ހުށައަޅާފައެވެ. ހުރިހާ ފިލްމެއްގެ ތެރެއިންވެސް ކާރްތިކްއަށް ކަމުދިޔައީ، ފެށުމެއް މި ތައްޔާރުވާ ތްރިލަރއެވެ. ސަބަބަކީ މިހާތަނަށް މިފަދަ ފިލްމެއްގައި މަސައްކަތް ކޮށްފައި ނުވުން ކަމަށް ކާރްތިކް ހާމަކުރިއެވެ.
ދެމަހަށް ޝެޑިއުލް ކުރެވުނު ފިލްމުގެ ޝޫޓިންގތައް އޮންނާނީ މުމްބައިގެ އެކި ލޮކޭޝަންތަކުގައެވެ. ފިލްމުގެ ޝޫޓިންގެ ފެށުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދެއެވެ. ދާދިފަހުން މަނީޝް މަލްހޯތްރާގެ ފެޝަން ޝޯ އިން ފެނުނު އިރު ކާރްތިކް ހުރީ އިސްތަށިގަނޑު ދިގުކޮށްފައެވެ. ބެލެވޭ ގޮތުގައި މި ފިލްމުގައި ކާރްތިކް ފެނިގެން ދާނީ މިހެން އިސްތަށިގަނޑު ދިގުކޮށް ހުއްޓައެވެ. ކޮވިޑް-19 ގެ ސަބަބުން ގޭތެރޭގައި ގިނަ ވަގުތު ހޭދަ ކުރި ކާރްތިކް ވަނީ ބޭރަށް ނިކުންނަން ތައްޔާރުވެފައެވެ. ކާރްތިކްގެ މި ފިލްމުގެ މަސައްކަތް ހަމަ ނިމޭއިރަށް، މިއަންނަ އަހަރުގެ ފެބްރުއަރީ މަހަށް ވަނީ "ބޫލް ބުލައްޔާ-2" ގެ މަސައްކަތް ތާވަލު ކުރެވިފައެވެ.
