ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް ކުޅެވުނު ސިލެކްޝަން މުބާރާތުގައި އެންމެ ފަހުން ކުޅެވުނު މެޗުތަކަށްފަހު އިސްމާއިލް އަޒްމީން، އާދަމް އަދީލް އާއި އައިޝަތު ފައިނާޒް އަދި އައިޝަތު ނަހުފާ ވަނީ ޓީމުން ފުރުޞަތު ހޯދައިފައެވެ.
ގަލޮޅު ދަނޑުގައި ހުންނަ ގައުމީ ކެރަމް ހޯލްގައި އާދީއްތަ ދުވަހު ކުޅެވުނު ތިންވަނަ ބުރުގެ މެޗުތަކަށްފަހު އަޒްމީން ވަނީ ގައުމީ ޓީމުން ޖާގަ ކަށަވަރުކޮށްފައެވެ. ފައިނަލްގައި އަޒްމީން ވަނީ މުހައްމަދު މުންތަސިރު (މުންކޮ) އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ.
ތިންވަނަ ބުރުގެ ސެމީ ފައިނަލްގައި އަދީލް އަތުން އަޒްމީން މޮޅުވީ ވެސް ސީދާ ދެ ގޭމުންނެވެ. އަޒްމީން އަށް ސެމީން ފުރުޞަތު ލިބުނީ ދެވަނަ ބުރުގެ ތިންވަނަ މަގާމް ހާސިލްކުރުމުންނެވެ. ފިރިހެނުންގެ ބައިގެ ތިންވަނަ މަގާމް ހޯދީ ސީދާ ދެ ގޭމުން ސަދޫހު ބަލިކުރި އަދީލް އެވެ.
މުބާރާތުގެ ތިންވަނަ ބުރުގައި އަންހެނުންގެ ބައިގެ ފައިނަލްގައި ފައިނާޒް ވަނީ ވާދަވެރި ކުޅުމަކަށްފަހު 2-1 އިން ނަހުފާ ބަލިކޮށްފައެވެ. އޭގެކުރީން، ސެމީގައި ކުޅުނު މެޗުގައި އައިމިނަތު ވިޝާމާ އަތުން ފައިނާޒް މޮޅުވީ ވެސް 2-1 އިންނެވެ. އަންހެނުންގެ ބައިގައި ތިންވަނަ މަގާމް ހާސިލްކުރީ ވިޝާމާ އެވެ. ވިޝާމާ ވަނީ ސީދާ ދެ ގޭމުން އައިމިނަތު ޝުބާ އާދަމް ބަލިކޮށްފައެވެ.
އިއްޔެ ކުޅެވުނު ހަތަރުވަނަ ބުރުގެ މެޗުތަކަށްފަހު ގައުމީ ޓީމުގެ ހަތަރުވަނަ ޖާގަ ކަށަވަރުކުރީ އަދީލް އާއި ނަހުފާ އެވެ. އަދީލް ކުޅުނު ފުރަތަމަ މެޗުގައި ސެމީގައި އިސްމާއިލް އަބްދުލް ހަކީމް އަތުން ސީދާ ދެ ގޭމުން މޮޅުވެ، ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލްގައި ވާދަވެރި ކުޅުމަކަށްފަހު މުންކޮ އަތުން އަދީލް މޮޅުވީ 2-1 އިންނެވެ.
ސެމީގައި ސީދާ ދެ ގޭމުން ޒައިނަތު ބަލިކޮށް ނަހުފާ ފައިނަލުން ޖާގަ ހޯދިއެވެ. ނަހުފާ އަށް ސެމީން ޖާގަ ލިބުނީ ތިންވަނަ ބުރުގެ ރަނަރަޕް މަގާމު ހާސިލްކުރުމުންނެވެ. ފައިނަލްގައި ޝުބާ އަތުން ނަހުފާ މޮޅުވީ ވެސް ސީދާ ދެ ގޭމުންނެވެ.
ހަތަރުވަނަ ބުރުގެ މެޗުތަކަށްފަހު ތިންވަނަ މަގާމް ހޯދީ އިސްމާއިލް އާއި ވިޝާމާ އެވެ. ފިރިހެނުންގެ ބައިގައި މާހިލް އަތުން ސީދާ ދެ ގޭމުން އިސްމާއިލް މޮޅުވިއިރު، ޒައިނަތު އަތުން ވިޝާމާ މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.
