ސިލެކްޝަން މުބާރާތުގެ ފަސްވަނަ ބުރުގެ ފައިނަލްގައި ކުރީގެ ގައުމީ ޗެމްޕިއަން މުހައްމަދު މުންތަސިރު (މުންކޮ) ކަޓުވާލުމަށްފަހު އިސްމާއިލް އަބްދުލް ހަކީމް ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.

މިއީ އިސްމާއިލްގެ ކެރަމް ކެރިއަރުގައި ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއްދެއްކި މުންކޮ އަށް ފަހަކަށްއައިސް ގައުމީ ޓީމުން ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ.

ގަލޮޅު ދަނޑުގައި ހުންނަ ގައުމީ ކެރަމް ހޯލްގައި ކުރިއަށްދިޔަ މުބާރާތުގެ ފަސްވަނަ ބުރުގައި ފިރިހެން ބައިގައި މިރޭ ކުޅެވުނު ފައިނަލްގައި މުންކޮ އަތުން އިސްމާއިލް މޮޅުވީ 2-1 އިންނެވެ. މި ބުރުގެ ސެމީ ފައިނަލްގައި މާހިލް އަތުން އިސްމާއިލް މޮޅުވީ ސީދާ ދެ ގޭމުންނެވެ.

މި ފަހަރުގެ ސިލެކްޝަން މުބާރާތުގައި އިސްމާއިލް ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު ފުރަތަމަ ބުރުގައި އިބްރާހިމް ހުޖާން އަތުން ސީދާ ދެ ގޭމުން ބަލިވިއިރު، ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ޔަމާން އަބްދުލް ޖަލީލް އަތުން ބަލިވީ ވެސް ހަމަ މި ނަތީޖާއިންނެވެ. ދެން ކުޅެވުނު މުބާރާތުގެ ތިންވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި އާދަމް އަދީލް އަތުން އިސްމާއިލް ބަލިވީ ސީދާ ދެ ގޭމުންނެވެ.

އެއަށްފަހު، ދެން ކުޅެވުނު މުބާރާތުގެ ހަތަރުވަނަ ބުރުގެ ފުރަތަމަ މެޗުން ސަދޫހު އަތުން ސީދާ ދެ ގޭމުން މޮޅުވިއެވެ. އެކަމަކު، ދެން ކުޅެވުނު ސެމީ ފައިނަލް މެޗުގައި އަދީލް އަތުން ބަލިވީ ސީދާ ދެ ގޭމުންނެވެ. ނަމަވެސް، ދެން ކުޅެވުނު ތިންވަނަ ހޮވާ މެޗުގައި ސީދާ ދެ ގޭމުން މާހިލް ބަލިކުރިއެވެ.

މި އަހަރުގެ ފުރަތަމަ ސިލެކްޝަން މުބާރާތަށްފަހު އެކުލަވާލި ގައުމީ ކެރަމް ޓީމުގައި އަންހެން އަދި ފިރިހެން ޖިންސް ހިމެނޭ ގޮތަށް 10 ކުޅުންތެރިން ހިމެނެއެވެ. ފިރިހެން ޓީމުގައި ހިމެނެނީ؛ ހުޖާން، ޔަމާން، އިސްމާއިލް އަޒްމީން އާއި އާދަމް އަދީލް އަދި އިސްމާއިލް އެވެ. އަދި އަންހެން ޓީމުގައި ހިމެނެނީ؛ އައިމިނަތު ވިދާދު، ފާތިމަތު ރަޔާނާ، އައިޝަތު ފައިނާޒް އާއި އައިޝަތު ނަހުފާ އަދި އައިމިނަތު ޝުބާ އާދަމް އެވެ.