ހޮލީވުޑަށް ބަލާލާ ނަމަ ކުޑަކުދިން ބޭނުންކޮށްގެން ހެދޭ ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް ގިނައެވެ. އެހެންކަމުން މިއަދު ބަލާލަނީ އެފަދައިން މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ނުވަތަ ކޮށްފައިވާ ކުދިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ ކުދިންނަށެވެ.
-
ސެލީނާ ގޯމެޒް – މިލްކިއްޔާތު 50 މިލިއަން ޑޮލަރު

އުމުރުން އެންމެ 10 އަހަރުން ފެށިގެން މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސެލީނާ އަށް ބޮޑު މަޝްހޫރުކަމެއް ލިބުނީ "ބާރނީ އެންޑް ފްރެންޑްސް" ޓީވީ ސިލްސިލާ އިންނެވެ. އޭރުވެސް އެ ސިލްސިލާގެ ކޮންމެ އެޕިސޯޑަކަށް 3،000 ޑޮލަރު ސެލީނާއަށް ލިބެއެވެ. ފުރާވަރަށް އެރުމުން ސެލީނާ ވަނީ ޑިޒްނީ ޗެނަލް ގެ "ވިޒަރޑްސް އޮފް ދަ ވޭވަރލީ ޕްލޭސް" އިން ފެނިފައެވެ. އެ ސިލްސިލާގެ ކޮންމެ އެޕިސޯޑަކަށް ސެލީނާއަށް 30،000 ޑޮލަރު ލިބުނެވެ. ނަމަވެސް ޅަ އުމުރުގައި މިއުޒިކްގެ ދުނިޔޭގައި ވިދާލައިގެން ސެލީނާއަށް ލިބޭ އާމްދަނީ އާ އަޅާ ބަލާއިރު ޓީވީ އިން އޭނާއަށް ލިބުނީ ވަރަށް ކުޑަ މިންވަރެކެވެ. މިހާރު ސެލީނާ ހިމެނެނީ ޕޮޕް މިއުޒިކް ފަންނާނުންގެ ލިސްޓުގެ ވަރަށް ކުރީގައެވެ.
-
އެމާ ވޮޓްސަން – މިލްކިއްޔާތު 80 މިލިއަން ޑޮލަރު

ރިޕޯޓްތައް ބުނާ ގޮތުން ނަމަ އެމާ ވޮޓްސަންގެ މިލްކިއްޔާތުގެ 60 މިލިއަން ޑޮލަރު އޭނާ ހޯދާފައިވަނީ ހެރީ ޕޮޓަރ ފިލްމު ތަކުގައި ހަރމިން ގްރޭންޖަރ ގެ ރޯލް އަދާކޮށްގެންނެވެ. އެފަދަ ފިލްމުތައް އަބަދު ކުޅެން ނުލިބުނަސް އެހެން ފިލްމުތަކުން ވެސް އެމާއަށް ރަގަޅު އާމްދަނީ ލިބުނެވެ. ޑިޒްނީގެ ފިލްމު ބިއުޓީ އެންޑް ދަ ބީސްޓް ކުޅެން އެމާ އެއްބަސް 3 މިލިއަން ޑޮލަރަށެވެ. ނަމަވެސް ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު އިތުރު 15 މިލިއަން ޑޮލަރު އެމާއަށް ލިބުނެވެ.
-
ޑެނިއަލް ރަޑްކްލިފް - މިލްކިއްޔާތު 110 މިލިއަން ޑޮލަރު

ހެރީ ޕޮޓަރ ފިލްމުތަކުގެ ލީޑް ރޯލްތަކުން މަޝްހޫރުވި ޑެނިއަލް ވަނީ ވަރަށް ޅަ އުމުރުގައި މާލީގޮތުން ދިރިއުޅުން ހަމައަކަށް އެޅިފައެވެ. އެ އުމުރުގައި ގިނަ ޒުވާނުންނަށް އެމީހުން ކުރަންވީ ކޮން ކަމެއް ކަން ނުވަތަ ކުރިއަށް ދާންވީ ރޮނގުވެސް އިޚްތިޔާރު ނުކުރެވެއެވެ. ހެރީ ޕޮޓަރ ސިލްސިލާގެ ފިލްމުތަކުގެ މަޤްބޫލުކަން އިތުރުވަމުން ދިޔަ ވަރަކަށް ޑެނިއަލްގެ މުސާރަވެސް ދިޔައީ ބޮޑު ވަމުންނެވެ. ފުރަތަމަ ފިލްމުން 145،000 ޑޮލަރު ލިބުނު ޑެނިއަލް ދެވަނަ ފިލްމަށް ސޮއިކުރީ 3 މިލިއަނަށެވެ. ތިން ވަނަ ފިލްމުން 6 މިލިއަން ޑޮލަރު ލިބުމަށްފަހު ހަތަރު ވަނަ ފިލްމުން 11 މިލިއަން ޑޮލަރު ލިބުނެވެ. ފަސްވަނަ ފިލްމު ކަމަށްވާ "ހެރީޕޮޓަރ އެންޑް ދަ ފީނިކިސް" އިން 14 މިލިއަން ޑޮލަރު ލިބުނެވެ. މި ސިލްސިލާއިން ދެން ނެރެވުނު ދެ ހެރީ ޕޮޓަރ 6 އަދި 7 ވަނަ ފިލްމުގެ ތެރެއިން ކޮންމެ ފިލްމަކުން ޑެނިއަލް އަށް 20 މިލިއަން ޑޮލަރު ލިބުނެވެ. މިއީ ބޮޑު އަދަދެއް ކަމަށް ހީވާ ނަމަ 8 ވަނަ ފިލްމުން އޭނާއަށް ލިބޭނެވަރު އަންދާޒާ ކޮށްލާށެވެ. އަށް ވަނަ ފިލްމުން 8.6 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.
-
މިލީ ސައިރަސް – މިލްކިއްޔާތު 160 މިލިއަން ޑޮލަރު

މިލީ ސައިރަސްގެ ވަރަށް ޅަ އުމުރުގައި އޭނާ ތަރިއަކަށް ހެދީ އެދުވަސްވަރު ޑިޒްނީގެ އެންމެ މަޝްހޫރު ސިލްސިލާ ހަނާ މޮންޓާނާ އިންނެވެ. އުމުރުން އެންމެ 11 އަހަރުގައި އެ ސިލްސިލާގެ ކޮންމެ އެޕިސޯޑަކަށް މިލީ ސައިރަސް އަށް 15،000 ޑޮލަރު ލިބުނެވެ. މީގެ އިތުރުން އޭނާގެ އަލްބަމް "ހަނާ މޮންޓާނާ 2: މީޓް މިލީ ސައިރަސް" އިން 10 މިލިއަން ޑޮލަރު އޭނާއަށް ލިބުނެވެ. މިހާރު ޕޮޕް މިއުޒިކްގައި ވިދަމުން އަންނަ ތަރި މިލީ އަކީ ގިނަ ޒުވާނުންގެ މެދުގައި މަޤްބޫލު ފަންނާނެކެވެ.
-
މެރީ ކޭޓް އަދި އޭޝްލީ އޮލްސެން – މިލްކިއްޔާތު 400 މިލިއަން ޑޮލަރު

އެއްމާބަނޑު ދެބެން ކަމަށްވާ މެރީ ކޭޓް އަދި އޭޝްލީ އޮލްސެންގެ ފިލްމީ ކެރިއަރު ފެށުނީ އެކުދިންގެ އުމުރުން އެންމެ 9 މަހުގައެވެ. އޭ.ބީ.ސީ ސިޓް ކޮމް އިން ގެނެސްދިން ފުލް ހައުސް ގެ ކޮންމެ އެޕިސޯޑަކަށް އެ ދެކުދިންނަށް 2،400 ޑޮލަރު ލިބުނެވެ. ފަހުން މި އަދަދު ވަނީ އެޕިސޯޑަކަށް 25،000 ޑޮލަރަށް މަތިވެފައެވެ. 8 ސީޒަނަކަށް ގެނައި މި ސިލްސިލާ ނިމުން އިރު އެކުދިންނަށް ކޮންމެ އެޕިސޯޑަށް 80،000 ޑޮލަރު ލިބެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހެދުމުގެ ވިޔަފާރި އެއް މި ދެކުދިންގެ ނަމުގައި ހިނގައެވެ. މި ވިޔަފާރިން އަހަރަކު 50 މިލިއަން ޑޮލަރުގެ އާމްދަނީ އެއް މިކުދިންނަށް ލިބެއެވެ.
