ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް ކުޅެވުނު ސިލެކްޝަން މުބާރާތުގައި ފުރަތަމަ ދެ ދުވަހު ކުޅުނު މެޗުތަކަށްފަހު އިބްރާހިމް ހުޖާން، ޔަމާން އަބްދުލް ޖަލީލް އާއި އައިމިނަތު ވިދާދު އަދި ފާތިމަތު ރަޔާނާ އެ ޓީމުން ޖާގަ ހޯދައިފިއެވެ.
ގަލޮޅު ދަނޑުގައި ހުންނަ ގައުމީ ކެރަމް ހޯލްގައި ބުރާސްފަތި ދުވަހު ފެށި ސިލެކްޝަން މުބާރާތުގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގައި ހިމެނުނު 10 ކުޅުންތެރިންގެ އިތުރުން މީގެކުރީން ކުޅެވުނު އެކި މުބާރާތްތަކުން ފެނިގެންގޮސްފައިވާ ކުޅުންތެރިން ވެސް ބައިވެރިވެފައިވެއެވެ.
މި ފަހަރުގެ ސިލެކްޝަން މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅެވުނު މެޗުތަކަށްފަހު ގައުމީ ޓީމުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އެންމެ ފަހުން އެކުލަވާލީ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ހުޖާން އެވެ. ފައިނަލްގައި ހުޖާން ވަނީ މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން އިސްމާއިލް އަޒްމީން ބަލިކޮށްފައެވެ.
މި މުބާރާތުގައި ހުޖާން ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ގޭމުން އިސްމާއިލް އަބްދުލް ހަކީމް ބަލިކުރިއިރު، ސެމީ ފައިނަލްގައި އާދަމް އަދީލް އަތުން މޮޅުވީ ވެސް ސީދާ ދެ ގޭމުންނެވެ. އަދި އެއަށްފަހު ފައިނަލް މެޗުގައި އަޒްމީން ބަލިކުރީ ވެސް ގޭމެއް ގެއްލުވައިނުލައެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި އަންހެން ބައިގައި ވިދާދު ވަނީ ފައިނަލްގައި ސީދާ ދެ ގޭމުން އައިޝަތު ފައިނާޒް ބަލިކޮށްފައެވެ. އޭގެކުރީން، ވިދާދު ކުޅުނު ފުރަތަމަ މެޗުގައި ރަޔާނާ އަތުން ސީދާ ދެ ގޭމުން މޮޅުވިއިރު، ސެމީގައި އައިމިނަތު ވިޝާމާ ބަލިކުރީ 2-1 އިންނެވެ.
ފުރަތަމަ ބުރުގެ މެޗުތަކަށްފަހު ތިންވަނަ މަގާމް ހާސިލްކުރީ އަދީލް އާއި ވިޝާމާ އެވެ. ފިރިހެނުންގެ ބައިގައި ތިންވަނަ ހޮވާ މެޗުގައި މުހައްމަދު މުންތަސިރު (މުންކޮ) އަތުން ސީދާ ދެ ގޭމުން އަދީލް މޮޅުވިއިރު، ވިޝާމާ ވަނީ ސީދާ ދެ ގޭމުން އައިމިނަތު ޝުބާ އާދަމް ބަލިކޮށްފައެވެ.
އިއްޔެ ކުޅެވުނު ދެވަނަ ބުރުގެ މެޗުތަކަށްފަހު ގައުމީ ޓީމުގެ ދެވަނަ ޖާގަ ކަށަވަރުކުރީ ޔަމާން އާއި ރަޔާނާ އެވެ. ޔަމާން ކުޅުނު ފުރަތަމަ މެޗުގައި އިސްމާއިލް އަތުން ސީދާ ދެ ގޭމުން މޮޅުވިއިރު، ސެމީގައި އަދީލް އަތުން މޮޅުވީ 2-1 އިންނެވެ. އަދި އެއަށްފަހު ދެން ކުޅެވުނު ފައިނަލްގައި މުންކޮ ބަލިކުރީ ވެސް 2-1 އިންނެވެ.
ރަޔާނާ ވަނީ ފައިނަލްގައި ސީދާ ދެ ގޭމުން ފައިނާޒް ބަލިކޮށްފައެވެ. ދެވަނަ ބުރުގައި ރަޔާނާ ކުޅުނު ފުރަތަމަ މެޗުގައި އަފީފުއްނިސާ އަތުން ސީދާ ދެ ގޭމުން މޮޅުވިއިރު، ސެމީގައި އައިޝަތު ނަހުފާ އަތުން މޮޅުވީ ވެސް ހަމަ އެނަތީޖާއިންނެވެ.
ދެވަނަ ބުރުގެ މެޗުތަކަށްފަހު ތިންވަނަ މަގާމް ހޯދީ އަޒްމީން އާއި ނަހުފާ އެވެ. ފިރިހެނުންގެ ބައިގައި އަދީލް އަތުން 2-1 އިން އަޒްމީން މޮޅުވިއިރު، ނަހުފާ ވަނީ ހަމަ އެނަތީޖާ އިން ޝުބާ ބަލިކޮށްފައެވެ.
