ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް ކުޅެވުނު ސިލެކްޝަން މުބާރާތުގެ ފަސްވަނަ ބުރުގެ ފައިނަލްގައި އައިމިނަތު ވިޝާމާ ބަލިކޮށް، އައިމިނަތު ޝުބާ އާދަމް ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.
މިއީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ޝުބާ، ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ މިފަހަރުގެ މުބާރާތުގައި ވިޝާމާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ޝުބާ މޮޅުވި ދެވަނަ ފަހަރެވެ. އަނެއް ދެ މެޗުން މޮޅުވީ ވިޝާމާ އެވެ.
ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ކުރިއަށްދިޔަ މުބާރާތުގެ ފަސްވަނަ ބުރުގައި އަންހެން ބައިގައި މިރޭ ކުޅެވުނު ފައިނަލްގައި ޝުބާ ވަނީ 2-1 އިން ވިޝާމާ ބަލިކޮށްފައެވެ. މި ބުރުގައި ޝުބާ ކުޅެން ހަމަޖެހިފައި އޮތް ސެމީ ފައިނަލް މެޗަށް ޒައިނަތު ހާޟިރުނުވުމުން އެ މެޗު އޭނާ އަށް ލިބުނީ ސީދާ ދެ ގޭމުންނެވެ.
މި ފަހަރުގެ ސިލެކްޝަން މުބާރާތުގައި ޝުބާ ހޯދި ނަތީޖާތަކަށް ބަލާއިރު ފުރަތަމަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން އައިޝަތު ނަހުފާ އަތުން 2-1 އިން މޮޅުވިނަމަވެސް، ސެމީގައި އައިޝަތު ފައިނާޒް އަތުން ބަލިވީ ސީދާ ދެ ގޭމުންނެވެ. އެއަށްފަހު ކުޅެވުނު ތިންވަނަ ހޮވާ މެޗުން ވިޝާމާ އަތުން ބަލިވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.
ސިލެކްޝަންގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ޒައިނަތު އަތުން ސީދާ ދެ ގޭމުން މޮޅުވިއިރު، ސެމީގައި އަނެއްކާވެސް ކުރިމަތިލާންޖެހުނީ ފައިނާޒުއާ އެވެ. އެ މެޗުން ޝުބާ ބަލިވީ ސީދާ ދެ ގޭމުންނެވެ. އެއަށްފަހު ދެން ކުޅެވުނު ތިންވަނަ ހޮވާ މެޗުގައި ނަހުފާ އަތުން ބަލިވީ 2-1 އިންނެވެ.
ދެން ކުޅެވުނު މުބާރާތުގެ ތިންވަނަ ބުރުގައި އަފީފުއްނިސާ އަތުން ސީދާ ދެ ގޭމުން ޝުބާ މޮޅުވިއިރު، ސެމީގައި ނަހުފާ އަތުން ބަލިވީ 2-1 އިންނެވެ. އޭގެފަހުން، ދެން ކުޅެވުނު ތިންވަނަ ހޮވާ މެޗުގައި ވިޝާމާ އަތުން ބަލިވީ ސީދާ ދެ ގޭމުންނެވެ.
ހަތަރުވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި އަފީފުއްނިސާ އަތުން ޝުބާ މޮޅުވީ ސީދާ ދެ ގޭމުންނެވެ. އެއަށްފަހު ދެން ކުޅެވުނު ސެމީގައި ވިޝާމާ ބަލިކުރީ 2-1 އިންނެވެ. އެ މެޗަކީ މި ފަހަރުގެ މުބާރާތުގައި ޝުބާގެ އެންމެ ފާހަގަކޮށްލެވުނު އެއް މެޗެވެ.
އެގޮތުން، އެ މެޗުގެ ތިންވަނަ ގޭމްގެ ހަތަރުވަނަ ބޯޑުގައި ހެދި ބްލެކް ސްލޭމް އާއެކު ޝުބާ ވަނީ މި ފަހަރުގެ މުބާރާތުގައި ސްލޭމް ހެދި ހަމައެކަނި އަންހެން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އެކަމަކު، ދެން ކުޅެވުނު ހަތަރުވަނަ ބުރުގެ ފައިނަލްގައި ނަހުފާ އަތުން ޝުބާ ބަލިވީ ސީދާ ދެ ގޭމުންނެވެ.
