ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ސްޓެލްކޯ އިން ބުނީ ބުރާސްފަތި ދުވަހު ގުޅީގައި ދޭންފެށި މި ހިދުމަތާއި އެކު، ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ހޮޓްލައިނަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
މި ހިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެންދިއުމާއެކު، ކުންފުނީގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް 1 ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ބޭންޑް A އަށް ދިހަ ރުފިޔާ، ބޭންޑް B އަށް ބާރަ ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް ތޭރަ ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯ އިން ބުނީ އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް ގުޅީގެ އިތުރުން، އދ. މަހިބަދޫ އާއި ކ. ގާފަރުގައި ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައި ވެސް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިކުންފުނިން ދަނީ ވަމުން ކަމަށް ބުންޏެވެ.
ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 އެވެ.
ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުންވެސް މި ހިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް މި ހިދުމަތް އެ ރަށުން ފޯރުކޮށްދެވިގެންދާނެ އެވެ.
