ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ގުޅޭގޮތުން ދޮގު ހަބަރު ފަތުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެކަމަނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
އެކަމަނާގެ ގާނޫނީ ވަކީލުންގެ ޓީމު، ދަ ލިޓިޖަންޓްސް ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ "މޯލްޑިވްސް ނިއުސް ނެޓްވޯކް" އޮންލައިން ނޫހުގައި އެކަމަނާ އާއި ގުޅޭގޮތުން ލިޔެފައިވަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.
އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ފަޒްނާގެ ކުންފުންޏަކުންނެވެ.
އެކަމާ ގުޅިގެން ފަސްޓު ލޭޑީ ފަޒުނާ އަހްމަދު ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ވަނީ ފަޒްނާގެ ނަމުގައި އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުންޏެއްގެ މައުލޫމާތު ހާމަ ކުރުމަކީ ޚބަރު ލިޔުނު ނޫހުގެ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
" އެފަދަ އެއްވެސް ކަމެއް ކުރުމެއް ނެތި ހަމައެކަނި ހިތު ލަފައަށް އެއްޗެއް ޝާއިއުކުރުމުން އެޑިޓަރާއި ނޫހުގެ ފެންވަރު އެނގިގެންދޭ. އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް." ގާނޫނީ ޓީމުން ބުނެފައި ވެއެވެ.
އެ ޓީމުން ބުނެފައިވަނީ ފަޒްނާގެ ފައިސާތަކެއް މޮރިޝަސް އަށް ބަދަލުކުރި ކަމަށް އެ ލިޔުމުގައި ބުނެފައިވާ ކަމަށާއި އެކަމަކު އެއީ ކޮން ފައިސާއެއް ކަމެއް އަދި އެއީ ކޮން ވިޔަފާރިއެއް ކަމެއް ބުނެދީފައި ނެތް ކަމަށެވެ. އަދި އެ ހުރިހާ ތުހުމަތުތަކަށް ފަޒްނާ އިންކާރު ކުރައްވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެބަޔާނުގައި ބުނީ “މޯލްޑިވްސް ނިއުސް ނެޓްވޯކް” ގެ ތުހުމަތުތަކާއި ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
