އިނގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި ރޭ އެވަޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 3-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން އެ މުބާރާތުގެ އަނެއް ބުރުން ފުރުޞަތު ހޯދައިފިއެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑްނަގައިދިނީ ބްރެޒިލްގެ ވިންގް، އެންތަނީ އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ދިން ބޯޅައަކުން އެންތަނީ ކާމިޔާބުކުރި ގޯލެކެވެ.
ޔުނައިޓެޑުން ލީޑްނެގިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި އެވަޓަން އަށް އެއްވަރުކޮށްދިނީ އިނގިރޭސި ޑިފެންޑަރު، ކޮނާ ކޯޑީ އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި އެވަޓަންގެ ޑިފެންޑަރު ކޯޑީ އަތުން ބައިކޮޅަށް ވަތް ލަނޑަކުން ޔުނައިޓެޑުން އަލުން ލީޑްނެގިއެވެ.
އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑްގެ ތިންވަނަ ލަނޑުޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ވިންގް، އަލެހަންދްރޯ ގާނާޗޯ އަށް އެވަޓަންގެ ޑިފެންޑަރު ބެން ގޮޑްފްރޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު ލިވަޕޫލްގެ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗާއި ވެސްޓް ހޭމް ޔުނައިޓެޑުން ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.
