އިނގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި ރޭ ރަށުން ބޭރުގައި އޮކްސްފޯޑް ޔުނައިޓެޑް އަތުން 3-0 އިން ހޯދީ މޮޅާއެކު އާސެނަލުން އެ މުބާރާތުގެ ހަތަރުވަނަ ބުރުގައި ދެން ކުޅެން ޖެހޭނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
އޮކްސްފޯޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ސަމްބީ ލޮކޮންގާ ފޮނުވާލި ބޯޅައެއް ޕެނަލްޓީއޭރިޔާ ތެރެއިން އޮކްސްފޯޑްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނުނަމަވެސް ރެފްރީ ޕެނަލްޓީއެއް ނުދިނެވެ. މި މެޗުގައި ވީއޭއާރްގެ އިތުރުން ގޯލް-ލައިން ޓެކްނޮލޮޖީ ބޭނުންކޮށްފައެއްނުވެއެވެ.
އާސެނަލުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރުގެ މިޑްފީލްޑަރު، މުހައްމަދު އެލްނެނީ އެވެ. މިއީ ހިލޭޖެހުމަކުން އެ ޓީމުގެ ޕޯޗުގީޒް މިޑްފީލްޑަރު، ފަބިއޯ ވިއޭރާ ނެގި ހުރަހަކުން ލިބުނު ބޯޅައެއް އެލްނެނީ ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ހަތް މިނެޓުފަހުން، އާސެނަލްގެ ދެވަނަ ލަނޑުޖަހައިދިނީ އެޑީ އެންކެޓިއޭ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ވިއޭރާ އެވެ. އެންކެޓިއޭ މި ލަނޑުޖެހީ އޮކްސްފޯޑްގެ ގޯލްކީޕަރު، އެޑްވާޑް މެކްގިންޓީ ކައިރިން ނައްޓާފައި ގޮސް ހުސް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
އޭގެފަހުން، މެޗުގެ 76 ވަނަ މިނެޓުގައި އާސެނަލްގެ ފަހު ލަނޑުޖަހައިދިނީ ވެސް އެންކެޓިއޭ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގް، ގެބްރިއެލް މާޓިނެލީ ދިން ބޯޅައަކުން އެންކެޓިއޭ ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގެ ތިންވަނަ ބުރުގައި ޗެލްސީ އަތުން 4-0 އިން ހޯދީ މޮޅާއެކު ސިޓީން ވަނީ އަނެއް ބުރަށް ދަތުރުކޮށްފައެވެ. އެ ޓީމުން ހަތަރުވަނަ ބުރުގައި އާސެނަލާ ދެކޮޅަށް ނިކުންނައިރު، މެންޗެސްޓާ ޔުނައިޓެޑް ނިކުންނާނީ ރެޑިންއާ ދެކޮޅަށެވެ. ވުލްވްސްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުން ވަނީ ރިޕްލޭއަކަށް ގޮސްފައެވެ.
